އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އަންނަ ހުކުރު ދުވަހުވެސް މުޒާހަރާ ކުރާނެ ކަމަށް ބުނެފި އެވެ.
އިދިކޮޅު ކޯލިޝަނުންގެ މުޒާ ހަރާ އަންނަ ހުކުރު ދުވެސް އޮންނާނެ ކަމަށް ޢިއުލާން ކުރީ އެ ކޯލިޝަނުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި، އިދިކޮޅު ކޯލިޝަންގެ ހަރަކާތްތައް އިންތިޒާމުކުރާ ކޮމެޓީގެ ޗެއާ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވީ ފުލުހުންގެ އިންޒާރަށް ބަލައި ފަހަތަށް ނުޖެހޭނެ ކަމަށެވެ.
އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ޒިންމާއަކީ ސަރުކާރު ޖަވާބުދާރީ ކުރުވުން ކަމަށްވާއިރު އެ މަސައްކަތަށް އެއްވެސް މުއައްސަސާއަކުން ހުރަސް އަޅައިގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
''އެއްގޮތަކަށް ވެސް އެޗްޕީއޭގެ ގާނޫނަކުން ރައްޔިތުންނަށް އޮތް އަސާސީ ހައްގުތައް ހަނިކޮށްފައެއް ނުވޭ. އެހެންވީމަ އަންނަ ހުކުރު ދުވަހު ވެސް މުޒާހަރާ އޮންނާނެ. އަޅުގަނޑުމެންގެ އެދުމަކީ ވީހާވެސް ގިނަ ބަޔަކު މުޒާހަރާގައި ބައިވެރިވުން،"
މުހައްމަދު ވިދާޅުވި އެވެ.
އިދިކޮޅުން އިންތިޒާމްކުރާ މުޒާހަރާއާ އިހުތިޖާޖުތައް ކުރިއަށް ގެންދަނީ ގާނޫނީ އިމުގެ ތެރެއިން އަދި ކޯވިޑް-19 އާ ގުޅިގެން އަޅާފައިވާ ރައްކާތެރިިކަމުގެ ފިޔަވަޅުތަކާ އެއްގޮތަށް ކަމަށް އެ ކޯލިޝަނުން ބުނެއެވެ.
އިދިކޮޅުން މާލޭ ސިޓީގައި ސިލްސިލާ މުޒާހަރާތަކެއް ކުރަމުންދާއިރު، ކޯވިޑްގެ ތިންވަނަ ރާޅާއެކު ސަރުކާރުން ވަނީ މާލޭ ސަރަޙައްދުގެ ފިޔަވަޅުތައް ބޮޑުތަނުން ވަރުގަދަ ކޮށްފަ އެވެ. އަދި ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވް މީހުންގެ ޢަދަދު މިހާރު ވަނީ އަށާރަ ހާސް ފަހަނައަޅައި ގޮސްފައެވެ.
މީގެއިތުރުން ޕްރޮގްރެސިވް ކޯލިޝަނުން މިހާރު ބާއްވަމުންދާ އެއްވުންތަކަކީ އެޗްޕީއޭގެ ގައިޑްލައިންތަކާ ހިލާފު އަދި ގާނޫނީ ގޮތުން ވެސް މަނާ ކަމެއް ކަމަށް ފުލުހުން ވަނީ ވިދާޅުވެފަ އެވެ.
މިމަހުގެ 20 ވަނަ ދުވަހު، ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސުޕަރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އަޅާފައިވާ ފިޔަވަޅުތަކާއި ގައިޑްލައިންތަކާއި އަދި ކަމާގުޅޭ ޤާނޫނުތަކާއި ޚިލާފަށް އެއްވުންތައް ބާއްވާނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!