ރާއްޖޭގެ ރިސޯޓެއްކަމަށްވާ، ވައްކަރު މޯލްޑިވްސްގެ ސްވިމިން ޕޫލަށްވެއްޓި، ގެނބެމުންދިޔަ ކުޑަކުއްޖަކު ސަލާމަތްކުރި ސެކިއުރިޓީ އޮފިސަރަކަށް އެކަމުގެ އަގުވަޒަންކޮށް އެ ރިސޯޓްގެ މެނޭޖްމަންޓުން އެވޯޑަކާއި، ފައިސާގެ އިނާމެއް ދީފިއެވެ.

ގެނބެމުންދިޔަ ކުޑަކުއްޖާއަކީ ބ. އަތޮޅުގައި އޮންނަ ވައްކަރު ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން ދިޔަ އިނގިރޭސިވިލާތުގެ ދެ ފަތުރުވެރިއެއްގެ ދަރިފުޅެވެ. އެކުއްޖާގެ އުމުރަކީ ދެ އަހަރާއި ހަމަހެވެ.

Ad
rt

އެމަންޒަރުފެނި އެކުއްޖާގެ ފުރާނަ ސަލާމަތް ކުރުމަށް އެހީތެރިވީ، ރާއްޖޭގެ ގިނަ ރިސޯޓުތަކެއްގައި އިތުބާރާއެކު، ފުޅާ ދާއިރާއެއްގައި ސެކިއުރިޓީގެ ޚިދުމަތް ދެމުންއަންނަ ''ގޭޖު ސެކިއުރިޓީ''ގައި ސެކިއުރިޓީ އޮފިސަރެއްގެ ވަޒީފާ އަދާކުރާ، އެވަގުތު އެ ރިސޯޓުގައި ސެކިއުރިޓީ ބެލެހެއްޓުމަށް ގޮސްހުރި، ސްރީލަންކާގެ ރައްޔިތެއްކަމަށްވާ ޗަތުރަ މަދުސަންއެވެ.

ޗަތުރަ މަދުސަންއަށް އެކަމުގެ އަގުވަޒަންކޮށް ވައްކަރު މޯލްޑިވްސްގެ މެނޭޖްމަންޓުން ވަނީ ''ހިޑެން ހީރޯ އެވޯޑް''އާއި، ފައިސާގެ އިނާމެއް ވެސް ދީފަ އެވެ. އެ އެވޯޑާއި، ފައިސާގެ އިނާމް އޭނާއަށް ހަވާލުކޮށް ދެއްވީ އެ ރިސޯޓްގެ ޖެނެރަލް މެނޭޖަރެވެ.

އެ ރިސޯޓުގައި އެ ކުޑަކުއްޖާ ގެނބުމުގެ ހާދިސާ ހިނގާފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު ކަމަށް، ''ގޭޖު ސެކިއުރިޓީ''ގެ އިސް އޮފިޝަލެއް ވިދާޅުވިއެވެ.

''ގޭޖު ސެކިއުރިޓީ''އަކީ ރާއްޖޭގެ ވަރަށް ގިނަ ރިސޯޓުތަކުގައި ސެކިއުރިޓީ ޚިދުމަތް ފޯރުކޮށްދޭ އަމިއްލަ ކުންފުންޏެކެވެ. އެ ކުންފުނީގެ ހުރިހާ މުވައްޒަފުންނަކީ ވެސް ކަމާއި ގުޅުންހުރި ތަމްރީނުތައް ފުރިހަމަކޮށްފައި ތިބި، ލޯހުޅުވޭ ގާބިލު މުވައްޒަފުންތަކެކެވެ. ''ގޭޖު ސެކިއުރިޓީ''ގެ އިސް މަގާމުތަކުގައި ތިއްބެވީވެސް ތަޖުރިބާކާރު ޢިލްމީ ބޭފުޅުންނެވެ.