ޖިންސީ އަނިޔާއާގުޅޭ 7 ދަޢުވާއެއް އުފުލިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމި ނިންމުމާމެދު
ބައެއް މަދަނީ ޖަމިއްޔާ ތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މިގޮތުން ޓްރާންސްޕޭރަންސީ މޯލްޑިވްސްއާއި، ފެމިލީ ލީގަލް ކްލިނިކާއި އަދި އިތުރު ދެ ޖަމިއްޔާއެއް ގުޅިގެން ރޭ ވަނީ ނޫސްބަޔާނެއް އާންމުކޮށްފަ އެވެ.
އެ ނޫސްބަޔާނުގައި ބުނީ ޓޫރިޒަމް މިނިސްޓަރުގެ މަޤާމުގައި ހުރެގެން، އެ މިނިސްޓްރީގެ ގިނަ ޢަދަދެއްގެ މުވައްޒަފުންނަށް ޖިންސީ އަނިޔާކުރިކަމުގެ 7 ދަޢުވާއެއް ކުރީގެ މިނިސްޓަރ އޮފް ޓޫރިޒަމް ޢަލީ ވަޙީދުގެ މައްޗަށް އުފުލުމާ ގުޅިގެން އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމަށް 19 ޖަނަވަރީ 2021 ގައި ކްރިމިނަލް ކޯޓުން އަމުރުކޮށް، މައްސަލަތަކުގެ ޝަރީޢަތް ފެށުމަށްފަހު ޕާސްޕޯޓު ހިފެހެއްޓުމަށް ކުރި އަމުރު ބާޠިލުކުރުމަށް 9 ފެބްރުވަރީ 2021 ގައި އެކޯޓުން ނިންމި ނިންމުމާ މެދު އެ ޖަމްޢިއްޔާތަކުން ނުހަނު ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ.
ޢަލީ ވަޙީދުގެ މައްޗަށް އުފުލިފައިވާ ދަޢުވާތަކުގެ ތެރޭގައި، ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާ ހިމެނޭއިރު، ރޭޕްކުރުމުގެ ކުށަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ޖިނާއީ ބޮޑު ކުށެއްކަން ފާހަގަކޮށް، މިފަދަ ބޮޑު ޖިނާއީ މައްސަލައެއް ހުށަހެޅިފައިވަނިކޮށް، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާން ބޭނުންކަމަށް ބުނުމުން މެޑިކަލް ޑަކްޓަރެއްގެ ބަހަށް ބެލުމަށްފަހު، ޖާމިނުވާނެ ފަރާތެއް ޢަލީ ވަޙީދު ހުށަހެޅުމުން ޕާސްޕޯޓު ދޫކޮށްލީކަމަށް ކްރިމިނަލް ކޯޓުން ބުނެފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ.
''ފާއިތުވެދިޔަ ތަނުގައިވެސް ޢަލީ ވަޙީދު ހުރީ ދިވެހިރާއްޖޭގެ އިޙްތިޞާޞް ނުހިނގާ ގޮތެއްގެ މަތިން އިނގިރޭސިވިލާތުގެ އެސައިލަމް ލިބިގެން ކަމާއި، އަދި އޭނާއަށް ދިވެހިރާއްޖޭން ބޭރަށް ދިއުމުގެ ފުރުޞަތު ދީފިނަމަ، މިފަހަރުވެސް އޭނާ އެނބުރި ރާއްޖެއަށް ނުގެނެވިދާނެކަމުގެ އިޙުތިމާލު އޮތްކަން ކްރިމިނަލް ކޯޓަށް ތަޞައްވަރުކުރެވެންޖެހޭނެ ކަމަށްވާއިރު، އެންމެ ޑަކްޓަރެއްގެ ބަހަށް އެކަނި ބަލައި ދިވެހިރާއްޖޭން ބޭރުން ޢަލީ ވަޙީދަށް ބޭސްފަރުވާ ހޯދުމަށްޓަކައި އެއްވެސް ޓްރެވެލް ރެސްޓްރިކްޝަން ފިޔަވަޅެއް އެޅުމެއް ނެތި، މުތުލަޤު ގޮތެއްގައި އޭނާގެ ޕާސްޕޯޓް ދޫކޮށްލުމަކީ މި ޖަމްޢިއްޔާތަކަށް ބަލައިގަނެވޭނެ ކަމެއް ނޫނެވެ.''
