ޑިމޮކްރަސީއެއް ފުރިހަމަ ކުރަންވެގެން ޖަރުމަނުގައި ހިންގާ ކަހަލަ ނާސިގެއެއް ހިންގާފައި، އިޓަލީގައި އެއްޖިންސުން ކައިވެނިކުރާ ގޮތަށް ކައިވެނިކުމަކީ ރާއްޖެ ބޭނުންވެގެން އުޅޭ ޑިމޮކްރަސީ ނޫން ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމުގައި ވެސް ހުންނެވި ޝިޔާމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސްގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 2 ވަނަ ޖަލްސާގައި، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ހުށަހަޅުއްވާފައިވާ، މާލޭގައި ޒުވާނުންނަށް ފަސޭހަކަމާއެކު މިޔުޒިކް އަޑުއަހާލައި، އެކުވެރިންނާ ބައްދަލުކޮށްލައި، ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހީނ ސަމާސާކޮށް މަޖާކޮށްލައި، އެއްވެ ތިބެވޭނޭ ފަދަ މަރުކަޒެއް ގާއިމުކޮށްދިނުމަށް ސަރުކާރަށް ގޮވާލައި ހުށަހަޅާ ޤަރާރުގެ އިބްތިދާއީ ބަހުސްގައި ބައިވެރިވެ ވާހަކަ ދައްކަވަމުންނެވެ.

Ad
rt

ޝިޔާމް ނިސްބަތްވާ ދާއިރާއަކީ ނައިފަރު ދޮހޮއްކޮ، ތޭރަވާ އަދި ސަމާޢު ފަދަ ހުނަރުވެރި ފަންނާނުން އުފަންވި ދާއިރާއެއްކަން ފާހަގަ ކުރަށްވާ އޭނާ ވިދާޅުވީ ރާއްޖޭގައި މިހާރު ވެސް މިއުޒިކް ކުޅޭ ކަމަށާއި، މިއުޒިކް ޝޯތަކާއި، އެކި ކަހަލަ ޓީވީ ޝޯތައް ގިނަ ދިވެހިން މިހާރު ވެސް ބަލާ ކަމަށެވެ.

''ކޮންކަމެއްތޯ އިތުރަށް ކުރަން މި އުޅެނީ؟ މިއީ އަޅުގަނޑުމެން މި އުފައްދާ ސުވާލަކީ ކޮންކަހަލަ މަޖަލެއްތޯ އިތުރަށް ކުރަން މި އުޅެނީ؟ ކޮން ޑިމޮކްރަސީއެއްތޯ ފުރިހަމަކުރަންވެގެން މި އުޅެނީ މިއީ އަޅުގަނޑުމެން މިކުރާ ސުވާލަކީ. މިއީ މިއަދު އެމް.ޑީ.ޕީން މި އުފައްދާ ސުވާލަކީ، ޙަޤީޤަތުގައި މިއީ ދިވެހިންގެ ހިތްތަކުގައި އުފައްދާ ބިރުވެރިކަމަކީ މިއީ އިއްޒަތްތެރި ރައީސް ކޮންކަހަލަ އުފަލެއްތޯ ހާސިލުކުރަން މި އުޅެނީ؟ ކޮންކަހަލަ މަޖަލެއްތޯ ބިރަކާ ނުލާ ހާސިލުކުރަން މި އުޅެނީ؟''

ޝިޔާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އުފާކުރާއިރު ވެސް މަޖާކުރާއިރު ވެސް ބިރުގަންނަންޖެހޭ ފަރާތެއް ވާކަން ދަންނަން ޖެހޭ ކަމަށެވެ.

''އިއްޒަތްތެރި ރައީސް، ޑިމޮކްރަސީއެއް އަޅުގަނޑުމެން ފުރިހަމަކުރަންވެގެން ޖަރުމަނުގައި ހިންގާ ކަހަލަ ނާސިގެއެއް ހިންގާފައި، އިޓަލީގައި އެއްޖިންސުން ކައިވެނިކުރާ ގޮތަށް ކައިވެނިކުރީމަ އެއީ އަޅުގަނޑުމެން ދަންނަ ޑިމޮކްރަސީއެއް ނޫން. އެއީ އަޅުގަނޑުމެން ފަހައިގެން މި އުޅޭ ޑޮމޮކްރަސީގެ ކޯޓެއް ނޫން އިއްޒަތްތެރި ރައީސް. އަޅުގަނޑުމެންނަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއް، މުސްލިމު ޤައުމެއް މި ޤައުމަކީ. އަޅުގަނޑުމެން ޤަބޫލުކުރާ ޤަބޫލުކުރުންތަކެއް، އަނެއްކާ ޑިމޮކްރަސީ އެންމެ ރަނގަޅަށް ފުރިހަމަކޮށްދޭ ދީނަކަށް އަޅުގަނޑުމެންނަށް މި ފެންނަނީ އިސްލާމްދީން. ދެން އެހެންވީމާ، ކޮން ޑިމޮކްރަސީއަކަށް ދާންތޯ އަޅުގަނޑުމެން މިއަދު ސުވާލުއުފައްދަން.''

ޝިޔާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބަލަންވީ، ދިވެހިރާއްޖޭގައި ތިބި ޒުވާނުންނަށް ކުރިއަށް ދެވޭނެ ފަހި ފުރުޞަތުތައް ތަނަވަސްކޮށްދީ، ދިވެހިރާއްޖޭގައި ހުރި ވަޒީފާތަކަށް ދިވެހިން ތަރައްޤީކުރުމުގެ ވިސްނުމެއް އިސްކުރަން ކަމަށެވެ. އަދި މާލޭގައި ޒުވާނުން އެއްވެ ވާހަކަ ދައްކަން ތިބޭނެ ފުރުސަތު ނެތިގެން އުޅޭތަން ނުފެންނަ ކަމަށް ވިދާޅުވިއެވެ.

މާލޭގައި ބާ ހަދަންވީތޯއާއި، މާލޭގައި ނާސިގެ ހަދަންވީތޯ ސުވާލު އުފައްދަވައި، ކުރިމަތި ކުރުވާ ސުވާލަކީ އެއީތޯ އޭނާ އެއްސެވިއެވެ.

ދަސްކުރަންވީ ދިވެހިންގެ ސަގާފަތް ދިރުވުން ކަމަށާއި، ދިވެހިންގެ ސަގާފަތަކީ އިސްލާމީ ތަރަހައިގެ ތެރެއިން އައިސްފައިވާ ސަޤާފަތެއްކަން ދަސްކޮށް ދިރުވަންވީ އެ ސަގާފަތްކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދިވެހިންގެ ސަގާފަތަކީ އުނދަގޫ ސަގާފަތެއް ނޫން ކަމަށާއި، ދަސްކޮށް ތިބީ އިސްލާމްދީނަކީ ވަރަށް ފަސޭހަ ދީނެއްގެ ގޮތުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.