ރާއްޖެއިން ކޯވިޑް19 ވެކްސިން ޖެހި ޖުމްލަ މީހުންގެ އަދަދު ލައްކައަކަށްވުރެ އިތުރުވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން ރޭ އަންމުކުރި ހިސާބުތަކަށް ބަލާއިރު އިއްޔެ ހަވީރު 18:00ގެ ނިޔަލަށް ރާއްޖެއިން ޖުމްލަ 105،492 މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފަ އެވެ.
އޭގެ ތެރެއިން 72،872 މީހުންނަކީ މާލެ ސަރަހައްދުން ވެކްސިން ޖެހި މީހުންނެވެ. އަތޮޅުތަކުން ވެކްސިން ޖަހާފައިވަނީ 32،620 މީހުންނެވެ.
އިއްޔެ އެކަނިވެސް ވަނީ ޖުމްލަ 6،073 މީހުންނަށް ވެކްސިން ދީފައެވެ. އެއީ މާލެއިން 3،147 މީހުންނާއި އަތޮޅުތަކުން 32،620 މީހުންނަށެވެ.
ވެކްސިންގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ 178 ސެންޓަރެއްގައެވެ. އެއީ ގްރޭޓަރ މާލޭގެ 9 ވެކްސިނޭޝަން ސެންޓަރަކާއި އަތޮޅުތެރޭގެ 169 ވެކްސިނޭޝަން ސެންޓަރަކުންނެވެ.
ރާއްޖޭގައި ފެބްރުއަރީ އެއްވަނަ ދުވަހުން ވެކްސިން ދޭން ފަށާފައިވާއިރު، ރާއްޖޭގައި ދެމުން ދަނީ އިންޑިއާއިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިނެވެ.
އިންޑިއާއިން ރާއްޖެ ހަދިޔާކުރި ކޮވިޑްޝީލްޑް ވެކްސިންއަކީ އޮކްސްފޯޑް ޔުނިވަރސިޓީ އާއި އެސްޓްރާޒެނެކާ (AstraZeneca) ގުޅިގެން އުފައްދާފައިވާ ވެކްސިންގެ ފޯމިއުލާއާ އެއްގޮތަށް އީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން ތައްޔާރުކޮށްފައިވާ ވެކްސިނެކެވެ.
އިންޑިއާއިން މި ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް، "ކޮވިޝީލްޑް" ވެކްސިންގެ 1 ލައްކަ ޑޯޒް ރާއްޖެ ހަދިޔާ ކުރީ މިދިޔަ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ. އަދި އިތުރު އެއްލައްކަ ޑޯޒް ވަނީ އިއްޔެ ރާއްޖެ ގެނެސްފަ އެވެ.
އިންޑިއާއިން ހަދިޔާ ކުރާ ކޯވިޑް ވެކްސިންގެ ޢަދަދު ދެ ލައްކަ ޑޯޒަށް އިތުރުކުރިއިރު، ޗައިނާ ސަރުކާރުން ވެސް ރާއްޖެއަށް 100،000 ޑޯޒް ކޯވިޑް ވެކްސިން ހަދިޔާ ކުރަން ނިންމައިފި ކަމަށް މިމަހުގެ 4 ވަނަ ދުވަހު ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ޖަންގް ލިޖޮންގް ވަނީ ވިދާޅުވެފަ އެވެ. ޗައިނާ ސަރުކާރުގެ ހިއްސާ އޮންނަ ޗައިނާގެ ނޭޝަނަލް ފާމަސޫޓިކަލް ގްރޫޕް (ސިނޯފާމް) އިން އުފެއްދި ވެކްސިން އެ ވެކްސިން ޝިފްމަންޓް ވަރަށް އަވަހަށް ރާއްޖެއަށް ގެނެވޭނެ ކަަމަށް ވެސް އެދުވަހު ސަފީރު ވަނީ ވިދާޅުވެފަ އެވެ.
އަމިއްލަ ފަރާތަކުން ރާއްޖެއަށް ހަދިޔާކުރި ޗައިނާގެ ކުންފުންޏަކުން އުފެއްދި ކޯވިޑް-19 އިގެ 5،000 ޑޯޒް ވެކްސިން މިހާރުވެސް ރާއްޖޭގައި އެބަހުއްޓެވެ.
މީގެއިތުރުން ސަރުކާރުން ވަނީ އިތުރު 700،000 ޑޯޒް ގަންނަން އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް އެކުލަވާލާފަ އެވެ. އެ އެއްބަސްވުމުގެ ދަށުން ގެންނަ ވެކްސިން އަންނަ މާޗު މަހު ލިބޭނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވަނީ ވިދާޅުވެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!