ކޯވިޑް19 ޖެހިގެން ފަރުވާ ހޯދަމުން ދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގަ ނިޔާވި ފިލްމީ ތަރި، އަދި ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ، އެންމެ ދުވަސްވީ އެއް ކްލަބު ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ވަރުގަދަ ސަޕޯޓަރު ކޮއްޔަ ހަސަން މަނިކުގެ ޢާއިލާއަށް އެ ކްލަބުން ތައުޒިޔާ ކިޔައިފިއެވެ.

އެ ކްލަބުން މިއަދު ކުރި ފޭސްބުކް ޕޯސްޓެއްގައި ބުނީ އެ ކުލަބުގެ ދެގޮތެއް ނުވާ ސަޕޯޓަރ ހަސަން މަނިކު (ކޮއްޔަ) ވަނީ މިއަދު ނިޔާވެފައިވާތީ، އެ ކުލަބާއި އަދި އެންމެހައި ސަޕޯޓަރުންގެ ނަމުގައި ހަސަން މަނިކުގެ އާއިލާ އަށް ތަޢުޒިޔާ ކިޔާ ކަމަށެވެ.

Ad
rt

''މި ކުލަބުގެ ދެގޮތެއް ނުވާ ސަޕޯޓަރ ހަސަން މަނިކު (ކޮއްޔަ) ވަނީ މިއަދު ނިޔާވެފައެވެ. މި ކުލަބާއި އަދި އެންމެހައި ސަޕޯޓަރުންގެ ނަމުގައި ހަސަން މަނިކުގެ އާއިލާ އަށް ތަޢުޒިޔާ ދަންނަވަމެވެ. އަދި ހަސަން މަނިކުގެ ފާފަ ފުއްސަވައި ސުވަރުގެ މިންވަރު ކޮށްދެއްވުން އެދި މާތް ﷲ ގެ ހަޟްރަތަށް ދުޢާ ދަންނަވަމެވެ. އާމީން.''

ނިއުރޭޑިަންޓުން ބުނެފަ ވެއެވެ.

ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ އިތުރުން އެކްލަބްގެ ކުރީގެ ޗެއާމަން އަދި އެންމެ ފުރަތަމަ އެފްއޭއެމްގެ ރައީސް، މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމާއި، ފަންނާނުންނާއިގުޅޭ މިނިސްޓްރީ، މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ހިމެނޭހެން ގިނަ ޢަދަދެއްގެ ބަޔަކު އަންނަނީ ޙަސަން މަނިކުގެ ވަކިވެ ދިޔުމުގެ ހިތާމާގައި ބައިވެރިވަމުންނެވެ.

ކޮއްޔަ ހަސަން ނިޔާވީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް 11 ގައި ކޯވިޑަށް ފަރުވާ ހޯދަމުން ދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.

ކޮއްޔަ ހަސަން މަނިކަކީ ފިލްމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެއް މަސައްކަތްކޮށްފައިވާ ފަންނާނެކެވެ. 1989 ވަނަ އަހަރު ފިލްމީ ދާއިރާއަށް ނުކުމެ ގިނަ އަދަދެއްގެ ޓީވީ ޑްރާމާ ސިލްސިލާ ތަކާއި ފިލްމުތައް ކުޅެފައިވެ އެވެ.

މީގެއިތުރުން ހަސަންއަކީ އޭނާ ނިސްބަތްވާ ހެންވޭރަށް ނިސްބަތްވި ފުޓްބޯޅަ ކްލަބް، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބު ދެގޮތެއް ނުވާ ސަޕޯޓަރެކެވެ. ހަސަންގެ އަޑަކީ ސިޑިބަރިން އޭނާގެ ލޯބިވާ ކްލަބަށް ސަޕޯޓްކުރުމުގައި ގުގުމާލި އަޑެކެވެ. އޭނާއަކީ ނަމޫނާ ސަޕޯޓަރެއް ގޮތުގައި ފާހަގަ ކުރަމުން އައިމީހެކެވެ.