ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިޔުނިކާއި އިޓަލީގެ ލާޒިއޯ ބައްދަލުކުރު މެޗު ފަސޭހަ ކަމާއިއެކު ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ ފައިނަލްގެ ފުރުޞަތު ބަޔާނުން ބޮޑު ކޮށްފިއެވެ.

އިޓަލީގެ ރޯމްގައި ކުޅުނު މި މެޗު ބަޔާން ކާމިޔާބު ކޮށްފައިވަނީ 4-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

Ad
rt

މި މެޗުގައި ބަޔާނުން ރަނގަޅު ކުޅުމެއް ދެއްކި އިރު ފުރަތަމަ ހާފުގައި އެ ޓީމުންވަނީ ތިން ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު މެޗުގެ ނުވަވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ ލެވަންޑޯސްކީއެވެ. މި ލަނޑާއިއެކު ރެއާލް މެޑްރިޑްގެ ކުރީގެ ފޯވާޑް ރައުލް ގޮންޒާލެޒް ޗެމްޕިއަންސް ލީގުގައި ޖެހި ލަނޑަށްވުރެ ލެވަންޑޯސްކީ ޖެހި ލަނޑުގެ އަދަދު ވަނީ އިތުރު ވެފައެވެ. ރައުލް 71 ލަނޑު ޖަހާފައިވާއިރު ލެވަންޑޯސްކީ ޖެހި ލަނޑު 72 އަށް ވަނީ އަރާފައެވެ. އަދި ލަނޑު ލިސްޓްގެ ތިންވަނަ ވަނީ ލެވަންޑޯސްކީއަށް ލިބިފައެވެ. ޗެމްޕިއަންސް ލީގުގެ ލަނޑު ލިސްޓްގެ މިވަގުތު އެއްވަނާގައި އޮތީ 134 ލަނޑު ޖަހައިގެން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ދެވަނާގައި އޮތީ 119 ލަނޑު ޖަހައިގެން ބާސާގެ ތަރި ލައިނަލް މެސީއެވެ.

މެޗުގައި ބަޔާނުން ޖެހި ދެވަނަ ލަނޑު 24 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމަށް ކުޅެމުން އަންނަ އިނގިރޭސި ޒުވާން މިޑްފީލްޑަރ މުސިއާލާއެވެ. މި ލަނޑާއިއެކު އުމުރުން 17 އަހަރުގެ މި ކުޅުންތެރިޔާ ވެގެން ގޮސްފައިވަނީ ޗެމްޕިއަންސް ލީގުގައި ބަޔާންގެ ޖޯޒީގައި ލަނޑުޖެހި އެންމެ ހަގު ކުޅުންތެރިޔާއަށެވެ.

މެޗުގައި ބަޔާނުން ކާމިޔާބު ކުރި ތިންވަނަ ލަނޑު 42 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ ސާނޭއެވެ. މެޗުގެ ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު ލާޒިއޯގެ ޑިފެންޑަރ ފްރެންޗެސްކޯ އަޗޭރަބީގެ އަތުނަ ބައިކޮޅަށް ވަތް ލަނޑާއިއެކު ބަޔާންއަށް ހަތަރު ލަނޑުގެ ލީޑެއް ލިބިގެން ދިޔައެވެ. މެޗުގައި ލާޒިއޯއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު 49 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ ކޮރެއާއެވެ.

މި ދެ ޓީމް ބައްދަލުކުރާ ދެވަނަ ލެގްގެ މެޗް އޮންނާނީ މާޗް މަހުގެ 18 ވަނަ ދުވަހު ބަޔާންގެ ދަނޑުގައެވެ.