"އަލި ރަސްގެފާނު" މިއީ ދިވެހިރާއްޖޭގެ މިނިވަންކަން ދިފާއު ކުރުމަށް ޕޯޗުގީޒުންނާއި އެންމެ ފަހުނޭވާއާއި ޖެހެންދެން ހަނގުރާނަ ކުރެއްވި ޤައުމީ ބަޠަލަކެވެ. އެއީ ހިތްވަރުގަދަ ލީޑަރެކެވެ. އަމިއްލަ ފުރާނައަށްވުރެ ވެސް ޤައުމަށާއި ޤައުމުގެ މިނިވަންކަމަށް ލޯބި ކުރެއްވި ދިވެހި ދަރިއެކެވެ. ހުރިހާ ދިވެހިންގެ ހިތްތަކުގެ ރަސްގެފާނެކެވެ.
ފުޓްބޯޅައަކީ ދިވެހިރާއްޖޭގެ ޤައުމީ ކުޅިވަރެވެ. މިއީ ދިވެހިން ވަރަށް ލޯބިކުރާ ކުޅިވަރެކެވެ. ދިވެހިން ފުޓްބޯޅައަށް ލޯބިކުރާ ފަދައިން އެ ކުޅިވަރުކުޅޭ މަތީ ފަންތީގެ ނުވަތަ ޤައުމު ތަމްޞީލުކުރާ ކުޅުންތެރިންނަށް ވެސް ލޯބިކުރެއެވެ. ޤަދަރު ކުރެއެވެ. އެއީ ހުރިހާ ޤައުމެއްގައި ވެސް ވަރަށް ބޮޑު އިޚުތިރާމް ލިބިގެންވާ ބައެކެވެ.
ހަނދާން ގޮސް ހުއްޓެނީ 2008 ވަނަ އަހަރަށެވެ. ފުޓްބޯޅައިން ދިވެހިރާއްޖެއަށް ފުރަތަމަ "ރަން މެޑަލް" ހޯދި ދުވަހަށެވެ. އެ ދުވަސްވަރަކީ ސިޔާސީގޮތުން ޤައުމު ވަރަށް ބޮޑަށް ބައިބައިވެފައިވާ ދުވަސްވަރެކެވެ. ނަމަވެސް ފުޓްބޯޅަ ކުޅުންތެރިންގެ މަސައްކަތުން އެ ދުވަހު ޤައުމު އުފަލުން ރޮއްވާލިއެވެ. ސާފް ޗެމްޕިއަންޝިޕް މުބާރާތުން ރާއްޖެއަށް ފުރަތަމަ ހޯދި ރަން މެޑަލްއާއިއެކު އެކި ކުލަކުލައަށް ބައި ވެފައި އޮތް ޤައުމު އެއްކޮށް ރަތަށް ބަދަލު ކޮށްލިއެވެ. ފިސާރި ޖޯޝުގައި ގައުމީ ޓީމަށް މަރުހަބާ ކިޔަން މަގުތަށް ފުރާލިއެވެ.
މިގޮތުން 2018 ވަނަ އަހަރު ވެސް ރާއްޖެއިން މި މުބާރާތް ކާމިޔާބު ކުރިއެވެ. ފުރަތަމަ ރަން މެޑަލްއާއި އެކު ޤައުމަށް ގެނައިފޯރި އެފަހަރު ނުފެނުނު ނަމަވެސް އެ ދުވަހުވެސް ދިވެހިން ނުކުމެ އެ ކުޅުންތެރިންނަށް ރަތް ދޫލައިގެ މަރުހަބާ ކިޔެވެ. އުފަލުން އެ ކުޅުންތެރިންގެ ގައިގައި އޮޅުލާ ހެދިއެވެ. ޓީވީން ވަގުތު ދުރައްދެއްކި އެ މަންޒަރު އެންމެން ވެސް ބެލީ ޤައުމީ ހިތަކައިގެންނެވެ. މިއީ ހަމަ ފުޓްބޯޅައިގެ ސަބަބުން މި ފަހުން ވެސް ޤައުމު އެއްބައި ވަންތަ ކުރުވި ހަނދާންތަކެވެ.
