ބ. ކެންދޫއަށް ނުހަނު ގިނަ ޚިދުމަތްތަކެއް ކުރަށްވާފައިވާ އެރަށު އެއްގަމުގޭ އަލީ ހުސެން (އައްޔަބެ) މިއަދު އަވަހާރަވެއްޖެ އެވެ.
ނަމޫނާ ސަޚުސިއްޔަތެއް ކަމަށްވާ އުމުރުން 84 އަހަރުގެ އައްޔަބެ އަވަހާރަވީ ވަރަށް ގިނަ ދުވަހު އާލާސްކަންފުޅާ އުޅުއްވުމަށް ފަހު މިއަދު މެންދުރުގެ ވަގުތެއްގައި މާލޭ ސިޓީގަ އެވެ.
އައްޔަބެގެ މައްޗަށް ކުރާ ކަށުނަމާދު މިއަދުގެ މަޣްރިބް ނަމާދަށް ފަހު އާސަހަރާ މިސްކިތުގައި އޮންނާނެ އެވެ.
ގުރުއާން ކިޔަވައިދޭ މުދައްރިސެއްގެ އިތުރުން އައްޔަބެ ފާހަގަކޮށްލެވެނީ ހިލޭ ސާބަހަށް މަސައްކަތް ކުރައްވާ ހިދުމަތްތެރިއެއްގެ ގޮތުގަ އެވެ. އައްޔަބެ އަކީ ކެންދޫގައި ކުރާ ބޮޑެތި ހުރިހާ މަސައްކަތުގައި ވެސް އަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވާ އަދި މާލީ އެހީތެރިކަން ވެސް ފޯރުކޮށްދެއްވި އެރަށު ރައްޔިތުންނަށް ނަމޫނާއެކެވެ.
މީގެ އިތުރުން އައްޔަބެ ކުދިންނަކީ ވެސް ނަމޫނާ ތައުލީމީ ގާބިލް ކުދިންތަކެކެވެ. އައްޔަބެ 12 ބޭފުޅުން ތިއްބަވާއިރު، އޭގެ ތެރޭގައި ދީނީ އިލްމުވެރިންނާއި ވަކީލުންނާއި ޑޮކްޓަރުން ވެސް ހިމެނެ އެވެ. ތައުލީމީ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ، އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ޑެޕިއުޓީ ވައިސް ޗާންސެލަރުު ޑރ. ސައުދުﷲ އަލީ އާއި ދީނީ އިލްމުވެރިޔާ އަދި އިސްލާމިކް މިނިސްޓްރީގެ ނައިބް ނަސްރުﷲ އަލީ އަކީ ވެސް އައްޔަބެގެ ބޭފުޅުންނެވެ.
ގިނަ އަހަރުތަކެއް ވަންދެން ރަށުގެ ނައިބުކަން ކުރެއްވުމަށް ފަހު، އެ ރަށުގައި އެޅި ތިން ސްކޫލުގައި ވެސް ނާޒިރުކަން ކުރެއްވި ކެންދޫ ކަލޭފާނަށް ބައްޕަ ވިދާޅުވާ އައްޔަބެ އެ ރަށުގައި ގުރުއާން ކިޔަވައިދެއްވަން ފެއްޓެވީ އުމުރުން ވިއްސަކަށް އަހަރުގަ އެވެ. އޭނާ މިހާރު ކެންދޫގައި ގުރުއާން ކްލާސް، ''ތޮލަބަތުއްނޫރު'' ރަޖިސްޓްރީކޮށްގެން ހިންގަވާތާ މިއަހަރުގެ ޖޫންއަށް 54 އަހަރުވާނެ އެވެ. ރަޖިސްޓްރީކޮށްގެން އެހާ ގިނަ ދުވަހު ހިންގި ގުރުއާން ކްލާހެއް ރާއްޖޭގައި ނެތްއިރު، ވޭތުވެ ދިޔަ ދުވަސްތަކުގައި އެތައް ސަތޭކަ ދަރިވަރުންނެއް އައްޔަބެ ކައިރިން ވަނީ އުނގެނިފަ އެވެ.
އައްޔަބެ ވަކިވެ ދިޔުމަކީ ކެންދޫއާއި ގައުމަށް ވެސް އަގުހުރި ޚިދުމަތްތެރި ދަރިއެއް ވަކިވެ ދިޔުމެވެ. ކެންދޫ މީހުން ގަބޫލުކުރާ ގޮތުގައި އައްޔަބެއަކީ އެ ރަށުގެ ތައުލީމީ މުހިއްމު ތަނބެކެވެ. އެ ރަށަށް އޭނާ ކޮށްދެއްވާފައިވަނީ އަގުނުކުރެވޭނެ ފަދަ ހިދުމަތްތަކެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!