މިވޭތުވި ދިޔަތަނުގައި ފެނިގެން ދިޔައީ މިރާއްޖޭގައި އަލަށް ޗާޕްކުރެވުނު ފައިސާ ރައްކާކުރުމުގެ ގޮތުން އަމިއްލަ ގެއަށްވަށްދާ، ފޮރުވައިގެން އުޅުނު މަންޒަރުކަމަށް ކަނޑިތީމު ދާއިރާގެ މެންބަރު ޢަބުދުﷲ ޝަޙީމް އަބުދުލްޙަކީމް ވިދާޅުވެއްޖެ އެވެ.

ޝަހީމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސްގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 9 ވަނަ ޖަލްސާގައި، މަނަދޫ ދާއިރާގެ މެންބަރު އަޙްމަދު ހާރޫން ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގައި ކުރެވޭ ވިޔަފާރިތަކުން ލިބޭ ފައިސާގެ ބޮޑުބައެއް ދިވެހިރާއްޖޭގެ ފައިނޭންޝަލް ސިސްޓަމަށް ވަންނަމުންނުދާކަން ފާހަގަކުރެވޭތީ އެކަމަށް އަވަސް ޙައްލެއް ހޯދުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ގޮވާލައި ހުށަހެޅި ޤަރާރުގެ ބަހުސްގައި ބައިވެރިވެ ވާހަކަ ދައްކަވަމުންނެވެ.

Ad
rt

ޝަހީމް ވިދާޅުވީ ވެރިކަން ކުރަށްވަމުން ތިއްބެވި ބޭފުޅުން އެގޮތަށް އަމަލު ކުރަށްވައިގެން މިރާއްޖޭގެ އިޤްތިޞާދަށް ވެސް ޤައުމުގެ ކުރިއެރުމަށް ވެސް ހެވެއް، ލާބައެއް ލިބެން ނެތްކަމަށެވެ.

އޭނާ ވިދާޅުވީ ޤާނޫނާއި ޤަވާޢިދުގައި ކަންކަން ލިޔެ، އެއާއި އެއްގޮތަށް އަމަލުކުރާން ޖެހުމުން ބައެއް މީހުން ކަންބޮޑުވެގެން އުޅޭތަން ފެންނަ ކަމަށެވެ. ނަމަވެސް މިއަދު ރާއްޖޭގެ ކަންކޮޅުތަކުން ފެންނަމުން މިދަނީ ޤާނޫނަށް، ޤަވާޢިދަށް، ހަމައެއް އަދި ލަމައެއްނެތި ކަންކަން ކުރީމާ ވާގޮތްކަމަށެވެ. އަދި ޤައުމު ހަމަޔަކަށް ނޭޅިގެން އުޅެނީވެސް އެމައްސަލައިގެ ސަބަބުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ މި ޤައުމުގެ ކަންކަން ހަމަޔަކަށް އެޅުވުމަށްޓަކައި، ވަރަށް ސާފުކޮށް، އަކުރުން އަކުރަށް ލިޔެގެން ވެސް ކަންކަން ކުރަން ޖެހިފައިވާ ކަމަށެވެ.

''ދިވެހިރާއްޖޭގެ ފައިސާކީ، އަބަދުވެސް އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ ރައްޔިތުން ފަޚުރުވެރިވާ ދިވެއްސަކަށް ވީތީވެ. ހަމަ އެގޮތަށް އަޅުގަނޑުމެންގެ ބަސް: ދިވެހިބަސް އެއީ އަޅުގަނޑުމެން ފަޚުރުވެރިވާ ބައެއް. ހަމަ އެގޮތުން އަޅުގަނޑުމެން ފަޚުރުވެރިވާންޖެހޭ އަޅުގަނޑުމެންގެ ދިވެހި ރުފިޔާއަށް
ވެސް، ދިވެހި ފައިސާއަށް ވެސް. ދިވެހި ފައިސާއަށް އަޅުގަނޑުމެން އެބަ ފަޚުރުވެރިވާންޖެހޭ. މި ރާއްޖެ އަޅުގަނޑުމެން ބައްޓަންކުރަންވީ ދިވެހި ފައިސާއަށް އިހުތިރާމުކުރާ، ޙުރުމަތްތެރިކޮށްހިތާ ޤައުމެއްގެ ގޮތުގައި މި ޤައުމު ބައްޓަންކުރަންވީ އިއްޒަތްތެރި ރައީސް.''- ޝަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ޒަމާނުއްސުރެ މި ޤައުމު ބައްޓަންވެގެން އައިސްފައި އޮތީ ވަކި ބައެއްގެ އަތްމަތީގައި، ވަކި ބައެއްގެ ނުފޫޒުން މި ރާއްޖެ ހިންގަން ފަހިވާ ގޮތަށް ކަމަށެވެ.

''އަޅުގަނޑުމެންނަށް ފެނިގެން މިދަނީ، ޙަޤީޤަތަކީ މި ރާއްޖޭގައި ނިކަމެތި ހާލުގައި ތިބި މީހުން އިންތިހާއަށް ގިނަ. އެކަން އަޅުގަނޑުމެންނަށް ފެނިގެން މި ދިޔައީ، މިދިޔަ ޕެންޑެމިކުގެ ތެރޭގައި އަޅުގަނޑުމެންގެ ޒުވާނުން ހާލުގައި ޖެހިގެން ދިޔަވަރުން އިއްޒަތްތެރި ރައީސް. ވަޒީފާ އަދާކުރާ؟ އަޅުގަނޑުމެންގެ ފަޚުރުވެރި ވަޒީފާ އަދާކުރާ ޒުވާނުން ހާލުގައި ޖެހުނުވަރު އަޅުގަނޑުމެން ވިސްނަމާހިނގާ! އެއީ ކީއްވެތޯ އެހެން އެވީ؟ މި އޮތް ހުރިހާ ދުވަހުގެ އުމުރުން ވީހާ ދުވަހެއް ވަޒީފާ އަދާކުރަނީ. އެހެންނަމަވެސް، ލިބޭ އެތިކޮޅުން ދިރިއުޅުން ބައްޓަންނުކުރެވި ފޮރުވައިގެން އަޅުގަނޑުމެންނަށް ރައްކާކޮށްގެން އަޅުގަނޑުމެންނަށް ދިރިއުޅުމެއް ބައްޓަންކުރެވޭހާ ލާރި އަޅުގަނޑުމެންނަށް އެއްނުކުރެވޭ. އިއްޒަތްތެރި ރައީސްގެ މިއިން ކޮންމެ ކަމަކީ ވެސް މި ޤައުމުގެ އިޤުތިސާދާ ގުޅިފައި ހުރި ކަންކަން އިއްޒަތްތެރި ރައީސް.''- ޝަހީމް ވިދާޅުވި އެވެ.

އެ ސަބަބުތަކަށްޓަކައިވެސް ރާއްޖޭއަށް ވަންނަ ޑޮލަރަލާއި، ދިވެހި ފައިސާ ޤައުމުގައި ހިފެހެއްޓޭނެ ގޮތްތައް ހޯދަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ، ޤާނޫނެއްގައި ލިޔެގެން ނަމަވެސް އެއީ ހައްލުވާން ޖެހިފައިވާ ކަމެއް ކަމަށާއި، ދިވެހި ފައިސާއަކީ ދިވެހިންގެ ފަޚުރެއް ކަމުގައި ހަދަން ޖެހޭ ކަމަށެވެ.