ޤައުމުގެ މަތީ ފަންތީގެ ފުޓްބޯޅަ ކުޅުންތެރިންނަށް ދިވެހިން ކުރާ ޤަދަރާއި އެ ކުޅުންތެރިންނަށް ދިވެހިންގެ ހިތްތަކުގައި ދެވިފައިވާ ލަޤަބް މި ދެ ދުވަހު އަނެއްކާވެސް މި ވަނީ ހާމަވެގެން ގޮސްފައެވެ. އެކަމަކު މިފަހަރު ތަފާތު ސަބަބެއް މެދުވެރިވެގެންނެވެެ. ސޯޝަލް މީޑިއާގައި ރާއްޖެދުށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާޤް (ދަގަނޑޭ) އަށާއި 2018 ވަނަ އަހަރު ރާއްޖެއަށް ސާފް ޗެމްޕިއަންޝިޕްގެ ރަން މެޑަލް ހޯދައިދިން ޓީމްގެ ކެޕްޓަން އަކުރަމް އަބްދުލް ޢަނީ (އަކޫ) އަށް ނިސްބަތްވާ ގޮތަށް ފުރައްސާރަކޮށް އަދި ހަޤީޤަތާއި ޚިލާފަށް ސިޔާސީ ފަރާތަކުން ކޮށްލި އެންމެ ޓްވީޓަކާއި ގުޅިގެން މުޅި ދިވެހި ޤައުމު އެކަމާއި ދެކޮޅު ހެދިތަން ފެނިގެން ދިޔައެވެ. މުޅި ސޯޝަލް މީޑިއާ ދިޔައީ އެޓޫވީޓުގެ ސަބަބުން ކެކިގެންނެވެ. އެ ޢަމަލު ކުށްވެރިކޮށް ކުރި ޕޯސްޓްތަކުން ފުރި ބާރުވެގެން ދިޔައެވެ. ދަގަނޑޭއަށާއި އަކޫއަށާއި ދިވެހި ފުޓްބޯޅަ ކުޅުންތެރިންނަށް ދިވެހިންގެ ހިތުގައި އޮތް ލޯބި ފިސާރި ރަނގަޅަށް ދައްކާލިއެވެ.
ދިވެހިންގެ ހިތުގައި ދަގަނޑޭއަށް ހާއްސަ ލޯތްބަކާއި ޤަދަރެއް ދިނުމުގައި ވަރަށް ވެސް ގިނަ ސަބަބުތަކެއް ވެއެވެ. ދަގަނޑޭއަކީ ދިވެހި ފުޓްބޯޅައިގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ. ދުނިޔެދުށް އެންމެ މޮޅު ކުޅުންތެރިން ކަމަށްވާ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލައިނަލް މެސީ ވެސް ހިމެނޭ ޤައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ލިސްޓުގެ އެކްޓިވް ޕްލޭޔަރުންގެ ލިސްޓްގެ އެގާރަވަނާގައި މިވަގުތު ދަގަނޑޭ ގެ ނަން އޮތުމަކީ ވެސް މި ކުޑަކުޑަ އާބާދީއަށް ފަޚުރެކެވެ. ހަމައެކަނި ޔޫރަޕްގެ ކުލަބަކާއި ދެކޮޅަށް ކުޅުނު ދިވެހި ކުޅުންތެރިއަކީ ވެސް ދަގަނޑޭއެވެ. އެ މެޗު ދިވެހި ދައުލަތުން ބޮޑު ޚަރަދު ކޮށްގެން ދިވެހިންނަށް ވަގުތުން މެޗް ބެލޭނެ އިންތިޒާމް ހަމަޖައްސުމުގެ އިތުރުން ދިވެހިން ޓީވީން އެ މެޗް ބެލީވެސް ހަމަ ދަގަނޑޭއަށް ދެވިފައިވާ ލޯތްބެއްގެ ސަބަބުންނެވެ. ދިވެހިން މިހާރު ބޭނުން ކުރަމުން އަންނަ ފަސް ރުފިޔާގައި ދަގަނޑޭ ފުޓްބޯޅަ ކުޅޭ މަންޒަރުގެ ކުރެހުމެއް ފެންނަން އޮތުމާއި، ޤައުމީ ރަތް ޖާޒީގައި 7 ނަމްބަރު ޖަހައިގެން ގިނަބަޔަކު ލާ އުޅެނީ ސަބަބުތަކެއް އެކަމުގައި އޮތީމައެވެ.
ދަގަނޑޭ ކުޅޭނަމަ ރާއްޖޭގެ ޤައުމީ ޓީމް ކުޅޭ މެޗްތައް ބަލަން ގަލޮޅު ދަނޑަށް ވަންނަ މީހުން އިތުރުވެގެން ދާކަމީ ވެސް ފެންނަން އޮތް ހަޤީޤަތެވެ. އޭއެފްސީ ކަޕުގެ ގޯލުތަކުގެ ތެރެއިން އެންމެ މޮޅު ގޯލު ހޮވުމަށް އޭއެފްސީން ބޭއްވި ބްރެކްޓް ޗެލެންޖުގެ ފައިނަލުގައި ދަގަނޑޭ ގޯލަށް އެއްވަނަ ހޯދައި ދިނުމަށް ދިވެހި ޒުވާނުން އެކިއެކި ޕްލެޓްފޯމްތަކުގައި ހިންގި ކެމްޕެއިންއަކީ ވެސް ޤައުމީ ރޫހު ފެނިގެންދިޔަ ކަންކަމެވެ. ދަގަނޑޭއަށް ދިވެހިން އެ ޝަރަފް ވެސް ހޯދައިދިނީ، މި ކުޑަ އާބާދީއަށް ވުރެ އެތައްއެތައް ގުނަ ބޮޑެތި އާބާދީއަށް ނިސްބަތްވާ ކުޅުންތެރިންނާއި ވާދަކޮށެވެ. މިއީ ހައްތަހާ ވެސް ދިވެހިންގެ ހިތްތަކުގައި ދަގަނޑޭއަށް އޮތް ލޯތްބާއި އަދި ފުޓްބޯޅައަށް އޮތް ޝަރަފު ދައްކުވައިދިން ހާލަތްތަކެވެ.
