ރާއްޖޭގައި ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒްޖެހި އުމުރުން 93 އަހަރުގެ މީހަކު ނިޔާވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ ރާއްޖޭގައި ކޯވިޑް ވެކްސިން ޖެހި މީހަކު ނިޔާވެފައިވާ ކަމަށާއި، އެ މަރުގެ ސަބަބު ހޯދުމަށް ތަހުގީގު ކުރާނެ ކަމަށެވެ.

Ad
rt

އެމީހާ ކޯވިޑް ވެކްސިން ޖަހާފައި ވަނީ މިމަހުގެ 17 ވަނަ ދުވަހު ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

މިއަދު ހެނދުނު ނިޔާވީ އުމުރުން 93 އަހަރުގެ ފިރިހެނެކެވެ. އޭނާއަކީ ގިނަ އަދަދެއްގެ ބަލިތަކެއް ތަހައްމަލު ކުރަމުން ދިޔަ، އަދި އޭނާއަށް ހިނގާބިނގާވެ ނޫޅެވޭތާ 10 އަހަރު ވެފައިވާ ކަމަށް އެޗްޕީއޭ އިން ވިދާޅުވެއެވެ.

ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ކޯވިޑް ވެކްސިން ޖެހިފަހުން ނިޔާވީ ފިނޭންސް މިނިސްޓަރު އިބްރާޙީމް އަމީރުގެ ކާފައެވެ.

ރާއްޖޭގައި މިހާތަނަށް ދެމުން ދަނީ އިންޑިއާއިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިނެވެ. އެ ވެކްސިން ރާއްޖޭގައި ދޭން ފެށީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. އަދި ރާއްޖެއިން މިހާތަނަށް64 ހާހަށްވުރެ ގިނަ މީހުން ވަނީ އެ ވެކްސިން ޖަހާފަ އެވެ.