ހދ. ހަނިމާދޫ ޑީޓޮކްސް ސެންޓަރުގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ނިޔާވި މީހާގެ ހަށިގަނޑު، ތަހުލީލުތައް ހެދުމަށް މާލެ ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ނޫސްވެރިންނަށް މަޢުލޫމާތުދެމުން ބުނެފައިވަނީ، ނިޔާވެފައިވަނީ ފަރުވާއަށް އެސެންޓަރަށް ގޮސް ކަރަންޓީނު ގައި ހުރި މީހެއް ކަމަށެވެ.
"އިތުރަށް ހަދަން ޖެހޭ ތަހުލީލުތައް، ބަލަންޖެހޭ ބެލުންތައް ބެލުމަށް ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން"
ފުލުހުން ބުނެފައިވެ އެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވި މީހާގެ ހަށިގަނޑު މާލެ ފޮނުވާލާފައިވަނީ 19:19 ގައި ހަނިމާދޫއިން ފުރި މޯލްޑިވިއަންގެ ފްލައިޓުގައެވެ.
ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ގެ ބެލުމުގެ ދަށުން ހަނިމާދޫގައި ހިންގާ ޑިޓޮކްސް ސެންޓަރުގައި ފަރުވާ ހޯދަމުން ދިޔަ އެ މީހާ ނިޔާވެފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.
މިކަމާއި ގުޅިގެން އެންޑީއޭ އިން ބުނީ، މަރުގެ އެ މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ހުރުމުން އެކަންކަން ބަލަމުން ގެންދާ ކަމަށެވެ. މިކަމާއިގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
މިކަމާ ގުޅިގެން ފުލުހުން މީގެ ކުރިން ބުނެފައިވަނީ ހަނިމާދޫގައި ހުންނަ ކޮމިއުނިޓީ ރީހެބިލިޓޭޝަން ސެންޓަރުގައި މީހަކު ނިޔާވި މައްސަލައަކާއި ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށެވެ.
އެގޮތުން ތަހުގީގަށް އެތަނަށް މާލެއިން ޓީމެއް ދާގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
ހަނިމާދޫ ކައުންސިލްގެ ވަގުތީ އެސްޖީ އިބްރާޙީމް ޢަލީ ''ތިލަދުން''އަށް ވިދާޅުވީ އެ ޒުވާނާ ކޯވިޑަށް ޓެސްޓް ކުރުމަށް ނެގި ސާމްޕަލް ނެގެޓިވް ކަމަށެވެ.
އެ ޒުވާނާ ނިޔާވެފައިވާކަން އެނގުނީ މިއަދު ހެނދުނުއެވެ. އެވަގުތުން ފެށިގެން ކަމާއި ގުޅުންހުރި އިދާރާތަކުން ދަނީ އެ ސެންޓަރުގައި ހަރަކާތްތެރި ވަމުންނެވެ.
އެ ޒުވާނާގެ ހަށިގަނޑު މިހާރު ހަނިމާދޫ ޞިއްޙީ މަރުކަޒަށް ބަދަލުކުރެވިފައިވާއިރު، ހަނިމާދޫގައި ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ ފޮރިންސިކް ފުލުހުން ވެސް އަންނަނީ ހަނިމާދޫގައި ހަރަކާތްތެރިވަމުންނެވެ.
އެެ ސެންޓަރުގައި މިއަދު ނިޔާވި ޒުވާނާ، އެ ސެންޓަރަށް ފަރުވާ ހޯދަން ގޮސްފައި ވަނީ މި މަހުގެ 23 ވަނަ ދުވަހުއެވެ.
މަސްތުވާ ތަކެތި ބޭނުންކުރާ ފަރާތްތަކަށް ފަރުވާ ދިނުމަށްޓަކައި ގާއިމުކޮށްފައިވާ ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިޔުނިޓީ ރިހެބިލިޓޭޝަން ސެންޓަރ ހުޅުވާފައިވަނީ 2019 ވަނަ އަހަރުގެ މާރިޗް މަހު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!