ހެޔޮ އަމަލު ގިނަކުރުމަކީ ފާފަތައް ފުހެވިގެންދާނޭ ކަމެއްކަމުގައި މިއަދުގެ ޚުތުބާގައި ވިދާޅުވެއްޖެއެވެ.
މިއަދުގެ ޚުތުބާގައި އިތުރަށް ވިދާޅުވެފައިވަނީ ކުރެވިފައިވާ ފާފަތައް ގިނަކަމުން އެއްގޮތަކަށް ވެސް މާޔޫސްވާން ނުޖެހޭ ކަމަށެވެ. ކިތަންމެ ގިނަ ފާފައެއް ކުރެވިފައި ވީ ނަމަވެސް އިހުލާސްތެރި ތައުބާއަކުން ތައުބާވެ ހެޔޮ އަމަލު ކުރުމުން އެންމެހައި ފާފަތައް ﷲ ތަޢާލާ ފުއްސަވައި ދެއްވާނެ ކަމުގައި އެކަލާންގެ އަންގަވާފައިވާ ކަމަށެވެ. އެ ކަލާންގެ ހޫދު ސޫރަތުގެ 114 ވަނަ އާޔަތުގައި ވަހީ ކުރައްވާފައި ވަނީ މިފަދައިންނެވެ. "ހަމަކަށަވަރުން ހެޔޮ ކަންތައްތައް، ނުބައި ކަންތައްތައް ނެތިކޮށްލައެވެ."
ﷲ ތަޢާލާ އެކަލާންގެ އަޅުތަކުންގެ މައްޗަށް ރަހުމްކުރާ މިންވަރާއި ގުޅޭގޮތުން މިއަދުގެ ޚުތުބާގައި ވިދާޅުވެފައިވަނީ، އަޅަކު ނުބައިކަމެއް ކޮށްފިނަމަ ﷲ ތަޢާލާ އެކަމުގެ ޖަޒާ އެ އަޅަކަށް ދެއްވަނީ އެ ކުރި ޢަމަލަކާއި އެއްފަދައިން ކަމަށެވެ. ނަމަވެސް އަޅަކު ހެޔޮ އަމަލެއް ކޮށްފިނަމަ އެ އަމަލެއްގެ ސަވާބު ދިހަގުނައިން ފެށިގެން ހަތްސަތޭކަ ގުނައަށް އިތުރު ކޮށްދެއްވާ ކަމަށެވެ.
ﷲ ތަޢާލާ އެކަލާންގެ އަޅުތަކުންނަށް ދެއްވާފައިވާ ނިޢުމަތްތައް ގުނާ ހިސާބު ކުރުމަކީ އަޅުތަކުންނަށް ކުޅަދާނެވެގެންވާ ކަމެއް ނޫންކަމަށާއި، މައިމީހާ އޭނާގެ ތުއްތު ދަރިފުޅަށް ރަހުމްކުރާވަރަށް ވުރެ މާބޮޑަށް ﷲ ތަޢާލާ އެކަލާންގެ އަޅުތަކުންނަށް ރަހުމް ކުރައްވާ ކަމަށާއި، ވުމާއިއެކު އުޑުތަކާއި ބިމުގައި ވާހާ އެއްޗެއް އެކަލާންގެ އުފައްދަވާފައިވަނީ އިންސާނުން އެއިން ފައިދާ ލިބިގަތުމަށް ކަމުގައި މިއަދުގެ ޚުތުބާގައި ވަނީ ވިދާޅުވެފައެވެ. އަދި އެކަލާންގެ ރަހުމަތް ނުވާނަމަ މި ދުނިޔޭގައި އިންސާނާއަށް ނޭވާވެސް ނުލެވޭނެ ކަމަށާއި، ބޯނޭ ފެންފޮދެއް ވެސް ނުލިބޭނެ ކަމަށާއި އަދި އެއްވެސް އަޅަކު ބަލިވެއްޖެ ނަމަ ޝިފާއެއް ވެސް ނުލިބޭނޭ ކަމުގައި މިއަދުގެ ޚުތުބާގައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!