ބޮޑު ކަންނެލި މަސްވެރިންނާމެދު ތަފާތު ނުކޮށް، އެ މަސްވެެރިކަން ވެސް ޕްރޮމޯޓް ކޮށްދިނުމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން (ބީ.ކޭ.އެމް.ޔޫ)އިން އެދިއްޖެއެވެ.
އެ ޖަމިއްޔާއިން މިހެން ބުނީ އެޖަމިއްޔާގެ ރަސްމީ ފޭސްބުކް ޕޭޖުގައި މިއަދު ކުރި ޕޯސްޓެއްގަ އެވެ.
އެ ޕޯސްޓްގައި ވަނީ ބޮޑު ކަންނެލި މަސްވެރިކަން ކުރާ ބައެއް ދޯނިތަކުން ކުރާ މަސައްކަތް ދައްކުވައިދީ އެ ޖަމިއްޔާއިން އެ މަސްވެރިކަން ޕްރޮމޯޓް ކުރުމަށް ކޮށްފައިވާ ބައެއް ޓްވީޓްތަކާއި، އިނގިރޭސި ވިލާތައް ރާއްޖެއިން ކަނޑައަޅާފައި ހުންނަ ސަފީރު، ޑރ. ފަރަހަނާޒް ފައިސަލް ކުރަށްވާފައިވާ ދެ ޓްވީޓެއް ވެސް ހިމަނާފައެވެ. ސަފީރު، ޑރ. ފަރަހަނާޒްގެ ދެ ޓްވީޓަކީ ދޮށީގެ މަސްވެރިކަން ޕްރޮމޯޓް ކުރުމަށް ކުރަށްވާފައިވާ ދެ ޓްވީޓެވެ.
ބީކޭއެމްޔޫއިން ފާޅުކޮށްފައިވާ ކަންބޮޑު ވުމަކީ ކަމާބެހޭ ފަރާތްތަކުން ދޮށީގެ މަސްވެރިކަން ޕްރޮމޯޓްކޮށް ކުރިއަރުވަން ކުރާ މަސައްކަތް އެހެން މަސްވެރިކަމުގެ ވައްތަރުތައް ކުރިއަރުވާން ނުކުރުމެވެ. ޚާއްޞަކޮށް ރާއްޖޭގެ ބޮޑު އާބާދީއެއްގެ ދިރިއުޅުން އެ މަސައްކަތަކުން ލިބޭ އާމްދަނީއަށް ބަރޯސާވެފައިވާ ބޮޑުކަންނެލީގެ މަސްވެރިކަން ކުރިއަރުވާ ޕްރޮމޯޓް ކުރަން އެކަށޭނަ މަސައްކަތް ނުކުރާ ކަމަށް އެ ޖަމިއްޔާގެ ކަން ބޮޑުވުމުގައި ވަނީ ފާހަގަ ކޮށްފައެވެ.
''މިނިސްޓްރީ، މިފްކޯ، ކަނދުފަތި، ސަރުކާރުގެ ބަޖެޓް ވެސް ދޮށީގެ މަސްވެރިކަމަށް ޚާއްޞަ، އެމްބެސެޑަރ ފަރަހަނާޒް ވެސް ހަމައެކަނި ދޮށީގެ މަސްވެރިކަން ޕްރޮމޯޓް ކުރުމުގައި. އެހެން މަސްވެރިން މިކުރަނީ މަސްވެރިކަމެއް ނޫންތޯ؟ މިއަށް މަސްވެރިކަމުގެ މެދުގައި ތަފާތުކުރުންނޫން ދެން ކީކޭތޯ ކިޔާނީ ؟ ބޮޑު ކަންނެލި މަސްވެރިކަމަކީ ރާއްޖޭގެ އާބާދީގެ ބޮޑު އިންސައްތައެއް އާމްދަނީ ހޯދުމަށް ވަރަށް ތިމާވެއްޓާ ރައްޓެހި ގޮތުގައި ކުރާ މަސްވެރިކަމެއް. މިމަސްވެރިކަންވެސް ފްރޮމޯޓް ކޮށްދެއްވާ. ތަފާތުކުރުން ހުއްޓާލާ''
އެޖަމިއްޔާއިން ބުނެފަ ވެއެވެ.
ބީކޭއެމްޔޫ ނައިބު ރައީސް އިމްރާން މުޙައްމަދު ވެސް ވަނީ އެ މޭރުމުން ކަންބޮޑުވުން ފާޅުކުރަށްވައި، ތަފާތުކުރުން ހުއްޓާލަން ގޮވާލާފަ އެވެ.
މިނިސްޓްރީ، މިފްކޯ، ކަނދުފަތި،ސަރުކާރުގެ ބަޖެޓްވެސް ދޮށީގެ މަސްވެރިކަމަށް ހާއްސަ. @DrFarahFaizal ވެސް ހަމައެކަނި ދޮށީގެ މަސްވެރިކަން ޕްރޮމޯޓް ކުރުމުގައި. މިއަށް މަސްވެރިކަމުގެ މެދުގައި ތަފާތުކުރުންނޫން ދެން ކީކޭތޯ ކިޔާނީ @ZahaWaheed ؟ ތަފާތުކުރުން ހުއްޓާލާ ! @FishermensUnion pic.twitter.com/fSNOhvpZPr
— Imran Mohamed (@ImranMohamed25) February 19, 2021
ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން (ބީކޭއެމްޔޫ) އުފެއްދުމާއިއެކު، އެ ޖަމިއްޔާއިން އަންނަނީ ބޮޑު ކަންނެލި މަސްވެރިންގެ ހައްގުގައި ގިނަ މަސައްކަތްތަކެއްކޮށް، އެ މަސްވެރިންގެ ހައްގުގައި ކެނޑިނޭޅި ވަކާލާތު ކުރަމުންނެވެ.
ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން (ބީ.ކޭ.އެމް.ޔޫ) ގެ ނަމުގައި މަސްވެރިންގެ ހައްޤުގައި ވަކާލާތުކޮށް އަޑު އުފުލުމަށް މިޖަމިއްޔާ ރަޖިސްޓްރީކޮށްފައިވަނީ މިއަހަރުގެ ފެބުރުއަރީ މަހުގެ 9 ވަނަ ދުވަހުއެވެ. އެޖަމިއްޔާ އިފްތިތާހްކޮށް ރަސްމީކޮށް ހަރަކާތްތެރިވާން ފެށީ ހުސްވި 2020 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް، ޑިސެމްބަރު 10 ވަނަ ދުވަހު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!