އިނގިރޭސި ޕްރިމިއާ ލީގުގެ ތަށި ފާއިތުވި ސީޒަންގައި އުފުލާލި ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަންއަށް އަނިޔާވެ ގިނަ ދުވަސްތަކަކަށް ކުޅުމާއި ދުރަށް ދާން ޖެހިއްޖެއެވެ.
އުމުރުން 30 އަހަރުގެ ހެންޑަސަންއަށް އަނިޔާވެފައިވަނީ 20 ފެބްރުއަރީ 2021 ގައި އެވަޓަން އަތުލް 2-0 ގެ ނަތީޖާއިން ލިވަޕޫލް ބަލިވި މެޗުގެ ފުރަތަމަ ހާފުގައެވެ.
ލިވަޕޫލްގެ މުހިންމު ގިނަ ކުޅުންތެރިންތަކަކަށް އަނިޔާވެ ކުޅުމާއި ދުރުގައި ތިބި މިވަގުތުގައި ހެންޑަސަންއަށް އަނިޔާވުމަކީ ލިވަޕޫލަށް އިތުރު ހާސްކަމާއި ކުރިމަތިވާނެ ކަމެކެވެ. މިވަގުތު ލިވަޕޫލްގެ އިންޖަރީ ލިސްޓްގައި ހިމެނޭ މުހިންމު ކުޅުންތެރިންގެ ތެރޭގައި ވެން ޑައިކް، މަޓިޕް، ޖޯ ގޮމޭޒްގެ އިތުރުން ފަބީނިއޯ ހިމެނެއެވެ.
ހެންޑަސަންގެ އުކުޅުވަޅަށް ލިބުނު އަނިޔާއާއި ގުޅިގެން މިހާރު އޮޕަރޭޝަން ކޮށްފައިވާއިރު އެންމެ ފުރަތަމަ ލަފާކޮށްފައިވަނީ ދެން އެންމެ އަވަހަށް އަންނަ އިންޓަނޭޝަނަލް ބްރޭކް ނިމެންދެން ހެންޑަސަން އަށް ކުޅުމާއި ދުރުގައި ހުންނަންޖެހޭނެ ކަމަށެވެ. ދެން އެންމެ އަވަހަށް އަންނަ އިންޓަނޭޝަނަލް ބްރޭކް އޮންނާނީ މާޗް މަހުގެ 22 އިން 30 އަށެވެ.
ހެންޑަސަންއަކީ މިޑްފީލްޑް ކުޅުންތެރިއެއް ނަމަވެސް ލިވަޕޫލްގެ މުހިންމު ޑިފެންސް ކުޅުންތެރިންތައް މިވަގުތު އަނިޔާގައި ތިބުމާއި ގުޅިގެން ލިވަޕޫލްގެ ކޯޗް ޖާގެން ކްލޮޕް ހެންޑަސަން ބޭނުން ކުރަމުން އައިސްފައިވަނީ ޑިފެންސައް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށް ސެންޓަރ ޑިފެންޑަރެއްގެ ގޮތުގައެވެ. ހެންޑަސަން އަށް އަނިޔާވުމާއި ގުޅިގެން މިއީ ލިވަޕޫލަށް ކުރިމަތިވާނެ އިތުރު ހާސް ކަމެކެވެ.
ބީބީސީއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ހެންޑަސަންއަށް ކުޅުމާއި ދުރުގައި އަށެއް ނުވަތަ ދިހަ ހަފްތާ މަޑުކުރަން ޖެހޭނެއެވެ. ވުމާއިއެކު އޭނާއަށް ގިނަ މެޗްތަކެއް ގެއްލޭނެއެވެ. މިގޮތުން އެ ޓީމުން ލީގުގައި، ޝެފީލްޑް ޔުނައިޓެޑް، ޗެލްސީ، ފުލަމް އަދި ވުލްވްސް އާ ދެކޮޅަށް ކުޅެންޖެހޭ މެޗުގެ އިތުރުން ޔޫއެފާ ޗެމްޕިއަންސް ލީގުގައި އާރުބީ ލައިޕްޒިގާ ދެކޮޅަށް ކުޅޭ މެޗުގައި ވެސް ހެންޑަސަންއަށް ނުކުޅެވޭނެއެވެ. މީގެއިތުރުން މާޗްމަހު އިންގްލެންޑް ޤައުމީ ޓީމް ސަންމަރީނޯ، އަލްބޭނިއާ އަދި ޕޮލެންޑްއާއި ބައްދަލުކުރާ މެޗުގައި ވެސް ހެންޑަސަންއަށް ނުކުޅެވޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!