ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު އިސްމާއިލް ދޫކޮށްލަން އޭނާ ނިސްބަތްވެ ވަޑައިގަންނަވާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ގޮވާލައިފި އެވެ.

އެ ކޯލިޝަނުން މިރޭ އާންމުކުރި ނޫސް ބަޔާނެއްގައި ބުނީ އެ ކޯލިޝަނުން އިއްޔެ ހަވީރު ސުލްޙަވެރިކަމާއެކު، އެޗްޕީއޭގެ ގައިޑްލައިންގައިވާ ގޮތުންގެ މަތިން އިޙްތިޖާޖު ކުރަމުންދަނިކޮށް ފުލުހުން އެ އިޙްތިޖާޖުގެ ތެރެއިން ގިނަ ބަޔަކު ހައްޔަރު ކުރިކަމަށެވެ.

Ad
rt

''ހައްޔަރު ކުރި މީހުންގެ ތެރެއިން ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު އިސްމާޢީލްގެ ބަންދަށް މިއަދުވަނީ ކޯޓުން 3 ދުވަސް ޖަހާފައެވެ. މިކަން ވަރަށް ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް މުޙައްމަދު އިސްމާއީ ވަގުތުން ދޫކޮށްލުމަށް ގޮވާލަމެވެ. މުޙައްމަދު އިސްމާޢީލު ހައްޔަރުކޮށް ބަންދަށް މުއްދަތު ޖެހުމަކީ މިސަރުކާރު ވަރަށްބޮޑަށް ބަލިކަށިވެ ހަދާނެގޮތް ހުސްވެގެން ވާދަވެރި ކޯލިޝަންގެ އަޑު ކަނޑުވާލާ ބިރުދެއްކުމަށް ހިންގި ވަރަށް ދަށު ދަރަޖައިގެ ޢަމަލެކެވެ. އަދި ޖުޑިޝަރީ ޙިސާރުކޮށްސަރުކާރުގެ ޚުދުމުޚުތާރު ކަން މުޅި ސިސްޓަމްގެ ތެރެއަށް ބާނާލާފައިވާކަން ސާފުކޮށްދޭ ކަމެކެވެ.''

އެ ކޯލިޝަނުން އާންމުކުރި ބަޔާނުގަ ވެއެވެ.

އެ ކޯލިޝަނުން ބުނީ މުޙައްމަދު އިސްމާޢީލް އާއި އެ ކޯލިޝަންގެ އިސްސަފުގައި ޙަރަކާތްތެރިވާ އެންމެން ހައްޔަރު ކުރިއަސް މި ކޯލިޝަނުން ކުރަމުންދާ ސުލްޙަވެރި އިޙްތިޖާޖުތައް ހުއްޓާނުލާނެ ކަމަށެވެ.

އިދިކޮޅުން މާލޭ ސިޓީގައި ސިލްސިލާ މުޒާހަރާތަކެއް ކުރަމުންދާއިރު، ކޯވިޑްގެ ތިންވަނަ ރާޅާއެކު ސަރުކާރުން ވަނީ މާލޭ ސަރަޙައްދުގެ ފިޔަވަޅުތައް ބޮޑުތަނުން ވަރުގަދަ ކޮށްފަ އެވެ. އަދި ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވް މީހުންގެ ޢަދަދު މިހާރު ވަނީ އަށާރަ ހާސް ފަހަނައަޅައި ގޮސްފައެވެ.