އިޓާލިއަން ކަޕްގެ ސެމީފައިނަލްގައި އިންޓަ މިލާން ބަލިކޮށް، ފައިނަލްގެ ފުރަތަމަ ޖާގަ ޔުވެންޓަސް ކަށަވަރު ކޮށްފިއެވެ.
ސެމީފައިނަލްގެ ފުރަތަމަ ލެގުގެ މެޗު އިންޓަ މިލާނުގެ ދަނޑުގައި ކުޅުނުއިރު އެ މެޗު ޔުވެންޓަސް ކާމިޔާބު ކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. އަންގާރަ ދުވަހުގެ ރޭ ދެވަނަ ލެގުގެ މެޗު ޔުވެންޓަސްގެ ދަނޑުގައި ކުޅުނުއިރު މި މެޗު ނިމިގެން ގޮސްފައިވަނީ 0-0 ގެ ނަތީޖާއަކުންނެވެ. ޔުވެންޓަސް ފައިނަލަށް ދަތުރު ކޮށްފައިވަނީ 2-1 ގެ އެގުރިގޭޓް ނަތީޖާއިން ކުރިލިބިގެންނެވެ.
ދެ ޓީމްގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތު ލިބިފައިވެއެވެ. މިގޮތުން އިންޓަގެ ފޯވާޑް ލުކާކޫ އަދި ޑިފެންޑަރ އަޝްރަފް ހަކީމީއަށް ލިބުނު ފުރުޞަތުތައް ފާހަގަ ކޮށްލެވެއެވެ.
ޔުވެންޓަސްގެ ޑިފެންސް ކުޅުންތެރިންގެ ފަރާތުން މި މެޗުގައި ވެސް ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. ޔުވެންޓަސްގެ ޕޯޗުގަލް ފޯވާޑް ކުރިސްޓިއާނީ ރޮނާލްޑޯއަށް ވަނީ ދެ ހާފުގައި ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތު ލިބި ގޯލަކަށް ބަދަލު ކޮށްލެވޭ ގޮތް ނުވެފައެވެ. ރޮނާލްޑޯގެ ބާރު ހަމަލާތަށް ދިފާއު ކުރުމުގައި އިންޓަގެ ކީޕަރު ސަމިރް ހެނަނޮވިޗް ވަނީ މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ.
ފައިނަލުގައި ޔުވެންޓަސް ބައްދަލުކުރަން ޖެހޭނީ ބުދަ ދުވަހުގެރޭ ދެވަނަ ސެމީގައި އެޓަލަންޓާއާއި ނަޕޯލީ ބައްދަލުކުރާ މެޗުން މޮޅުވާ ޓިމަކާއެވެ. މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގު ނިމުނީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
މި މުބާރާތް އެންމެ ކާމިޔާބު ޓީމަކީ ވެސް ޔުވެންޓަސް އެވެ. އެ ޓީމުން ވަނީ މި މުބާރާތް 13 ފަހަރު ކާމިޔާބު ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!