ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު މަލީހު ޖަމާލުގެ އިތުބާރުގެ މައްސަލަ މަޖިލީހަށް ވައްދާފައި ވަނީ އެއްވެސް އަސާސެއްނެތް ކަމެއްގައި ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުން މިއަދުއެވެ.
އެމްޑީޕީގެ ޕީޖީ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ކުރެއްވި ޓުވީޓެއްގައި ވަނީ އެކަން ކަށަވަރު ކޮށްދެއްފަ އެވެ. އެ ޓްވީޓްގައި އޭނާ ވިދާޅުވީ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ފަރާތުން، މިނިސްޓަރ މަލީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައިވާކަމަށެވެ.
އެ ހުށައެޅުމަށް ރައްދު ދެއްވައި މަލީހް ވިދާޅުވީ އަސާސެއް ނެތް ކަމެއްގެ އިލްޒާމު އަޅުވާ، އަދަބު ދޭން އުޅުމަކީ ދުސްތޫރާ ޚިލާފު ކަމެއް ކަމަށެވެ. އަދި ކުރައްވަން ޖެހޭ އެއްވެސް މަސައްކަތެއް ނުކޮށް ދޫކޮށްލާފައިނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
''މިނިވަން ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ސީއޭއެމް)ގެ ބޯޑު އަދި މުވައްޒަފުންނަށް ޝުކުރިއްޔާ، ކުރަންޖެހޭ އެއްވެސް ކަމެއް ނުކޮށް ނޯއްނާނެ، ޤާނޫނަށްވުރެ މަތީގައި މި ޤައުމުގައި ބަޔަކު އުޅެނީތޯ؟''
މަލީހް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެއެވެ.
Asaaseh neiy kamehge ilzaamu alhuvaa adhabu dheyn ulhumakee dhusthooraa khilaafu kameh. Minivan CAM ge Board ah adhi muvazzafunnah shukuriyyaa. Kuranjehey ehves kameh nukoh noannaane. Qaanoonah vure matheega miqaumuga bayaku ulheneethoa? pic.twitter.com/zL2WwA4HQC
— Mohamed Maleeh Jamal (@maleehjamal) February 10, 2021
މި ތުހުމަތުތަކަށް ރައްދުދެއްވައި ކުރެއްވި ޓުވީޓްގައި މަލީހު ވަނީ ސީއޭއެމް ހަދަން ޖެހޭ 9 ގަވާއިދެއް އެކުލަވާލާ، އެޓަރނީ ޖެނެރަލްގެ ލަފަޔަކަށް އެދި ފޮނުއްވާފައިވާ ލިޔެކިއުންތަކުގެ ފޮޓޯ ހިއްސާ ކުރައްވާފައެވެ. މި ލިޔެކިއުންތަކުގައި ވާގޮތުން މި ގަވާއިދުތައް ހަދާ، އޭޖީ އޮފީހަށް ފޮނުވާފައިވަނީ ޑިސެމްބަރު މަހުގައެވެ.
މިނިސްޓަރު މަލީހުގެ އިތުބާރުގެ މައްސަލަ އެމްޑީޕީގެ ޕީޖީ ގްރޫޕުން ވެއްދީ ސަރުކާރަށް ދެ އަހަރު ވެގެންދިޔައިރު ޓެލެކޮމިއުނިކޭޝަން ގާނޫނުގެ ދަށުން ހަދަން ޖެހޭ އެއްވެސް ގަވައިދެއް ނުހެދުމާއި ޓެލެކޮމް ސިނާއަތު ފުރިހަމައަށް ރެގިއުލޭޓްކޮށް ހިންގުމަށް ކޮންމެހެން ބޭނުންވާ ގަވައިދުތައް ނުހަދާ އޮތް މައްސަލާގައި ކަމަށް ބުނެއެވެ.
ނަމަވެސް އެ ޤަވާއިދުތައް ހެދުން ޤާނޫނީ ގޮތުން މަތިކޮށްފައި އޮންނަނީ މިނިވަން، ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްއަށެވެ. އަދި އެ އޮތޯރިޓީން ވަނީ އެ ޤަވާޢިދުތައް ހަދައި، އޭޖީ އޮފީހަށް ވެސް ފޮނުވާފައެވެ.
މަލީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއަސް، އެކަމާ މެދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ގޮތެއް ނުނިންމަވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިއަދު ވަނީ ރައީސް އޮފީހުގައި ބޭއްވެވި ނިއުސް ކޮންފަރެންސްގައި ވިދާޅުވެފަ އެވެ. މި ސަރުކާރުގެ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ޕީޖީން ކުރިން ނިންމީ އެ މައްސަލަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅުއްވައިގެން ކުރިއަށް ގެންދާށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!