މި ފަހުން ދަގަނޑޭ ފާހަގަ ވެގެން ގޮސްފައިވަނީ ދީނަށް ލޯބިކުރާ ކުޅުންތެރިއެއްގެ ގޮތުގައެވެ. ސުންނަތާއި އެއްގޮތަށް ތުނބުޅި ބަހައްޓައި ނަމާދަށް ފަރުވާތެރިވެ، އަދި ދަނޑުމަތީގައި އައުރަ ނިވާކޮށްގެން ކުޅެމުން އަންނަ ކުޅުންތެރިއެއްގެ ގޮތުގައެވެ. ދިވެހިންނަކީ އިސްލާމްދީނަށް ލޯބިކުރާ ބަޔަކަށް ވީ ހިނދު، ދަގަނޑޭގެ ފަރާތުން މި ފެންނަ ސިފަތަކަކީ ވެސް ދަގަނޑޭގެ ސަޙްޞިއްޔަތު އިތުރަށް ދިވެހިން ބަލައިގަތް ކަންކަމެވެ.
ފުޓްބޯޅައިގައި ދިވެހިން ބަޠަލުންގެ ލަޤަބް ދީފައިވާ ކުޅުންތެރިންނަށް ކުރެވުނު ފުރައްސާރައާއި ގުޅިގެން ޤައުމުގެ ކުދިބޮޑު އެންމެން އެކަމާއި ދެކޮޅަށް ނުކުމެ ތަފާތު މެސެޖްތައް ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުން ގެންދިޔައެވެ. އެކަކު ލިޔެފައިވެއެވެ، "އަޝްފާޤަކީ 21 ވަނަ ގަރުނުގެ ދިވެހިރާއްޖޭގެ އަލިރަސްގެފާނެވެ."
ދިވެހިރާއްޖޭގެ ކުޅިވަރާއި ބެހޭ އިދާރާ އެފްއޭއެމް އިން ވެސް ބަޔާން ނެރެ ފުޓްބޯޅަ ކުޅުންތެރިން ދިފާއު ކުރިއެވެ. ކުޅިވަރާއި ބެހޭ މިނިސްޓަރ އަހްމަދު މަޙްލޫފް ވެސް ވަނީ ދަގަނޑޭއާއި އަކޫއަކީ ޤައުމުގެ ބަޠަލުން ކަމުގައި ސިފަކުރައްވާފައެވެ. އެތައް ވަގުތަކާއި ބުރަ މަސައްކަތުން ޤައުމަށް ރީތި ނަން ހޯދައިދިން ފަރާތްތަކަށް ނިސްބަތްކޮށް ދެރަ ބަހެއް ބުނުމަކީ ބަލައިގަނެވޭނޭ ކަމެއް ނޫން ކަމުގައި ގިނަބަޔަކު ވަނީ އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ބުނެފައެވެ.
އެ ޤައުމަކަށްޓަކައި ހެޔޮ ނިޔަތުގައި ބޮޑެތި ޤުރުބާނީތަކެއް ވެދިން ކޮންމެ މީހަކީ އެ ޤައުމުގެ ބަޠަލެކެވެ. އެ ބަޠަލުނަށް ލޯބިކުރުމާއި އިޚްތިރާމް ކުރުމަކީ ޤަޢުމީ ވާޖިބެކެވެ. ޤައުމީވަންތަ ކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ. މި އުސޫލަށް ނުފެތޭނަމަ ތިމާ އުޅެ ބޮޑުވި ޤައުމަށް ދޭންވާ ގަދަރާއި އިޚްތިރާމް ދެވުނުކަމުގައި ނުވާނެއެވެ. އެހެންކަމުން ކުރިން ދެންނެވި ބޭފުޅާ ލިޔުނު ފަދައިން "އަޝްފާޤަކީ 21 ވަނަ ގަރުނުގެ ދިވެހިރާއްޖޭގެ އަލިރަސްގެފާނެވެ."، އެއީ ދިވެހި ޤާއުމާއި އިސްލާމް ދީނަށް ލޯބިކުރާ "ދިވެހި ކުޅިވަރުގެ އަލިރަސްގެފާނެވެ."
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!