ރާއްޖޭގައި ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހިފަހުން އިއްޔެ ނިޔާވި އުމުރުން 93 އަހަރުގެ މީހާގެ އަނބިމީހާ ވެސް މިއަދު ނިޔާވެއްޖެ އެވެ.
ގދ. ގައްދޫގައި ކޯވިޑް ވެކްސިން ޖެހިފަހުން ހާލު ސީރިއަސްވެގެން އެ އަތޮޅު ތިނަދޫ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް އިއްޔެ ނިޔާވި މީހާއަކީ ގިނަ އަދަދެއްގެ ބަލިތަކެއް ތަހައްމަލު ކުރަމުން ދިޔަ، އަދި އޭނާއަށް ހިނގާބިނގާވެ ނޫޅެވޭތާ 10 އަހަރު ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިއްޔެ ވަނީ ވިދާޅުވެއެވެ. އަދި އެ މަރުގެ ސަބަބު ހޯދުމަށް ތަހުގީގު ކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އެމީހާގެ އަނބިމީހާ ވެސް ނިޔާވީ ކޯވިޑް ވެކްސިން ޖަހާފައި ވަނި ކޮށެވެ. އެއީ އުމުރުން 81 އަހަރުގެ އަންހެނެކެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޑިރެކްޓަރު އަހްމަދު ނާސިރު ވިދާޅުވީ އެ ދެމަފިރިން ނިޔާވި މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
އެ ދެމަފިރިންނަށް ވެސް ކޮވިޑް ވެކްސިން (ކޮވިޝީލްޑް) ޖަހާފައިވަނީ މި މަހުގެ 17 ވަނަ ދުވަހު އެވެ.
ރާއްޖޭގައި ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހިފަހުން ނިޔާވި އުމުރުން 93 އަހަރުގެ މީހާގެ އަނބިމީހާ ވެސް މިއަދު އެ ވެކްސިން ޖެހިފަހުން ނިޔާވެފައިވާއިރު، ރާއްޖެއިން މިއަދު އިތުރު 145 މީހަކު އެ ބަށްޔަށް ވަނީ ޕޮޒިޓިވް ވެފައެވެ. މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ ކޯވިޑް ނަންބަރު ވަނީ 18,612 އަށް އަރާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!