ހއ. އުތީމު ކައުންސިލުގެ ރައީސް އަބްދުﷲ ރަޝީދު މުއްދަތެއް ނެތްގޮތަށް ސަސްޕެންޑް ކޮށްފައިވާއިރު، އޭނާގެ ސަސްޕެންޝަނާއި މެދު ގޮތެއް ނުނިއްމާ ދިގުދެމިގެންދާތީ އެ މައްސަލަ މިއަދު ރައްޔިތުންގެ މަޖިލިސްއަށް ހުށަހަޅައިފިއެވެ.
ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ރަޝީދު ސަސްޕެންޑްކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.
އެލްޖީއޭ) އިން ރަޝީދަށް، 14 ނޮވެމްބަރ 2020 ހޮނިހިރު ދުވަހު ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އެ އޮތޯރިޓީއަށް ހުށަހަޅާފައިވާ މައްސަލަތަކަކާއި ގުޅިގެން އެ މަހު 8 ވަނަ ދުވަހު ބޭއްވި އެލްޖީއޭގެ ބޯޑު ބައްދަލުވުމެއްގައި އެ މައްސަލަތައް ބަލަން ނިންމާފައިވުމާއިއެކު، މައްސަލަ ބަލައި ނިމެންދެން ރަޝީދު ސަސްޕެންޑުކުރުމަށް ނިންމާފައިވާ ކަމަށެވެ.
ރަޝީދުގެ ސަސްޕެންޝަން މައްސަލަ "ވާނުވާގައި" އޮތުމުން، އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ އިދިކޮޅު ކޯލިޝަންގެ ޕީޖީ ލީޑަރު، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ.
މަޖިލީހުގެ ރިޔާސަތުން، މަޖިލިސް ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ އާދަމް ޝަރީފް ހުށަހެޅުއްވި އެ މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީއަށް ފޮނުވިއްޖެ ކަމަށް މިއަދުގެ މަޖލިސް ޖަލްސާގައި ޢިއުލާން ކުރަށްވާފަ އެވެ.
އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެވޭ މައްސަލަތަކެއް ބަލަމުންދާތީ، ވަކި މުއްދަތެއް ނެތް ގޮތަށް އެލްޖީއޭ އިން އޭނާ ސަސްޕެންޑް ކޮށްފައިވާއިރު، އޭނާ އަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އުތީމު ކައުންސިލުގެ ރައީސްކަމަށް ޕީޕީއެމްގެ ފަރާތުން ވާދަކުރާ ކެނޑިޑޭޓެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!