އެ ނޫސްބަޔާނުގައި ބުނެފަ ވެއެވެ.
އެ ޖަމިއްޔާތަކުން ބުނީ މިފަދަ ބޮޑު ޖިނާއީ މައްސަލައެއްގައި ޖާމިނުވާ ފަރާތެއް ބެހެއްޓުމުން ޕާސްޕޯޓް ދޫކޮށްލުމަކީ މީގެ ކުރިން ކޯޓުން ޢަމަލުކޮށްފައިވާ އުޞޫލެއްނޫން ކަމަށާއި، މި މައްސަލައިގައި އެފަދައިން ޢަމަލުކޮށްފައިވުމަކީ، އަންހެނުންނަށް ކުރާ ޖިންސީ އަނިޔާ އަދި ރޭޕްގެ ކުށްތަކުގެ މައްސަލަތަކަށް އިންޞާފު ނުލިބިދާ މިންވަރަށް ބަލައި، މިފަދަ މައްސަލަތަކުގައި އިންޞާފު ޤާއިމްކުރުމަށް އެޅިގެންދިޔަ ނުހަނު ބޮޑު ހުރަހެއްކަމަށެވެ. އަދި ޖިންސީ އަނިޔާ ރާއްޖޭގައި ޢާންމުވެފައިވާ ނިސްބަތަށް ބަލާއިރު ރިޕޯޓުކުރެވެނީ ވަރަށް މަދުން ކަން ފާހަގަކޮށް، ކްރިމިނަލް ކޯޓުގެ ނިންމުމަކީ، ޖިންސީ އަނިޔާގެ ޢަމަލުތައް ރިޕޯޓުކުރުމަށްވެސް އެޅިގެންދިޔަ ހުރަހެއްކަން ފާހަގަކޮށް އެކަމާއިމެދު ނުހަނު ކަންބޮޑުވާކަމަށް އެޖަމިއްޔާތަކުން ވަނީ ބުނެފަ އެވެ.
ި''ޖިންސީ އަނިޔާގެ ޢަމަލުތައް ހުއްޓުވުމަށްޓަކައި، އަނިޔާގެ ޢަމަލުތައް ރައްދުވާ ފަރާތްތަކަށް އިންޞާފު ޤާއިމްކޮށްދިނުމާއި، އިންޞާފް ޤާއިމްކޮށްދެވޭ ތަން ފެންނަންޖެހޭނެކަމަށް މި ޖަމްޢިއްޔާތަކުން ދެކެމެވެ. ޢަލީ ވަޙީދުގެ ޕާސްޕޯޓް ދޫކޮށްލުމަށް ނިންމާފައިވަނީ، ޖިންސީ ގޯނާގެ މައްސަލައެއް މަދަނީ މިންގަނޑުން ސާބިތުވާކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމާފައިވާ މައްސަލައެއް ރައްދުވާ ޤާޟީއެއް ކަމަށްވާއިރު، ޖިންސީ އަނިޔާގެ މައްސަލަތަކަށް އެކަށީގެންވާ މިންވަރަކަށް ހޭލުންތެރިވެފައިނުވާ ފަނޑިޔާރުން މިފަދަ މައްސަލަތައް ބަލަމުންގެންދާތީ، ޖިންސީ އަނިޔާގެ ޢަމަލުތައް ރައްދުވާ ފަރާތްތަކަށް އިންޞާފު ލިބުމުގެ ފުރުޞަތު ވަރަށް ކުޑަކަން ނުހަނު ހިތާމައާއެކު މި ޖަމްޢިއްޔާތަކުން ފާހަގަކުރަމެވެ.''
އެ ޖަމިއްޔާތަކުން ބުނެފަ ވެއެވެ.
