ޔޫރަޕްގެ ކުލްބްތަކުގެ މެދުގައި ކުޅެވޭ އެންމެ ޝަރަފްވެރި މުބާރާތް ކަމުގައިވާ ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ޕޯޗުގަލްގެ ޗެމްޕިއަން ޕޯޓޯއިން އިޓަލީގެ، ޗެމްޕިއަން ޔުވެންޓަސް ބަލި ކޮށްފިއެވެ. ފުރަތަމަ ލެގުގެ މި މެޗު ޕޯޓޯގެ އަމިއްލަ ދަނޑުގައި ކުޅެފައިވާއިރު އެ ޓީމުން މި މެޗު ކާމިޔާބު ކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ މިނެޓުގައި ލަނޑުޖަހައި ޕޯޓޯއިން ވަނީ ލީޑުނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމުގެ އިރާން ފޯވާޑް މެހްދީ ޓަރޭމީއެވެ. މި ލަނޑު ޓަރޭމީ ކާމިޔާބު ކޮށްފައިވަނީ ޔުވެންޓަސްގެ އުރުގުއޭ މިޑްފީލްޑަރ ރޮޑްރިގޯ ބެންޓަކުއާ، ޔުވެންޓަސްގެ އޭރިއާގެ ތެރެއިން ހެދި ގޯހެއްގެ ސަބަބުން ތަނަވަސްވި ފުރުޞަތެއްގައެވެ. މި ލަނޑާއިއެކު ޓަރޭމީ ވެގެން ގޮސްފައިވަނީ ޗެމްޕިއަންސް ލީގުގައި ލަނޑުޖެހި އިރާނުގެ ހަވަނަ ކުޅުންތެރިޔާއަށެވެ. ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ އެއް ލަނޑުން ޕޯޓޯ ކުރީގައި އޮވެގެންނެވެ.

Ad
rt

މި މެޗުގައި ޔުވެންޓަސް އަށް މާ އެދެވޭ ކުޅުމެއް ދެއްކިފައިނުވާއިރު، އެ ޓީމްގެ ޕޯޗުގަލްގެ ތަރި ކުރިސްޓިއާނޯ ރޮނާލްޑޯގެ ފަރާތުން ވެސް ފެނިގެން ގޮސްފައިވަނީ ވަރަށް އާދައިގެ ކުޅުމެކެވެ. ޕޯޓޯގެ ޑިފެންސް ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ޔުވެންޓަސްއަށް ލަނޑު ޖަހާނެ މާ ތަނަވަސް ފުރުޞަތު ތަކެއް ވެސް ހޯދިފައިނުވާކަން ފާހަގަ ކުރެވެއެވެ.

މި މެޗުގައި ޔުވެންޓަސްއަށް އިތުރު މައްސަލަތަކާއި ކުރިމަތިވީ ދެވަނަ ހާފުގެ ފުރަތަމަ މިނެޓުގައި ޕޯޓޯއިން ލަނޑުޖަހައި ނަތީޖާ 2-0 ބަދަލު ކޮށްލުމުންނެވެ. މި ލަނޑު ވިލްސަން މަންފަގެ އެހީތެރިކަމާއިއެކު ކާމިޔާބު ކޮށްދީފައިވަނީ މޫސަ މަރޭގާއެވެ. މި ލަނޑާއިއެކު ޔުވެންޓަސްއިން ޓީމް ކުރިއަށް ޖައްސައި ލަނޑެއް ކާމިޔާބު ކުރުމަށް ކުރަމުންއައި މަސައްކަތް އިތުރު ކުރިތަން ވަނީ ފެނިގެން ގޮސްފައެވެ. މިގޮތުން އެ ޓީމުން ވަނީ މެޗު ނިމެން އަށް މިނެޓަށް ވެފައި ވަނިކޮށް ލަނޑުޖަހާފައެވެ. ރެބިއުޓްގެ އެހީތެރިކަމާއި އެކު މި ލަނޑު ކާމިޔާބު ކޮށްދީފައިވަނީ ފެޑްރިކޯ ކިއޭސާއެވެ.

ޕޯޓޯއިން މި މެޗު ކާމިޔާބު ކޮށް ކުއާޓާ އުންމީދު އާކުރިއިރު އެ ޓީމުން މީގެ ދެ ސީޒަންގެ ކުރިން ވަނީ މި މުބާރާތުގެ ކުއާޓާ ފައިނަލުގައި ކުޅެފައެވެ. ޕޯޓޯއިން މި މުބާރާތް އެއްފަހަރު ވަނީ ކާމިޔާބު ކޮށްފައެވެ. އެއީ 2004 ވަނަ އަހަރު މޮރީނިއޯގެ ކޯޗުކަމުގެ ދަށުންނެވެ.

މި ދެޓީމް ބައްދަލު ކުރާ ދެވަނަ ލެގްގެ މެޗު އަންނަ މަހުގެ ދިހަވަނަ ދުވަހު އޮންނާނީ ޔުވެންޓަސްގެ ދަނޑުގައެވެ.