ފުރަތަމަ ފަހަރަށް ދެކުނު އެޓްލާންޓިކުން ރީނދޫ ކުލައިގެ ޕެންގުއިންއެއް ފެނިއްޖެއެވެ.

އާއްމު ގޮތެއްގައި ފެންނަ ޕެންގުއިނަތައް ތިބެނީ ކަޅާއި ހުދު ކުލައިގައެވެ. ނަމަވެސް މި ޕެންގުއިންގެ ގައިގައި ކަޅު ކުލައިގެ އެންމެ ތިއްކެވެސް ނެތެވެ. މި ޕެންގުއިންގެ ލޯވެސް އެހެން ޕެއިންގުއިންތަކާ ތަފާތެވެ.

Ad
rt

މި ޕެންގުއިން އެންމެ ފުރަތަމަ ފެނުނީ ވައިލްޑްލައިފް ފޮޓޯގްރާފަރެއް ކަމަށްވާ އީވްސް އެޑަމްސް އަށެވެ. އޭނާއަށް މި ޕެންގުއިން ފެނުނީ 120،000 އެއްހާ ޕެންގުއިންތަކުގެ ތެރެއިން ކަމަށް އޭނާ ބުންޏެވެ.

އޭނާ ވަނީ މި ޕެންގުއިންގެ ހިތްގައިމު ފޮޓޯތަކެއް އާއްމުކޮށްފައެވެ. މި ފޮޓޯއާ ގުޅޭގޮތުން އޭނާ ބުނީ ނަސީބު ކަން ދިމާކުރިގޮތުން އެ ޕެންގުއިން އައިސް ޖެއްސީ އޭނާ ކައިރީގައި ކަމަށެވެ. އެހެންކަމުން ރީތި ފޮޓޯތަކެއް ނަގަން ފަސޭހަވި ކަމަށް އޭނާ ބުންޏެވެ.

އެޑަމް ބުނިގޮތުގައި މިއީ "ލޫސިސްޓިކް" ޕެންގުއިން އެކެވެ. މި ޕެންގުއިންގެ ހަށިގަނޑުން މެލަނިން ނުއުފައްދައެވެ. އެހެންކަމުން އޭތީގެ ފިޔަތައް ކަޅު ކުލައިގެ ބަދަލުގައި ރީނދޫ ކުލަ އަދި ކްރީމް ކުލައަށް ބަދަލުވަނީ ކަމަށްވެސް އޭނާ ބުންޏެވެ.

އަލްބީނިޒަމް އަކީވެސް މިކަހަލަ ކަމެކެވެ. ނަމަވެސް އަލްބީނިޒަމްގައި ގައިގެ ކުލަ އެއްކޮށް ހުދުކޮށްލައެވެ. އަލްބީނިޒަމް ޖެހިފައި ހުރި އެއްކޮށް ހުދު ޕެންގުއިންވެސް 2012 ވަނަ އަހަރު ވަނީ ފެނިފައެވެ. މިއީވެސް ވަރަށް މަދުން ނޫނީ ނުފެންނަ ކުލައެކެވެ.