ދިވެހިރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރި ކަމަށް ޓަކައި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަޅާ ފިޔަވަޅުތަކުގެ ދަށުން މާލެ ސަރަހައްދުގައި ހިންގާފައިވާ ކާފިއުގެ މުއްދަތު އިތުރު ދެ ހަފްތާއަށް އިތުރުކޮށްފި އެވެ.
އެކަން ބަޔާންކޮށް، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި މިރޭ އާންމުކުރި އެންގުމުގައި ބުނީ، ރާއްޖޭގައި ކޯވިޑް19 ފެތުރުން ކޮންޓްރޯލުކޮށް އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަމަށްޓަކާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބޭ ބާރުގެ ދަށުންް 2021 ފެބްރުއަރީ ދެވަނަ ދުވަހު މާލެެ ސަރަހައްދުގައި 14 ދުވަހުގެ މުއްދަތަށް އަޅާފައިވާ ފިޔަވަޅުތައް މާދަމާ އިން ފެށިގެން އިތުރު 14 ދުވަހުގެ މުއްދަތަކަށް އިތުރު ކުރަން ނިންމައި، އެކަން އަންގާ ކަމަށެވެ.
ގްރޭޓާ މާލެ ސަރަހައްދުގައި ބަލި ފެތުރުން ކޮންޓްރޯލު ކުރަން ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ވާއިރު، އެޗްޕީއޭ އިން ވަކި ގޮތެއް އަންގަންދެން ހަވީރު ހަޔަކުން ހެނދުނު ހަޔަކަށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން ވެސް ވަނީ މަނާ ކޮށްފައެވެ. އަދި ރޭގަނޑު 11 އިން ފަތިހ ު4:30 އަށް ވަނީ ބޭރަށް ނުކުތުން މަނާކޮށްފައެވެ.
އެޗްޕީއޭއިން މިރޭ ވަނީ އައްޑޫ ސިޓީގެ ކާފިއުގެ މުއްދަތު ވެސް އިތުރު ހަފްތާއަކަށް ދަންމާލާފަ އެވެ.
ކޯވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ދަންމާލިއިރު މިއަދު ވެސް ރާއްޖެއިން ވަނީ އިތުރު 129 މީހަކު ކޯވިޑަށް ޕޮޒިޓިވްވެފަ އެވެ. އެއާއިއެކު ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޢަދަދުވަނީ 18 ހާހުން މައްޗަށް އަރާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!