އިޖުތިމާޢީގޮތުން މުޖުތަމަޢު ބާރުވެރި ކުރުމުގެ ގޮތުން މަދަނީ ޖަމްޢިއްޔާތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ ގްރާންޓް ޕްރޮގްރާމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަންއެއް ބާއްވަން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން ނިންމައި، އެ ސެޝަންގައި ބައިވެރިވާން ފުރުޞަތު ހުޅުވާލައިފި އެވެ.

ޔޫތު މިނިސްޓްރީ އިން ވިދާޅުވީ، އެ ސެޝަން އޮންނާނީ 01 މާރޗް 2021 ގައި އޮންލައިންކޮށް ކަމަށެވެ. އަދި ސެޝަންގައި ބައިވެރިވުމަށް މަދަނީ ޖަމްޢިއްޔާތަކަށް ފުރުޞަތު ހުޅުވާލާކަމަށް އެ މިނިސްޓްރީއިން ވިދާޅުވެ އެވެ.

Ad
rt

މި ސެޝަންގައި އޮންނާނީ މަދަނީ ޖަމްޢިއްޔާތަކުން ހިންގާ މުޖުތަމަޢު ބާރުވެރިކުރުމުގެ މަޝްރޫޢުތަކަށް ފައިސާގެ އެހީއަށް އެދި ހުށަހެޅުމަށް ޕްރޮޕޯސަލް ތައްޔާރުކުރާނެ ގޮތާއި ގުޅޭ ގޮތުން މަޢުލޫމާތު ދިނުން ކަމަށް އެ މިނިސްޓްރީން ވިދާޅުވެ އެވެ.

ދެ ގަޑިއިރަށް ކުރިއަށް ގެންދާ މި ސެޝަންގައި ބައިވެރިވުމަށް، ގޫގުލް ފޯމް މެދުވެރިކޮށް ރަޖިސްޓްރީވުން އެ މިނިސްޓްރީއިން ވަނީ ފުރުޞަތު ހުޅުވާލާފަ އެވެ. މި ސެޝަންގައި ބައިވެރިވުމަށް ރަޖިސްޓްރީވުމުގެ އެންމެ ފަހުގެ ތާރީޚަކީ 27 ފެބްރުވަރީ 2021ވާ ހޮނިހިރުދުވަހުގެ 20:00ގެ ނިޔަލަށެވެ.

މިި ސެޝަނާއިގުޅޭ އިތުރު މަޢުލޫމާތު ސާފު ކުރަން ބޭނުން ނަމަ، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ނަންބަރު 7905784 އަށް ގުޅުމަށް އެ އެ މިނިސްޓްރީއިން ވަނީ އެދިފަ އެވެ.

މަދަނީ ޖަމްޢިއްޔާތަކުން ހިންގާ މުޖުތަމަޢު ބާރުވެރިކުރުމުގެ މަޝްރޫޢުތަކަށް ފައިސާގެ އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން ހުޅުވާލި ފުރުޞަތުގެ މުއްދަތު 21 މާރޗް 2021 ވަނަދުވަހުގެ 13:00ގެ ނިޔަލަށް މިހާރު ވަނީ އިތުރު ކޮށްފަ އެވެ.

ގްރާންޓް ޕްރޮގްރާމްގެ ދަށުން އެހީއަށް އެދި ހުށަހެޅޭނީ ޤާނޫނު ނަންބަރު 2003/1 (ޖަމްޢިއްޔާތަކާބެހޭ ޤާނޫނު) އާއި، އެ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދުތަކާއި އެއްގޮތަށް ރަޖިސްޓްރީކޮށް ހިނގަމުންދާ ޖަމްޢިއްޔާތަކަށް އެކަނި ކަމަށް ޔޫތު މިނިސްޓްރީއިން ވިދާޅުވެއެވެ.

މިގޮތުން މާލީ އެހީތެރިކަން ފޯރުކޮށްދެވޭނީ ހަމައެކަނި ސަރުކާރުގެ ސިޔާސަތުތަކާއި، އަދި ރަށު/އަތޮޅު/ސިޓީ ތަރައްޤީގެ ޕްލޭންގައި ހިމެނޭ ކަންކަން ޙާޞިލުކުރުމަށް އެހީތެރިވެދޭ މަޝްރޫޢުތައް ހިންގުމަށް ކަމަށް ވެސް އެ މިނިސްޓްރީއިން ވިދާޅުވެއެވެ.

ޕްރޮޕޯސަލް ހުށަހަޅަންޖެހެނީ ޔޫތު މިނިސްޓްރީގެ އީމެއިލް، ce@youth.gov.mv އަށެވެ. އަދި އިތުރު މަޢުލޫމާތު ސާފު ކުރުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ 7662474، 7556883،7905784 ނަންބަރުތަކާއި ގުޅުމަށް އެ މިނިސްޓްރީން އެދެއެވެ.