މެލޭޝިޔާގައި ކޯވިޑް ވެކްސިން ދޭން ފަށަނީ

Malaysia

ގިނަ ޢަދަދެއްގެ ދިވެހިން ދިރިއުޅޭ މެލޭޝިޔާގައި އަންނަ ބުދަ ދުވަހުން ފެށިގެން ކޯވިޑް-19 ވެކްސިން ދޭން ފަށަން ނިންމައިފިއެވެ.

ކުރިން ވެކްސިން ދޭން ފަށަން އެ ޤައުމުން ނިންމާފައި އޮތީ އަންނަ ހުކުރު ދުވަހު ނަމަވެސް، ކޯވިޑް ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް އިއްޔެ އެ ގައުމަށް ލިބުމާއެކު ވެކްސިން ދޭން ފަށާ ތާރީޚް އަވަސްކުރީ ކަމަށް ބައިނަލް އަގްވާމީ ބައެއް ނޫސްތަކުގައި ބުނެފަ ވެއެވެ.

މެލޭޝިޔާގައި ދޭން ފަށަން ނިންމާފައި ވަނީ ފައިޒަރ-ބަޔޯއެންޓެކްގެ ވެކްސިން އެވެ. އެ ގައުމަށް އިއްޔެ ގެނައި ފުރަތަމަ ޝިޕްމަންޓްގައި 312،390 ޑޯޒްގެ ވެކްސިން ގެންދިޔަ އެވެ.

އެ ޤައުމުގެ އިޤްތިޞާދު އަލުން ކޮޅަށްޖަހައި، ހަމަޔަކަށް އެޅުވުމަށް އެ ޤައުމުގެ 32 މިލިއަން މީހުންގެ އާބާދީގެ 80 އިންސައްތަ މީހުންނަށް ވީއެންމެ އަވަހަކަށް ވެކްސިން ފޯރުކޮށް ދިނުމަށް އެ ގައުމުން ދަނީ މަސައްކަތް ކުރަމުންނެވެ.

މެލޭޝިޔާގެ ސައިންސް މިނިސްޓަރ ޚައިރީ ޖަމާލުއްދީންއާއި ހަވާލާދީ ބައިނަލް އަގުވާމީ ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުން ފައިޒަރ-ބަޔޯއެންޓެކްގެ ވެކްސިންގެ ދެވަނަ ޝިޕްމަންޓް މިމަހުގެ 26 ގައި ލިބޭނޭ އެ ޤައުމަށް ލިބޭނެއެވެ. އަދި އެ ޤައުމުން އޯޑަރުކޮށްފައިވާ ފައިޒަރ ވެކްސިންގެ ޑޯޒްތައް އެއްކޮށް ލިބެންދެން ކޮންމެ ދެ ހަފްތާއިން އެއް ހަފްތާގައި ވެކްސިން ޝިޕްމަންޓްތައް އެ ޤައުމަށް ލިބެމުންދާނެ ކަމަށް އޭނާ ވިދާޅުވެފަ ވެއެވެ.

ފައިޒަރ-ބަޔޯއެންޓެކްގެ 32 މިލިއަން ޑޯޒް ވެކްސިން ގަތުމަށް މެލޭޝިޔާއިން އޯޑަރުކޮށްފައިވާއިރު، ޗައިނާގެ ސިނޮވެކް ބަޔޯޓެކްގެ ވެކްސިން ގަތުމަށްވެސް އެ ޤައުމުން ވަނީ އޯޑަރުކޮށްފައެވެ.

މެލޭޝިޔާގެ ރައްޔިތުންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް ބުދަދުވަހު ފަށާއިރު، އެންމެ ފުރަތަމަ ވެކްސިން ޖަހާނީ ބޮޑުވަޒީރު މުހްޔިއްދީން ޔާސީންއާއި، ހެލްތު މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ނޫރް ހިޝާމް އަބްދުﷲ ކަމަށް ސައިންސް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެ ޤައުމުން ވަނީ އެ ޤައުމުގައި ދިރިއުޅޭ ހުރިހާ މީހުންނަށް ވެކްސިން ފޯރުކޮށް ދިނުމަށް ވެސް ނިންމާފަ އެވެ.

މެލޭޝިޔާގައި މިހާތަނަށް 280,272 ކޯވިޑްގެ ކޭސް ރިޕޯޓް ކޮށްފައިވާއިރު، އެ ބަލީ 1,051 މީހުން އެ ޤައުމުން ވަނީ މަރުވެފަ އެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *