އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ އައިސީޔޫގައި ފަރުވާ ދެމުންދާ ހދ. ނޮޅިވަރަމް، ނައިޓް ޑްރީމް، އުމުރުން 28 އަހަރުގެ އިމްރާން އަލީއަށް އެހީތެރިވުމަށް ނޮޅިވަރަމް ޒުވާނުން އިސްނަގައިގެން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން މާލޭ ސިޓީގައިވެސް މިއަދު ފަންޑްރައިޒިން ހަރަކާތް ކުރިއަށް ގެންދަން ނިންމައިފިއެވެ.
މިމަހުގެ 4ވީ ބުރާސްފަތި ދުވަހުގެ ރޭ މެންދަމު 2:15 ހާއިރު މާލޭ ވިޔަފާރި ބަނދަރުގައި ހިނގި ނުރައްކާތެރި ހާދިސާއެއްގައި، ގައިމަށްޗަށް ކާޕެޓް ރޯލެއް ވެއްޓި އިމްރާނަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ. އޭނާގެ ބައެއް އޮޕަރޭޝަންތައް މިހާރުވެސް ކޮށްފައިވާއިރު، ޢާއިލާއާއި ހަވާލާދީ ބައެއް މީޑިއާތަކުން ބުނި ގޮތުގައި އަދި ވެސް އޭނާގެ އިތުރު އޮޕަރޭޝަންތައް ކުރަންޖެހެއެވެ.
އިމްރާނަކީ މާލޭ ވިޔަފާރި ބަނދަރު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ސަރަޙައްދުގައި މަޖޫރީއެއްގެ ގޮތުގައި މަސައްކަތްކުރާ ޒުވާނެކެވެ.
އިމްރާނަށް އެހީތެރިވުމަށް އޭނާގެ އުފަންރަށް ހދ. ނޮޅިވަރަމްގައި މިއަދު ކުރިއަށް ގެންދާ ހަރަކާތްތަކުގެ އިތުރުން މާލޭ ސިޓީގެ ހަތަނެއްގައި މިއަދު ހަވީރު 16:00ގައި އެ ހަރަކާތް ކުރިއަށް ދާނެ ކަމަށް އެކަމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން މައުލޫމާތު ދެއްވަ އެވެ.
މާލޭ ސިޓީގައި އިމްރާނަށް އެހީވުމަށް ފަންޑްރައިޒިން ހަރަކާތް މިއަދު ކުރިއަށް ގެންދާ ތަންތަން
- އާޓިފިޝަލް ބީޗް
- ރަސްފަންނު
- ބްރިޖްވިއު
- ހުޅުމާލޭ ފެރީޓާމިނަލް
- ހުޅުމާލޭ ހޮސްޕިޓަލް
- ހުޅުމާލޭ ވަކަރުގެ (ކެފޭ)
މި ތަންތާގައި މި ހަރަކާތް ކުރިއަށް ދާނީ މިއަދު ހަވީރު 16:00 ގައެވެ.
އިމްރާނަށް އެހީވުމަށް ނޮޅިވަރަމްގައި ހަރަކާތްތެރިވާ ކްލަބް ޖަމިއްޔާތައް ގުޅިގެން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ދަށުން އެރަށުގައި މިއަދު ފާހަގަކުރާ މަސައްކަތް ދުވަހުގެ މަސައްކަތް މިއަދު ހެނދުނު 7:30 އިން ފެށިގެން ފެށުމަށް ހަމަޖެހިފައިވާއިރު، އެ ހަރަކާތަށް އެހީތެރިކަން ހޯދުމަށް ރަށުގެ ހަތަރު ސަރަޙައްދެއްގައި މިހާރު ވެސް ވަނީ ފަންޑުފޮށި ބަހައްޓާފަ އެވެ.
މީގެ އިތުރުން ކަނބަލުންގެ ހެދިކާ ކެންޓީނެއް މިއަދު ހަވީރު ރަށުގެ ބަނދަަރު ސަރަހައްދުގައި ހިންގަން ނިންމާފައިވާއިރު، މި ހަރަކާތުގައި ބައިވެރިވުމުގެ ގޮތުން، ރިސޯޓުތަކުގައި މަސައްކަތްކުރާ ޓީމުތަކުން ވެސް މަސައްކަތު ދުވަހުގެ ފަންޑަށް ފައިސާ ޖަމާކޮށްދޭނެ ކަމަށް ބުނެފައިވާ ކަމަށް އެރަށުން މައުލޫމާތު ދެއެވެ.
އިމްރާނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ގުޅުމަށް:
މުޙައްމަދު ޒިޔާދު، ފޯނު: 7973667 (މި ހަރަކާތުގައި އިސްކޮށް މަސައްކަތްކުރާ ނޮޅިވަރަމްގެ ޒުވާނެއް)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!