އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލުގެ އެންމެ މަތީގައި މިވަގުތު އޮތް ތިން ޓީމް ކަމުގައިވާ މެންޗެސްޓާ ސިޓީއާއި، މެންޗެސްޓާ ޔުނައިޓެޑާއި އަދި ލެސްޓާ ސިޓީ އާދީއްތަ ދުވަހު ލީގުގައި ކުޅުނު މެޗުތައް ކާމިޔާބުކުރިއިރު، އަންނަ ސީޒަންގައި ޔޫރަޕްގެ މުބާރާތެއްގައި ވާދަކުރުމުގެ ފުރުޞަތު ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ޓޮޓެންހަމްއާއި އާސެނަލް އެ ޓީމް ކުޅުނު މެޗުތަކުން ބަލިވެއްޖެއެވެ.

މިވަގުތު ޕޮއިންޓްތާވަލުގެ އެއްވަނާގައި އޮތް މެންޗެސްޓާ ސިޓީއާއި އާސެނަލް ބައްދަލުކުރި މެޗު، ސިޓީން ކާމިޔާބު ކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ ދެވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމްގެ ފޯވާޑް ރަހީމް ސްޓާލިންއެވެ. މިއީ ޖެހިޖެހިގެން ސިޓީން ކާމިޔާބުކުރި 18 ވަނަ މެޗެވެ.

Ad
rt

ރަނގަޅު ފޯމެއްގައި އޮތް ސިޓީ މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތީ ދިހަ ޕޮއިންޓްގެ ލީޑަކާއި އެކުގައެވެ. އެ ޓީމުވަނީ ލީގުގައި ކުޅުނު 25 މެޗުން 59 ޕޮއިންޓް ހޯދާފައެވެ. މި މެޗުން ބަލިވި އާސެނަލް މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ 10 ވަނާގައެވެ. އެ ޓީމަށް 25 މެޗުން ލިބިފައިވަނީ 34 ޕޮއިންޓެވެ.

މެންޗެސްޓާ ޔުނައިޓެޑާއި ނިއުކާސަލް ޔުނައިޓެޑް ބައްދަލުކުރި މެޗު 3-1 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައިވަނީ ޔުނައިޓެޑުންނެވެ.

މި މެޗުގައި ޔުނައިޓެޑްގެ ފަރާތުން ރަނގަޅު ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. މެޗުގެ 30 ވަނަ މިނެޓުގައި ޔުނައިޓެޑުގެ ފޯވާޑް ރަސްފޯޑް ލަނޑުޖަހައި ޔުނައިޓެޑަށް ލީޑު ހޯދައިދިން ނަމަވެސް، ހާފު ނިމުމުގެ ކުރިން ނިއުކާސަލްއިން ވަނީ ލަނޑުޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. 36 ވަނަ މިނޓުގައި މި ލަނޑު ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމްގެ ފްރާންސް ފޯވާޑް މެކްސިމިންއެވެ.

މެޗުގެ 57 ވަނަ މިނެޓުގައި ޔުނައިޓެޑުން ވަނީ ދެވަނަ ފަހަރަށް ލީޑު ނަގާފައެވެ. މި ލަނޑު ބުރޫނޯ ފެނާންޑޭޒްގެ އެހީތެރިކަމާއިއެކު ކާމިޔާބު ކޮށްފައިވަނީ އެ ޓީމަށް ކުޅެމުން އަންނަ ވޭލްސްގެ ޒުވާން ފޯވާޑް ޑެނިއަލް ޖޭމްސްއެވެ. މެޗުގައި ޔުނައިޓެޑުން ކާމިޔާބުކުރި ތިންވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދީފައިވަނީ ބްރޫނޯ ފެނާންޑޭޒްއެވެ.

ލީގުގައި ކުޅުނު 25 މެޗުން ލިބުނު 49 ޕޮއިންޓާއިއެކު ޔުނައިޓެޑް މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ ދެވަނާގައެވެ. މި މެޗުން ބަލިވި ނިއުކާސަލް އޮތީ ޕޮއިންޓް ތާވަލުގެ 17 ވަނާގައެވެ. އެ ޓީމަށް 25 މެޗުން ލިބިފައިވަނީ 25 ޕޮއިންޓެވެ.

މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ލެސްޓާ ސިޓީ ވެސް ވަނީ އެ ޓީމް ކުޅުނު މެޗު ކާމިޔާބު ކޮށްފައެވެ. އެސްޓަން ވިލާއާއި ވާދަކޮށް ލެސްޓާ މެޗު ކާމިޔާބު ކޮށްފައިވަނި 2-1 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ލެސްޓާއިން ވަނީ އެސްޓްންވިލާ ކޮޅަށް ދެ ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު 19 ވަނަ މިނެޓުގައި ޖޭމްސް މެޑަޝަން ކާމިޔާބު ކޮށްދީފައިވާއިރު، ދެވަނަ ލަނޑު 23 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ ބާންސްއެވެ. މެޗުގައި އެސްޓަންވިލާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު ކާމިޔާބު ކޮށްދީފައިވަނީ ޓްރެއޯރޭއެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ލެސްޓާ މިވަގުތު އޮތީ ދެވަނާގައި އޮތް ޔުނައިޓެޑާއި އެއްވަރަކަށް ޕޮއިންޓް ހޯދައިގެން ތާވަލުގެ ތިންވަނާގައެވެ. ޔުނައިޓެޑަށް ދެވަނަ ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ. މެޗުން ބަލިވި އެސްޓަންވިލާ އަށް ލިބިފައިވަނީ 23 މެޗުން 36 ޕޮއިންޓެވެ. އެ ޓީމް މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ 8 ވަނާގައެވެ.

ޓޮޓެންހަމް އާއި ވެސްޓްހަމް ބައްދަލުކުރި މެޗު ވެސްޓްހަމް ކާމިޔާބު ކޮށްފައިވަނީ 2-1 ގެ ނަތީޖާއިންނެވެ.

މޮރީނިއޯ ކޯޗު ކޮށްދެމުން އަންނަ ޓޮޓެންހަމްގެ ފަރާތުން ފަހަކަށް އައިސް ފެންނަމުން ދަނީ ދަށް ނަތީޖާ ތަކެކެވެ. މިގޮތުން އެ ޓީމް އެންމެ ފަހުން ލީގުގައި ކުޅުނު ތިން މެޗުން ވެސް ވަނީ ބަލިވެފައެވެ.

މި މެޗުގެ ވަރަށް ކުރީކޮޅު ވެސްޓްހަމްއިން ވަނީ ލަނޑު ޖަހާފައެވެ. މެޗުގެ ފަސްވަނަ މިނެޓުގައި މި ލަނޑު ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމްގެ ފޯވާޑް އެންޓޯނިއޯއެވެ. ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ 1-0 ގެ ނަތީޖާއިން ވެސްޓްހަމް ކުރީގައި އޮވެގެންނެވެ.

ޓޮޓެންހަމްއަށް މެޗުގައި އިތުރު މައްސަލަތަކާއި ކުރިމަތިވީ ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު ވެސްޓްހަމްގެ ލިންގާޑް އިތުރު ލަނޑެއްޖަހައި ނަތީޖާ 2-0 އަށް ބަދަލު ކޮށްލުމުންނެވެ. މި ލަނޑާއިއެކު ޓޮޓެންހަމްއިން ޓީމް ކުރިއަށް ޖައްސައި ލަނޑުޖަހަން ވަރަށް ބޮޑަށް މަސައްކަތް ކުރިތަން ފެނިގެންދިޔައެވެ. މިގޮތުން މެޗުގެ 64 ވަނަ މިނެޓުގައި ލޫކަސް މޯރާ ކާމިޔާބު ކޮށްދިން ލަނޑާއިއެކު ނަތީޖާ 2-1 އަށް ބަދަލުވިއެވެ. އިތުރު ލަނޑެއް ޖަހަން ޓޮޓެންހަމްއިން މަސައްކަތް ކުރި ނަމަވެސް ވެސްޓްހަމް އިން ވަނީ ޓޮޓެންހަމް ހުއްޓުވައި މެޗު ކާމިޔާބު ކޮށްފައެވެ.

ވެސްޓްހަމް މިވަގުތު ޕޮއިންޓް ތާވަލުގެ ހަތަރުވަނާގައި އޮތީ 25 މެޗުން 45 ޕޮއިންޓް ހޯދައިގެންނެވެ. މި މެޗުން ބަލިވި ޓޯޓެންހަމް މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ ނުވަވަނާގައެވެ. އެ ޓީމަށް ލިބިފައިވަނީ 24 މެޗުން 36 ޕޮއިނޓެވެ.