ޢަދާލަތު ޕާޓީ(އެޕީ)ގެ ދެވަނަ ވަނަ ދައުރު ނިންމައި ތިން ވަނަ ދައުރު ފެށުމަށްޓަކައި ބާއްވާ ޤައުމީ މަޖިލީސް އަންނަ މާޗްމަހު ބާއްވަން ނިންމައިފިއެވެ.
އޭޕީގެ ޤައުމީ މަޖިލީސް ބާއްވަން ނިންމާފައި ވަނީ އޮންލައިން ކޮށެވެ. އަދި އެ މަޖިލީސް ކުރިއަށް ގެންދާނީ އަންނަ މާޗް މަހުގެ 11 އިން 13 އަށެވެ.
އޭޕީން ބުނީ އެ ޕާޓީގެ ދުސްތޫރުގެ 14.9 ވަނަ މާއްދާއިން ޕާޓީގެ މަޝްވަރާ މަޖިލީހަށް ލިބިދޭ ބާރުގެ ދަށުން މި ޤައުމީ މަޖިލީސް ވެބްކޮންފަރަންސް މެދުވެރިކޮށް ބޭއްވުމަށް އެ މަޖިލީހުގެ 188 ވަނަ ޖަލްސާއިން ވަނީ ނިންމާފައިވާ ކަމަށެވެ. އަދި މި މަޖިލިސް ކުރިއަށް ދާނީ، މަޝްވަރާ މަޖިލީހުގެ އެ ޖަލްސާގައި ފާސްކުރެވުނު "ޢަދާލަތު ޕާޓީގެ ޤައުމީ މަޖިލިސް ވެބްކޮންފަރަންސް މެދުވެރިކޮށް ބޭއްވުމުގެ އުސޫލު" އާ އެއްގޮތަށް ކަމަށް އެ ޕާޓީން ބުނެއެވެ.
ނަމަވެސް ކޯވިޑް-19 ގެ ސަބަބުން ކުރިމަތިވެފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ މިޙާލަތުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއްލިބި، ކަމާގުޅުންހުރި އިދާރާތަކުންނާއި ސިއްހީ މާހިރުންގެ އިރުޝާދާ ޚިލާފުނުވެ، އެއްތަނަކަށް ޖަމާވެ މަޖިލިސް ބޭއްވުމުގެ ފުރުސަތު ލިބިއްޖެނަމަ ޙާލަތު ތަންދިން މިންވަރަކުން ޤައުމީ މަޖިލީހުގެ ވީހައިވެސް ގިނަ މެންބަރުންނަށް އެއްތަނަކަށް ޖަމާވެތިބެ މި ބައްދަލުވުމުގައި ބައިވެރިވުމުގެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ވެސް އޭޕީން ވަނީ ބުނެފަ އެވެ.
މިގޮތަށް އިންތިޒާމު ހަމަޖެހުނުކަމުގައިވިއަސް، އެ ޖަލްސާގައި ބައިވެރިވުމަށް ހާޟިރުވާން އުޒުރުވެރިވާ އެ ޕާޓީގެ މެންބަރުންނަށް ވެބްކޮންފަރަންސް މެދުވެރިކޮށް ޤައުމީ މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރި ވެވޭނެ ކަަމަށް އޭޕީން ބުނެފަ ވެއެވެ.
އެއްތަނަކަށް ޖަމާވެގެން މަޖިލިސް ބޭއްވުމުގެ ފުރުސަތު ލިބިއްޖެނަމަ މަޖިލިސް ބާއްވާނީ މާލެސިޓީގައި ކަމަށް އެ ޕާޓީން ނިންމާފައިވާއިރު، ވެބްކޮންފަރަންސް މެދުވެރިކޮށް ޖަލްސާގައި ބައިވެރިވާނެގޮތުގެ މަޢުލޫމާތު ޕާޓީގެ އިދާރާއިން ލިބޭނެ ކަމަށް ވެސް އެ ޕާޓީން ބުނެއެވެ.
އޭޕީގެ މި ޤައުމީ މަޖިލިސްގެ އެޖެންޑާގައި ތިންވަނަ ދައުރަށް އިންތިޚާބުވި އެ ޕާޓީގެ ރައީސާއި، ނައިބުންނާއި އަދި ޢިލްމް ވެރިންގެ މަޖިލިސްގެ ނައިބް ރައީސް މަޤާމްގެ އަހުދުކިޔައި، އަހުދު ކަށަވަރުކޮށް މަގާމް އަހުދު ނާންމާގައި ސޮއި ކުރުން އޮންނާނެއެވެ. އޭގެ އިތުރުން އެ ޕާޓީގެ ދުސްތޫރުގައި ބުނާ ޕާޓީގެ ގުނަވަންތަކުގެ މަގާމްތަކަށް މެންބަރުން އިންތިޚާބު ކުރުން ވެސް އޮންނާނެއެވެ.
