ހަރުކަށި ފިކުރު ފަތުރާ ފަރާތްތަކުން ހިންގާ ހަރަކާތްތަކާމެދު ސަމާލުވެ ރައްކާތެރިވުމަށް ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން އިލްތިމާސްކޮށްފި އެވެ.

އެސެންޓަރުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ތިމާއާއި މުޖުތަމަޢުގެ އެންމެހައި ފަރުދުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ހަރުކަށިފިކުރުގެ އެއްވެސް ޢަމަލެއް ނުވަތަ އެފަދަ ޢަމަލުތަކަށް މަގުފަހިކުރުމުގެ ހަރަކާތްތައް ފާހަގަކުރެވޭނަމަ، ލަސްނުކުރައްވާ އެކަމުގެ މަޢުލޫމާތު މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، ހިއްސާކޮށްދެއްވުމަށް އިލްތިމާސްކުރާކަމަށެވެ.

Ad
rt

އެބަޔާނުގައި އިތުރަށް ބުނެފައިވަނީ، ދިވެހިންނަކީ ޒަމާނުއްސުރެ އިސްލާމް ދީނުގެ މަތިވެރި އަޤީދާގައި ސާބިތުވެތިބެ، ޤައުމީ ރޫޙާއި ޖޯޝުގައި އެކުވެރިކަމާއެކު އުޅެމުންއަންނަ ޞުލްޙައަށް ލޯބިކުރާ، އެއްބައިވަންތަ، އޯގާތެރި އަދި ޒަމާންވީ ޡަޤާފަތެއް ދަމަހައްޓަމުން އަންނަ ބައެއްކަމަށެވެ.

އަދި ދިވެހިރާއްޖެއަކީ މިފަދަ ސުލްޙަވެރި އަމާން ޤައުމެއްގެ ގޮތުގައި ދެމިއޮތުމުގެ އެންމެ ބޮޑު ސިއްރަކީ މުޖުތަމަޢުގެ ޒަމާންވީ އެއްބައިވަންތަކަމާއި، އިސްލާމީ ރިވެތި އަޚްލާޤާއި، ޤައުމީ ލޯތްބާއި ޤައުމީ ރޫޙާއި، އޯގާތެރިކަމާއެކު، އެކަކު އަނެކަކަށް އަޅާލުމުގެ މަތިވެރި ޖޯޝެއްކަމަށެވެ.

ނަމަވެސް ދީން ސިޔާސީ ހަތިޔާރެއްގެގޮތުގައި ބޭނުންކޮށްގެން، ދިވެހީންގެ ތެރޭގައި އޮތް ޒަމާންވީ ރިވެތި އުސޫލުތަކާއި، ޘަޤާފީ ސިފަތައް ނައްތާލައި، ހެދިފައިވާ ޤާނޫނުތަކާ ޚިލާފު ޢަމަލުތައް ހިންގާ، ދިވެހި މުޖުތަމަޢު ބައިބައިކޮށް، ފަރުދުންގެ މެދުގައި ޙަސަދަޔާއި ނަފްރަތާއި ރުޅިވެރިކަން އުފައްދާ، ހަރުކަށި ފިކުރުތަކުގެ ވިހަ އަސަރު މުޖުތަމަޢުގައި ފަތުރައި، ހަރުކަށި އަމަލުތަކުގެ ތެރެއަށް ދިވެހި ކުޑަކުދިންނާއި ޒުވާނުން ވައްދައި، ދިވެހި މުޖުތަމަޢުން އެކަހެރިކޮށް، ވަކި ޖަމާޢަތްތަކެއް އުފެއްދުމަށްޓަކައި މަދު ބަޔަކު އަޑީގައި ތިބެގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރަމުންދާ ހީލަތްތެރި މަސައްކަތްތަކާމެދު އެންމެހާ ފަރުދުން ހޭލުންތެރިވެ ސަމާލުވުމަށް އިލްތިމާސްކުރަމެވެ.

އެސެންޓަރުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުރުން އެބަޔާނުގައި ބުނެފައިވަނީ، ނިރުބަވެރިކަމާއި، އެނޫނަސް ހަރުކަށި ފިކުރާއިގުޅޭ އެންމެހާ ނުރައްކާތައް މަށްޓަކައި ސަލާމަތީ ޚިދުމަތްތަކާއި ޤާނޫނު ތަންފީޛުކުރާ އިދާރާތަކުން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންކަމަށާއި ނަމަވެސް ކުޑަކުދިންނާއި ޒުވާނުންގެ ފިކުރު ބަދަލުކުރުމަށްޓަކައި ހިންގަމުންދާ ނުރައްކާތެރި ހަރަކާތްތަކުން ކުޑަކުދިންނާއި ޒުވާނުން ސަލާމަތްކޮށް، ރައްޔިތުންގެ އެއްބައިވަންތަކަން އާލާކޮށް ދެމެހެއްޓުމަށާއި، މިފަދަ ޢަމަލުތަކަށް މަގުފަހިވާފަދަ ކަންތައްތައް މަދުކުރުމުގައި މުޖުތަމަޢުގެ އެއްބާރުލުމާއި ބައިވެރިވުން ނުހަނު މުހިއްމުކަމަށެވެ.