ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ސްޕެއިންގެ ސެވިއްޔާއާއި ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމަންޑް ބައްދަލު ކުރި މެޗު ޑޯޓްމަންޑުން ކާމިޔާބު ކޮށްފިއެވެ. ސެވިއްޔާގެ ދަނޑުގައި ކުޅުނު މި މެޗު ޑޯޓްމަންޑުން ކާމިޔާބު ކޮށްފައިވަނީ 3-2 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނަގާފައިވަނީ ސެވިއްޔާއިންނެވެ. މި ލަނޑު މެޗުގެ ހަތްވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ ސުސޯއެވެ. މި ލަނޑާއިއެކު ސެވިއްޔާއަށް ލީޑު ލިބިގެން ދިޔަ ނަމަވެސް ޑޯޓްމަންޑުން ވަނީ ފުރަތަމަ ހާފުގައި ތިން ލަނޑު ޖަހައި މެޗުގެ ނަތީޖާ އެ ޓީމް ކޮޅަށް އަނބުރާލާފައެވެ.

Ad
rt

ޑޯޓްމަންޑުން ކާމިޔާބު ކުރި ފުރަތަމަ ލަނޑު މެޗުގެ 19 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ މިޑްފީލްޑަރ މުޙައްމަދު ދާއޫދުއެވެ. އޭރިއާގެ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ކާމިޔާބުކުރި މި ލަނޑަކީ މެޗުގައި ވެސް ފެނިގެންދިޔަ އެންމެ ހިތްގައިމު އެއް ގޯލެވެ. މެޗުގެ 27 އަދި 43 ވަނަ މިނެޓުގައި، މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ހާލަންޑް ވަނީ ދެ ގޯލްޖަހާ ހާފު ނިމުމުގެ ކުރިން ނަތީޖާ 3-1 އަށް ބަދަލު ކޮށްލާފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވިފައިވަނީ ނޯވޭގެ 20 އަހަރުގެ ފޯވާޑް ހާލަންޑްއެވެ.

ދެވަނަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ސެވިއްޔާއިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ބުރަކޮށް މަސައްކަތް ކޮށްފައެވެ. މިގޮތުން އެ ޓީމުން ވަނީ މެޗުގެ 84 ވަނަ މިނެޓުގައި ލަނޑުޖަހައި ފަރަގު ކުޑަ ކޮށްފައެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައިވަނީ ޑި ޖޮންގއެވެ.

މި ދެ ޓީމް ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ މަހުގެ 10 ވަނަ ދުވަހު ޑޯޓްމަނޑްގެ ދަނޑުގައެވެ.