ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި އެޓަލާންޓާއާއި ރެއާލް މެޑްރިޑް ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު ރެއާލް މެޑްރިޑް ކާމިޔާބު ކޮށްފިއެވެ. އެޓަލާންޓާގެ ދަނޑުގައި ކުޅުނު މި މެޗު ރެއާލުން ކާމިޔާބު ކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ވަރަށް ކުރީކޮޅު އެޓަލާންޓާގެ މިޑްފީލްޑަރ ރެމޯ ފެރޫލާރ އަށް ރަތްކާޑު ދެއްކުމާއި ގުޅިގެން މެޗުގެ ބޮޑުބައި އެ ޓީމުން ކުޅެފައިވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. މެޗުގެ 17 ވަނަ މިނެޓުގައި ފެރޫލާރ އަށް ރަތްކާޑް ދައްކާފައިވަނީ ރެއާލްގެ ޑިފެންޑަރ މެންޑީއަށް ލަނޑުޖަހަން ލިބުނު ހުސް ފުރުޞަތެއް ހުއްޓުވަން އުޅުމުގެ ތެރޭގައި އޭރިގާގެ ބޭރުން ފެރޫލާރ ކުރި ފައުލަކާއި ގުޅިގެންނެވެ. މި ފައުލާއި ގުޅިގެން މެޗުގެ ރެފްރީވަނީ ފެރޫލާރ އަށް ސީދާ ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލާފައެވެ.
އެޓަލާންޓާގެ އެއް ކުޅުންތެރިއަކު މަދުވުމާއި ގުޅިގެން ރެއާލުން ވަނީ މުޅި މެޗުގެ ކޮންޓްރޯލް އަތުލާފައެވެ. މުޅިމެޗުގައި ވެސް އެޓަލާންޓާއަށް ލަނޑު ޖަހާނެ ފުރުޞަތެއް ތަނަވަސް ކުރެވިފައި ނުވި ނަމަވެސް، އެއް ކުޅުންތެރިއަކު މަދުކޮށް މެޗުގެ ބޮޑުބައި ފުރިހަމަކުރި އެޓަލާންޓާއިން މެޗުގައި ވަނީ ރަނގަޅު ޑިފެންސިވް ގޭމެއް ކުޅެފައެވެ.
ރެއާލުން މި މެޗަށް ނުކުމެފައިވަނީ އިންޖަރީގެ ސަބަބުން އާންމުކޮށް ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެމުން އަނަނަ މުހިންމު ގިނަ ކުޅުންތެރިންތަކެއް ނުލައެވެ. ކެޕްޓަން ސާޖިއޯ ރާމޮސް، މާސެލޯ، ކަރަވަހާލް، ކަރިމް ބެންޒެމާ އަދި ހަޒާޑް ފަދަ ކުޅުންތެރިން މިވަގުތު ރެއާލްގެ އިންޖަރީ ލިސްޓުގައި ހިމެނެއެވެ.
މި މެޗުގައި ރެއާލުން ކާމިޔާބުކުރި ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމްގެ ޑިފެންޑަރ ފާލަންޑް މެންޑީއެވެ. މޮޑްރިޗްގެ ޕާހަކުން މެންޑީ މިލަނޑު ކާމިޔާބު ކޮށްފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އެންމެ ހަތަރު މިނެޓަށް ވެފައި ވަނިކޮށް އޭރިއާގެ ބޭރުން ފޮނުވާލި ހަމަލާއަކުންނެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ރެއާލްގެ ކޯޗް ޒިދާން ބުނެފައިވަނީ އެޓަލާންޓާއަކީ ފިޒިކަލީ ވަރަށް ރަނގަޅު ޓީމެއްކަމަށާއި، އެ ޓީމުން މެޗުގައި ރަނގަޅު ޑިފެންސިވް ގޭމެއް ކުޅެފައިވާ ކަމަށެވެ. ލަނޑުޖަހާނެ ފުރުޞަތުތަކެއް ނުހޯދުން އެއީ މައްސަލައެއް ކަމުގައި ނުދެކޭ ކަމަށާއި، ބައިކޮޅަށް ލަނޑެއް ނުވަދެ މެޗުން މޮޅުވުމުން އެއީ ރަނގަޅު ނަތީޖާއެއްކަމުގައި ޤަބޫލްކުރާކަމަށެވެ. މުހިންމު ގިނަ ކުޅުންތެރިންތަކެއް ނުލައި މެޗަށް ނުކުންނަން ޖެހުނު ނަމަވެސް މިވަގުތު ޓީމް މި އޮތީ ގޯސް ހާލަތެއްގައި ނޫންކަމަށާއި، މި މެޗުގައި އެޓަލާންޓާއަށް ލަނޑުޖަހާނެ އެންމެ ފުރުޞަތެއް ވެސް ނުދީ ޑިފެންސްކޮށް ރަށުން ބޭރުގައި ގޯލެއް ކާމިޔާބު ކުރެވުން އެއީ ކާމިޔާބެއް ކަމުގައި ޒިދާން ވަނީ ފާހަގަ ކޮށްފައެވެ.
މި ދެ ޓީމް ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ މާޗް މަހުގެ 17 ވަނަ ދުވަހު ރެއާލްގެ ދަނޑުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!