''ކްރިމިނަލް ކޯޓުން މި މައްސަލައިގައި ކަންކޮށްފައިވާ ގޮތަކީ، ޢަލީ ވަޙީދުގެ ޖިންސީ ގޯނާގެ ޝިކާރައަކަށްވެފައިވާ 13 އަންހެނުންނަށާއި ރާއްޖޭގައި ޖިންސީ އަނިޔާގެ ޝިކާރައަކަށް ކޮންމެ ދުވަހަކު ވަމުންދާ އަންހެނުންނާ ކުޑަކުދިންނަށްވެސް، ކޯޓާދޭތެރޭ އިތުބާރު ނެތިގެންދާނޭފަދަ ގޮތަކަށްކަމީ މި ޖަމްޢިއްޔާތަކުން ނުހަނު ކަންބޮޑުވާ ކަމެކެވެ. މީގެ އިތުރުން، މިފަދަ ނިންމުމެއްގެ ސަބަބުން ޖިންސީ އަނިޔާކުރާ މީހުންނަށާއި، ދައުލަތުގެ އިސް މަޤާމުތަކުގައި ތިބޭ ނުފޫޒާ މަޤާމުގެ ބާރު ނާޖާއިޒު ގޮތުގައި ބޭނުންކުރާ ފަރާތްތަކަށް ޤާނޫނުގެ ބާރު ނުފޯރާނެ ކަމަށް ދުށުމުގެ ފުރުޞަތު ބޮޑުވެ، ޖިނާއީ ކުށްތަކަށް އަރައިގަތުމަށް ހިތްވަރު ލިބިގެންދިއުމަށް ފަހިވާނެ ކަމަށްވެސް މި ޖަމްޢިއްޔާތަކުން ފާހަގަކުރަމެވެ.''
އެ ޖަމިއްޔާތަކުން އިތުރަށް ބުނެފަ ވެއެވެ.
އެ ޖަމިއްޔާތަކުން ބުނީ އެ ސަބަބުތަކަށްޓަކައި މިގޮތަށް ކޯޓަށް ކަންކުރަން ޖާގަލިބިދޭ އިދާރީ އަދި އިޖުރާއީ ބަލިކަށިކަން ފިލުވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށެވެ. އަދި ރާއްޖޭގެ ޝަރުޢީ ކޯޓުތަކާއި މުޅި ނިޒާމަކީ ހުރިހާ އެންމެންނަށްވެސް އިތުބާރުކުރެވޭ، ގަދަރު ލިބިގެންވާ ހަރުދަނާ ޚިދުމަތަކަށް ހެދުމަށްޓަކައި މި މައްސަލަ ހިނގާފައިވާގޮތް ފުރިހަމައަށް ބެލުމަށް ދައުލަތުގެ ކަމާބެހޭ އެންމެހާ މުއައްސަސާތަކަށް ގޮވާލާކަމަށް ވެސް އެ ޖަމިއްޔާތަކުން ބުނެއެވެ.
މީގެއިތުރުން މި މައްސަލައިގައި އިހުމާލުވާ ފަރާތްތައް މިފަދަ ޒިންމާދާރު މަޤާމުތަކުގައި ތިބުމަކީ ރާއްޖޭގެ އަންހެނުންނަށް އިންޞާފު ލިބުމަށް އޮތް ހުރަހެއްކަމުން، މިކަމަށް އެކަށީގެންވާ ޙައްލެއް ހޯދުމަށްވެސް އެ ޖަމިއްޔާތަކުން ވަނީ ގޮވާލާފަ އެވެ.
ޕާސްޓްޕޯޓް ދޫކޮށްލުމުން ހަމައެދުވަހު ޢަލީ ވަޙީދު ވަނީ ރާއްޖެ ދޫކޮށް ފުރާފަ އެވެ. އެ މައްސަލާގައި ބޮޑެތި ފާޑުކިޔުނަތަކެއް އަމާޒުވެފައި ވަނިކޮށް އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރު ކުރީ ރަނގަޅަށް ނޫން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އިއްޔެ ވަނީ ބުނެފަ އެވެ.
މިމައްސަލައިގަ ޕީޖީ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެފަދަ އަމުރުތައް ނެރުމުގައި ކްރިމިނަލް ކޯޓުން އާދަވެ އަމަލުކުރާ އުސޫލުތަކާ ހިލާފަށް އަމަލު ކޮށްފައިވާ ކަމަށް ގަބޫލު ކުރާ ކަމަށާއި އެކަން ކަމާބެހޭ މުއައްސަސާތަކުގެ ސަމާލުކަމަށް ގެންދަން މަސައްކަތް ކުރާއިރު އަލީ ވަހީދުގެ ޕާސްޕޯޓު ދޫކުރަން ނިންމީ ރަނގަޅަށް ކަމަކަށް ނުދެކޭ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!