މަދަނީ ޖަމްޢިއްޔާތަކުން ހިންގާ މުޖުތަމަޢު ބާރުވެރިކުރުމުގެ މަޝްރޫޢުތަކަށް ފައިސާގެ އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން ހުޅުވާލައިފިއެވެ.

އެ ފުރުޞަތު ހުޅުވާލައި ޔޫތު މިނިސްޓްރީ އިން ވިދާޅުވީ، މަދަނީ ޖަމްޢިއްޔާތަކުން ހިންގާ މުޖުތަމަޢު ބާރުވެރިކުރުމުގެ މަޝްރޫޢުތަކަށް ފައިސާގެ އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅުމަށް މިއަދުން ފެށިގެން ހުޅުވާލާފައި ވާކަމަށެވެ.

Ad
rt

އެހީއަށް އެދި ހުށަހެޅޭނީ ޤާނޫނު ނަންބަރު 2003/1 (ޖަމްޢިއްޔާތަކާބެހޭ ޤާނޫނު) އާއި، އެ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދުތަކާއި އެއްގޮތަށް ރަޖިސްޓްރީކޮށް ހިނގަމުންދާ ޖަމްޢިއްޔާތަކަށް އެކަނި ކަމަށް އެ މިނިސްޓްރީއިން ވިދާޅުވެއެވެ.

މިގޮތުން މާލީ އެހީތެރިކަން ފޯރުކޮށްދެވޭނީ ހަމައެކަނި ސަރުކާރުގެ ސިޔާސަތުތަކާއި، އަދި ރަށު/އަތޮޅު/ސިޓީ ތަރައްޤީގެ ޕްލޭންގައި ހިމެނޭ ކަންކަން ޙާޞިލުކުރުމަށް އެހީތެރިވެދޭ މަޝްރޫޢުތައް ހިންގުމަށް ކަމަށް ވެސް އެ މިނިސްޓްރީއިން ވިދާޅުވެއެވެ.

މި ފިޔަވަހީގައި އެހީ ދިނުމަށް ހަމަޖެހިފައިވަނީ ޖެނެރަލް ޕްރޮޖެކްޓް ގްރާންޓް އަދި ސްމޯލް ޕްރޮޖެކްޓް ގްރާންޓްގެ ގޮތުގައެވެ. އަދި ޕްރޮޕޯސަލް ބަލައިގަތުމަށް ހަމަޖެހިފައިވާ އެންމެ ފަހުގެ ތާރީޚަކީ 28 ފެބްރުއަރީ 2021 ވަނަދުވަހުގެ 13:00ގެ ނިޔަލަށެވެ. ޕްރޮޕޯސަލް ހުށަހަޅަންޖެހެނީ ޔޫތު މިނިސްޓްރީގެ އީމެއިލް، ce@youth.gov.mv އަށެވެ.

އިތުރު މަޢުލޫމާތު ސާފު ކުރުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ 7662474، 7556883،7905784 ނަންބަރުތަކާއި ގުޅުމަށް އެ މިނިސްޓްރީން އެދެއެވެ.