އިންޓަރނޭޝަނަލް ޔޫނިއަން ފޮރ ކޮންޒަވޭޝަން އޮފް ނޭޗަރ (އައިޔޫސީއެން) ގެ މެންބަރަކަށް ދިވެހިރާއްޖެ ވުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވައިފި އެވެ.

އައި.ޔޫ.ސީ.އެން ގެ މެންބަރަކަށް ދިވެހިރާއްޖެ ވުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވާފައިވާތީ، އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ ލަފާފުޅަކަށް ހުށަހެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވާފައިމިވަނީ މިއަދު އެވެ.

Ad
rt

ރައީސް މި ގޮތަށް ނިންމަވާފައި ވަނީ، މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓު އިން ހުށަހެޅުއްވި ކަރުދާހަކަށް ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.

އިންޓަރނޭޝަނަލް ޔޫނިއަން ފޮރ ކޮންޒަވޭޝަން އޮފް ނޭޗަރ (އައި.ޔޫ.ސީ.އެން)އަކީ މެމްބަރޝިޕް އުޞޫލުން ޤައުމުތަކުގެ ސަރުކާރާއި، މަދަނީ ޖަމިއްޔާތައް ހިނެމެނޭގޮތަށް އުފައްދާފައިވާ ތިމާވެއްޓާބެހޭ ބައިނަލްއަޤްވާމީ އެންމެ ބޮޑު އެއް ޖަމްޢިއްޔާއެވެ.

އައި.ޔޫ.ސީ.އެން ގައި ދުނިޔޭގެ 91 ޤައުމުން ދައުލަތެއްގެ ހައިސިއްޔަތުން ބައިވެރިވެފައިވާއިރު 170 ޤައުމުން 1400 އަށްވުރެ ގިނަ ޖަމްޢިއްޔާ ޖަމާޢަތްތަކުން ވަނީ ބައިވެރިވެފައެވެ.

ދުނިޔޭގެ ޤުދުރަތީ މާހައުލާއި އެ މާހައުލުގައިވާ ދިރުންތައް ރައްކާތެރިކޮށް ދެމެހެއްޓުމުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ އަދި މިހާރުވެސް ކުރަމުންދާ އައި.ޔޫ.ސީ.އެން އަކީ ބައިނަލްއަޤްވާމީ ގޮތުން ދުނިޔޭގެ ގިނަ ޤައުމުތަކުން ބަލައިގަންނަ މަޝްހޫރު ތަޖުރިބާކާރު ޖަމްޢިއްޔާއެކެވެ.

އައި.ޔޫ.ސީ.އެންގެ އިސްނެންގެވުމުގެ މަތީން ދިރޭތަކެތީގެ ނަސްލު ޙިމާޔަތްކުރުމުގައި މިހާތަނަށް ގިނަގުނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ.

އެހެންކަމުން ދިވެހިރާއްޖެއިން އައި.ޔޫ.ސީ.އެން ގައި ބައިވެރިވުމުގެ ސަބަބުން ދުނިޔޭގައި ދިރޭތަކެއްޗާއި މާހައުލުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރާ އެކިއެކި ފަރާތްތަކާއެކު ގުޅުން ބަދަހިކޮށް "ޕާޓްނާޝިޕް" ތައް ޤާއިމުކުރުމަށް މަގުފަހިވެގެންދާނެއެވެ.

މީގެ އިތުރުން އެކިއެކި ނެޓްވަރކްތަކަށް ތަޢާރަފުވެވި އޭގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މިގޮތުން ފަންނީ މަޢުލޫމާތު ޙިއްޞާކުރުމާއި، ތަޖުރިބާ ޙިއްޞާކުރުމަކީ ދިވެހިރާއްޖެއަށް އޭގެ ސަބަބުން މަންފާ ލިބިގެންދާނެ ކަންކަމެވެ. އަދި މިއީ، ދިރޭތަކެއްޗާއި، އެތަކެތީގެ މާހައުލު ހިމާޔަތްކޮށް ބެލެހެއްޓުމުގައި ރާއްޖޭގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށް ވެސް ލިބިގެންދާނެ ފުރުޞަތެކެވެ.