އިޢުލާން: ޤައުމީ މަޖިލިސް ދަޢުވަތު
ޢަދާލަތު ޕާޓީގެ 2 ވަނަ ދައުރު ނިންމައި 3 ވަނަ ދައުރު ފެށުމަށްޓަކައި ބާއްވާ ޤައުމީ މަޖިލީސް، 2021 ވަނަ އަހުރުގެ މާރިޗް 11 އިން 13 އަށް ބޭއްވުމަށް ނިންމައިފީމެވެ. pic.twitter.com/mx9XXftPcl— Adhaalath Party (@AdhaalathOffice) February 8, 2021
އެ ޕާޓީގެ ރައީސް ކަމުގެ މަގާމް ތިންވަނަ ފަހަރަށް ސެއިޚް ޢިމްރާން ޢަބުދުﷲ ކާމިޔާބު ކުރަށްވައި، މަގާމް ދިފާއު ކުރަށްވާފައި ވާއިރު، އެމަނިކުފާނުގެ ނައިބަކަށް ހޮވި ވަޑައިގަތީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި އެލްޖީއޭގެ ބޯޑު މެމްބަރު އަހްމަދު ޝަރީފެވެ.
ޖެނުއަރީ30 ވަނަ ދުވަހު އޮތް އޭޕީގެ ރިޔާސީ އިންތިޚާބުގައި އެ ޕާޓީ އުފެދުނީއްސުރެ ރައީސް ކަމުގެ މަގާމް ފުރުއްވަމުން ގެންދަވާ، މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އެ މަގާމު ދިފާއު ކުރެއްވީ މިއަދު ކުރިއަށް ދިޔަ އެ ޕާޓީގެ ރިޔާސީ އިންތިހާބުގައި އިސްލާމިކް މިނިސްޓަރު އަޙްމަދު ޒާހިރާއި ވާދަ ކުރަށްވައެވެ.
އިންތިޚާބުގައި 921 ވޯޓު އިމްރާނާއި އޭނާގެ ނައިބު އަޙްމަދު ޝަރީފް އަށް ލިބިވަޑައިގެންނެވި އިރު، އަހުމަދު ޒާހިރުއާއި އޭނާގެ ނައިބު އަޙްމަދު ނަޝީދަށް 167 ވޯޓު ލިބިފައިވެއެވެ. އިމްރާން މި އިންތިޚާބު ކާމިޔާބު ކޮށްފައިވަނީ 84.65 އިންސައްތަ ވޯޓުންނެވެ.
މި އިންތިޚާބުގައި ވޯޓު ލުމުގެ ޙައްޤު ލިބިފައިވާ ކަމަށް އެ ޕާޓީން ބުނީ 6866 މެންްބަރުންނަށް ކަމަށެވެ. ވޯޓުލާން ރަޖިސްޓްރީ ކޮށްފައި ވަނީ 4556 މެންބަރުންނެވެ. އަދި މި އިންތިޚާބުގައި ވޯޓުލާފައި ވަނީ 1088 މެންބަރުންނެވެ.
މި އިންތިޚާބުގައި އެ ޕާޓީގެ ރައީސް ކަމުގެ މަގާމަށް އަންހެނުންނަށް ވެސް ކުރިމަތިލެވޭ ގޮތަށް އެ ޕާޓީގެ ދުސްތޫރު އިސްލާޙްކޮށް، އެ ފުރުޞަތު ވެސް ދިނެވެ. ނަމަވެސް އެ މަގާމަށް އެ ޕާޓީގެ އަންހެން ކަނބަލެއް ކުރިމައްޗެއް ނުލައްވައެވެ.
އޭޕީއަކީ މި ހާރު މިއޮތް ސަރުކާރު ހިންގާ ކޯލިޝަންގެ ބައިވެރިއެކެވެ. މި ސަރުކާރުގެ ހޯމް މިނިސްޓްރީއާއި އިސްލާމިކް މިނިސްޓްރީ ތަމްސީލް ކުރަނީ އޭޕީއަށް ނިސްބަތްވާ މިނިސްޓަރުންނެވެ. އަދި ބައެއް ކުންފުނި ތަކުގެ އެމްޑީންގެ ގޮތުގައި އެޕާޓީގެ މެންބަރުން ތިއްބެވިއިރު، ސަރުކާރުގެ އެކި ސިޔާސީ މަގާމްތަކުގައި އެޕާޓީއަށް ނިސްބަތްވާ ބޭފުޅުން އެބަތިއްބެވިއެވެ. މީގެއިތުރުން ރައީސްގެ ޗީފް އޮފް ސްޓާފްގެ މަގާމުގައި ހުންނެވީ ވެސް އެ ޕާޓީއަށް ނިސްބަތްވާ ބެފުޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!