އިއްޔެ ރާއްޖެއަށް 4،700 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަހަރު ރާއްޖޭގެ ފަތުރުވެރިކަމުގެ އައު ރެކޯޑެއް އަނެއްކާވެސް ހަދާފައިވާ ކަމަށެވެ. އެގޮތުން އިއްޔެ ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 4،700 އަށް އަރާފައިވާކަމަށް ޑރ. މައުސޫމް ވަނީ ވިދާޅުވެފައެވެ.
މިއީ މިއީ ރާއްޖޭގެ ފަތުރުވެރިކަން ކޯވިޑް-19ގެ ކުރިން އޮތް ހާލަތަށް ދާކަމުގެ ފެހި ސިގުނަލެއްކަން ފާހަގަކުރަށްވާ މިނިސްޓަރު ވަނީ، ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނާއި، މި ދާއިރާއާ ގުޅުންހުރި އިދާރާތަކުގެ ބުރަ މަސައްކަތް ޝުކުރު އަދާކުރަށްވާފަ އެވެ.
ޓުއަރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 124،753 އަށް އަރާފައެވެ. މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް މިމަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 32،650 އަށް އަރާފައިވާކަމަށާއި، އަދި މިދިޔަ ޖެނުއަރީ މަހުތެރޭ ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 92،103 އަށް އަރާފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ.
ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު 2020 ވަނަ އަހަރުގެ މާޗް މަހުގެ 15 ވަނަ ދުވަހު ބަންދުކުރުމަށްފަހު، 110 ފަހުން އަލުން ރާއްޖޭގެ ބޯޑަރު ހުޅުވާލީ 2020 ވަނަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. އަދި 2020 ވަނަ އަހަރުގެ މާޗް 17 ގައި ބަންދުކުރި ގެސްޓްހައުސްތައް 2020 ވަނަ އަހަރުގެ އޮކްޓޫބަރު 15 ގައި ވަނީ ހުޅުވާލާފަ އެވެ.
މިއަހަރުގެ މިހާރުގެ އަމާޒަކީ 1.5 މިލިއަން ފަތުރުވެރިން ކަމަށް ޓޫރިޒަމް މިނިސްޓްރީން ލަފާކުރާއިރު، އެ މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ރާއްޖެ ޒިޔާރަތް ކޮށްފައިވަނީ 555،399 ފަތުރުވެރިންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!