ސްޕެނިޝް ލަލީގާގައި އާދީއްތަ ދުވަހުގެ ރޭ ބާސެލޯނާއާއި، ކާޑިޒް ބައްދަލުކުރި މެޗު އެއްވަރު ވެގެން ނިމިއްޖެއެވެ. ބާސެލޯނާގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ނިމިފައިވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ.
މި މެޗުގައި ބާސާއިންވަނީ މުޅި މެޗު އެއްކޮށް ކޮންޓްރޯލްކޮށް މޮޅު ކުޅުމެއް ދައްކާފައެވެ. މިގޮތުން އެ ޓީމުން މެޗުގެ 81 އިންސައްތަ ބޯލް ޕޮޒިޝަން ހިފަހައްޓައި ގިނަ ހަމަލާތަކެއް ވަނީ ކާޑިޒްގެ ގޯލަށް ފޮނުވާލާފައެވެ.
މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ ވެސް ބާސާއިންނެވެ. ބާސާގެ ފޯވާޑް ޕެޑްރީއަށް ކާޑިޒްގެ ޑިފެންޑަރުން ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުން މި ލަނޑު 32 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ ކެޕްޓަން ލައިނަލް މެސީއެވެ. ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ ބާސާ ކުރީގައި އޮވެގެންނެވެ.
ބާސާއިން ލީގުގައި އެ ޓީމް އެންމެ ފަހުން ކުޅުނު 7 މެޗު ވެސް ވަނީ ކާމިޔާބު ކޮށްފައެވެ. މި މެޗުން ބާސާ 3 ޕޮއިންޓް ހޯދާނެ ކަމަށް ބެލެވުނު ނަމަވެސް މެޗު ނިމެން އެންމެ މިނެޓަކަށް ވެފައި ވަނިކޮށް ލިބުނު ޕެނަލްޓީއަކުން ލަނޑުޖަހައި ކާޑިޒްއިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށް ބާސާ މޮޅުވިޔަ ނުދީ ހިފަހައްޓާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އަލެކްސްއެވެ.
މި މެޗަކީ ބާސާގެ ކެޕްޓަން ލައިނަލް މެސީއަށް ވަރަށް ހާއްސަ މެޗެކެވެ. މި މެޗަކީ ބާސާ ޖޯޒީގައި ލީގުގައި މެސީ ކުޅުނު 506 ވަނަ މެޗެވެ. މި މެޗާއިއެކު މެސީ ވެގެން ގޮސްފައިވަނީ ބާސާ ޖޯޒީގައި ލީގުގައި އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާއަށެވެ. މީގެ ކުރިން އެ ޝަރަފް އޮތީ ބާސާގެ ކުރީގެ ކެޕްޓަން ޒަވީގެ އަތުގައެވެ.
މި މެޗުން އެއްވަރުވުމުން މިވަގުތު ބާސާއޮތީ 23 މެޗުން ލިބުނު 47 ޕޮއިންޓާއިއެކު، ޕޮއިންޓް ތާވަލުގެ ތިންވަނާގައެވެ. މިވަގުތު އެއްވަނާގައި އޮތީ 23 މެޗުން 55 ޕޮއިންޓް ހޯދައިގެން އެތުލެޓިކޯ މެޑްރިޑެވެ. ދެވަނާގައި އޮތީ 24 މެޗުން 52 ޕޮއިންޓް ހޯދައިގެން ރެއާލް މެޑްރިޑެވެ. މި މެޗުން ލިބުނު އެއް ޕޮއިންޓާއިއެކު ކާޑިޒް މިވަގުތު އޮތީ 24 މެޗުން ލިބުނު 25 ޕޮއިންޓާއިއެކު، ޕޮއިންޓް ތާވަލުގެ 14 ވަނާގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!