އިނގިރޭސި އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި އެވަޓަންއާއި މެންޗެސްޓާ ސިޓީ ބައްދަލު ކުރަންޖެހޭއިރު، މިވަގުތު ލީގުގެ ދެވަނާގައި އޮތް މެންޗެސްޓާ ޔުނައިޓެޑާއި ތިންވަނާގައި އޮތް ލެސްޓާ ސިޓީ ބައްދަލުކުރަން ޖެހިއްޖެއެވެ.

މި މުބާރާތުގެ ކުއާޓާއަށް އެވަޓަން އައިސްފައިވަނީ ހަތަރުވަނަ ބުރުގައި ވާދަވެރި ކުޅުމަކަށް ފަހު 5-4 ގެ ނަތީޖާއިން ޓޮޓެންހަމް މައްޗަށް ކުރި ހޯދައިގެންނެވެ. އެވަޓަންއާއި ސިޓީ ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އެވަޓަންގެ ގުޑިސަން ޕާކް ސްޓޭޑިއަންގައެވެ.

Ad
rt

ލެސްޓާ މި މުބާރާތުގެ ކުއާޓާއަށް އައިސްފައިވަނީ ހަތަރުވަނަ ބުރުގެ މެޗުގައި ބްރައިޓަންގެ މައްޗަށް 1-0 ގެ ނަތީޖާއިން ކުރިހޯދައިގެންނެވެ. ލެސްޓާގެ ކިންގް ޕަވަރ ސްޓޭޑިއަމްގައި، ލެސްޓާއަށް ކުއާޓާގައި ޔުނައިޓެޑާއި ބައްދލުކުރަން ޖެހޭއިރު، ޔުނައިޓެޑް ވެސް ކުއާޓާއަށް އައިސްފައިވނީ ހަތަރުވަނަ ބުރުގައި ހަނި ގޮތަކަށް ވެސްޓްހަމްގެ މައްޗަށް ކުރި ހޯދައިގެންނެވެ.

20 އަދި 21 މާޗްގައި މި މުބާރާތުގެ ކުއާޓާގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވާއިރު، ކުއާޓާގައި ޗެލްސީ ނުކުންނާނީ މިވަގުތު ލީގުގެ ފުލުގައި އޮތް ޝެފީލްޑް ޔުނައިޓެޑާއި ދެކޮޅަށެވެ. ހަތަރުވަނަ ބުރުގައި ވުލްވްސް ބަލިކޮށް ކުއާޓާގެ ޖާގަހޯދި ސައުތެމްޓަން ކުއާޓާގައި ނުކުންނާނީ ޗެމްޕިއަންޝިޕްގެ ޓީމެއްކަމުގައިވާ ބޯންމައުތާއި ދެކޮޅަށެވެ.

އެފްއޭކަޕް އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީ އާސެނަލްއެވެ. އަދި މި މުބާރާތް އެންމެ ގިނައިން ވެސް ކާމިޔާބު ކޮށްފައިވަނީ އާސެނަލްއިންނެވެ. އެ ޓީމުން 14 ފަހަރު މިމުބާރާތް ކާމިޔާބު ކޮށްފައިވާއިރު، ދެން އެންމެ ގިނައިން މި މުބާރާތް ކާމިޔާބު ކޮށްފައިވަނީ މެންޗެސްޓާ ޔުނައިޓެޑުންނެވެ. އެ ޓީމުން ވަނީ 12 ފަހަރު މި މުބާރާތް ކާމިޔާބު ކޮށްފައެވެ.