މާދަމާ (27 ފެބްރުއަރީ 2021 ވާ ހޮނިހިރު ދުވަހު) ރެއިން ފެށިގެން އެއް ހަފްތާގެ މުއްދަތަށް މާލެ ސަރަހައްދުގައި ހިންގާ ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަން ރޭގަނޑު 8:00 ގައި ބަންދުކުރަން ނިންމައިފިއެވެ.

މި ބަދަލުގެންނަވާކަން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި، ރޭ އާންމު ކުރެއްވި، މާލެ ސަރަހައްދުގައި ހިންގާ ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަނުގައި ދޭ ޚިދުމަތަށް ބަދަލު ގެނައުމުގެ އެންގުމުގައި ބުނެފަ ވެއެވެ.

Ad
rt

މިގޮތުން އެ އެންގުމުގައި ބުނެފައި ވަނީ، 27 ފެބުރުވަރީ އިން ފެށިގެން 7 ދުވަހުގެ މުއްދަތަށް، މާލެ ސަރަޙައްދުގައި ހިންގާ ކެފޭ، ހޮޓާ ރެސްޓޯރަންޓް ފަދަ އާންމުންނަށް ކާބޯތަކެތީގެ ޚިދުމަތް ދޭ އެންމެހައި ތަންތަނުން، ޓޭކްއަވޭއާއި ޑެލިވަރީގެ ޚިދުމަތް ފިޔަވައި އެހެނިހެން ޚިދުމަތް ދިނުން ރޭގަނޑު 8:00 އިން ފެށިގެން ހުއްޓާލަން އަންގާ ކަމަށެވެ.

މީގެއިތުރުން ޓޭކްއަވޭއާއި ޑެލިވަރީގެ ޚިދުމަތްތައްވެސް ރޭގަނޑު 10:30 އިން ފެށިގެން ހުއްޓާލަން ވަނީ އަންގާފައި ވެއެވެ.

ކޯވިޑްގެ ހާލަތާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުކަށި ކުރަންޖެހިދާނެ ކަމަށް ސަރުކާރުން ބުނެފަ ވާއިރު، ހެލްތު މިނިސްޓަރ އަހްމަދު ނަސީމް ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ބައްދަލުވުމެއްގައި ވިދާޅުވެފައިވަނީ، ރާއްޖޭގައި ކޯވިޑްގެ ހާލަތު ނުރައްކާ ކަމަށާއި، މާލެ ސަރަހަށްދު މިހާރުއޮތީ ފުރަބަންދުކުރާ ހާލަތުގައިކަމަށެވެ.

މާލެ ސަރަހައްދުގައި މިހާރުވެސް އިރުއޮއްސި 6:00 އިން ފެށިގެން ހެނދުނު 6:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުން ވަނީ މަނާކުރައްވާފައެވެ. އަދި ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުންވެސް ވަނީ މަނާކުރައްވާފައެވެ.