ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އިލެކްޝަންސް ކޮމިޝަން (އީސީ)އިން ހުސްވެފައިވާ މެމްބަރުކަމަށް ގ. މާލެހިޔާ 1 03-18، ޑޮކްޓަރ މުޙައްމަދު ޒާހިރު މިއަދު ޢައްޔަން ކުރައްވައިފިއެވެ.

ޑރ. ޒާހިރު މި މަޤާމަށް ޢައްޔަންކުރެއްވުމަށް މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި، އެ މަނިކުފާނަށް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވާ ލައިދެއްވާ ހައިކޯޓުގެ އިސް ފަނޑިޔާރު އަލްއުސްތާޛު ހާތިފް ޙިލްމީއެވެ.

Ad
rt

ޑރ. މުޙައްމަދު ޒާހިރަކީ ބެންގކޮކްގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ޑިވެލޮޕްމަންޓް އެޑްމިނިސްޓްރޭޝަން (އެން.އައި.ޑީ.އޭ) އިން ޕީ.އެޗް.ޑީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި، އެ މަނިކުފާނު މާސްޓަރސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައި ވަނީ މެލޭޝިއާގެ އޯޕަން ޔުނިވަރސިޓީއިންނެވެ.

ޑޮކްޓަރ މުޙައްމަދު ޒާހިރަކީ، މީގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އެސިސްޓަންޓް ޕްރޮފެސަރއެއްގެ މަޤާމާއި، އިލެކްޝަންސް ކޮމިޝަނުގެ ޑިރެކްޓަރެއްގެ މަޤާމު ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

ޑރ. ޒާހިރު އީސީގެ މެންބަރުކަމަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން އެ މަޖިލީހުގެ މަރުހަލާތަކަށް ފަހު، 37 މެންބަރުންގެ ވޯޓުން އޭނާ އެ މަގާމަށް އައްޔަނުކުރަން ފާސްކުރީ މަމަހުގެ 16 ވަނަ ދުވަހު އެވެ.

އީސީގެ މެމްބަރުކަމުގެ މަގާމެއް ހުސްވީ، އެ ކޮމިޝަންގެ މެންބަރު ކަމުގައި ހުންނެވި އަހުމަދު އަކްރަމް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.