“ގެދޮރުވެރިކުރުވުން” ޕްރޮގްރާމްގެ ދަށުން ހއ. ދިއްދޫގައި ޢިމާރާތްކޮށްފައިވާ ފްލެޓްތަކުގެ މައްސަލައިގައި، އެރަށުގެ ވަކި ބަޔަކަށް ހައުސިން ޔުނިޓްތައް ހޯދައިދީފައިވާތީ ކުރީގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޑެޕިއުޓީ މިނިސްޓަރ އިބްރާހީމް ނަޡީމްގެ މައްޗަށް ދައުވާކުރުމަށް ފޮނުވައިފިއެވެ.
މިގޮތުން ދިއްދޫގައި ޢިމާރާތްކޮށްފައިވާ ފްލެޓް ދޫކުރުމުގައި ސިޔާސީ ގޮތުން ނުފޫޒު ފޯރުވައި، ޙައްޤު ނޫން ފަރާތްތަކަށް ފްލެޓް ދީފައިވާކަމަށް ބުނާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ)އިން ތަޙްޤީޤުކޮށް ނިންމައި، އެ މައްސަލައިގައި ދައުވާކުރުމަށްޓަކައި މިއަދު ވަނި ޕްރޮސިކިއުޓަރޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ.
އޭސީސީން އެ މައްސަލާގައި ނަޒީމްގެ މައްޗަށް ދައުވާ ކުރަން ފޮނުވިއިރު، “ގެދޮރުވެރިކުރުވުން” ޕްރޮގްރާމްގެ ދަށުން ދިއްދޫގައި ޢިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓް ދޫކުރުމާގުޅޭ ލިޔުންތައް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ރަނގަޅަށް ބަލަހައްޓާފައި ނުވާތީ، އެ ކަމަކީ، ދިއްދޫގައި ޢިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތައް ދޫކުރުމާއި ގުޅުންހުރި މަސައްކަތް އޭރު ކުރި އެ މިނިސްޓްރީގެ މުވައްޒަފުންގެ އިހުމާލުގެ ޢަމަލެއްކަމަށް ވެސް އޭސީސީން ވަނީ ފާހަގަ ކޮށްފައެވެ.
''މި މައްސަލައިގައި ދައުވާކުރުމަށްޓަކައި ފޮނުވާފައިވަނީ، ކުރީގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޑެޕިއުޓީ މިނިސްޓަރ އަދި އެ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓާއި ސިޔާސީގޮތުން ހަވާލުވެހުރި އިބްރާހީމް ނަޡީމް، (މއ.އެލީޒިއަމް / ކ.މާލެ) ގެ މައްޗަށެވެ. މި މައްސަލައިގައި އިބްރާހީމް ނަޡީމްގެ މައްޗަށް ދަޢުވާކުރުމަށްޓަކައި ފޮނުވާފައިވަނީ، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު) ގެ 513 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ، ދައުލަތުގެ މުވައްޒަފެއްގެ ހައިސިއްޔަތުން ލިބިފައިވާ ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް އޭގެ ފައިދާ ލިބެންނުޖެހޭ މީހަކަށް މަންފާ ހޯދާދިންކަމުގެ ކުށުގެ ދަޢުވާއެވެ.''
ނަޒީމްގެ މައްޗަށް ދައުވާ ކުރަން ފޮނވިކަން ހާމަކޮށް އޭސީސީން އާންމުކުރި ބަޔާނުގައި ވެއެވެ.
މި މައްސަލައިގެ ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތައް ގޮތުގައި އޭސީސީން ބުނީ، ދިއްދޫގައި ޢިމާރާތްކޮށްފައިވާ 250 ހައުސިންގ ޔުނިޓްތަކުގެ ތެރެއިން 2017 ވަނަ އަހަރު ދޫކޮށްފައިވާ 140 ހައުސިންގ ޔުނިޓްތަކަށް އެދި ހުށަހެޅި ފަރާތްތަކަށް ފުރަތަމަ ޕޮއިންޓްދީފައިވަނީ އެރަށު ކައުންސިލްގެ އިދާރާއިން ކަމަށްވީނަމަވެސް، ފަހުން ހައުސިން މިނިސްޓްރީއިން އެންގުމުން އެރަށުގެ ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް އެރަށު ކައުންސިލްގެ އިދާރާއިން މަޑުޖައްސާލައި، ހައުސިންގ ޔުނިޓްތަކަށް އެދި ހުށަހަޅާފައިވާ ފޯމްތައް ހައުސިން ނިސްޓްރީއަށް ގެންގޮސްފައިވާކަން މި މައްސަލައިގެ ތަޙްޤީޤަށް އެނގެން އޮންނަ ކަމަށެވެ. އަދި، ހައުސިން ނިސްޓްރީގެ ފަރާތުންވެސް ހައުސިންގ ޔުނިޓްތަކަށް ޕޮއިންޓްދީފައިވާކަމާއި، އިވެލުއޭޝަން މަރުޙަލާގެ ރިވިއު މަސައްކަތުގައި އިބްރާހީމް ނަޡީމް ބައިވެރިވެފައިވާކަން މި މައްސަލައިގެ ތަޙްޤީޤަށް އެނގިފައިވާ ކަމަށް އޭސީސީން ވަނީ ބުނެފައެވެ.
''ހައުސިންގ ޔުނިޓްތައް ލިބޭ މީހުންގެ ދާއިމީ ލިސްޓް އިޢުލާންކޮށްފައިވާއިރު، ޔުނިޓްތައް ދޫކޮށްފައިވަނީ ހަދާފައިވާ އިވެލުއޭޝަންއާ ޚިލާފަށްކަމަށާއި، އަދި އިވެލުއޭޝަނުން އެންމެ މަތިން މާރކްސް ލިބުނު ފަރާތްތަކުގެ ތަރުތީބުން ނޫންކަން މި މައްސަލައިގެ ތަޙްޤީޤަށް އެނގެން އޮވެއެވެ. އެގޮތުން، ހައުސިންގ ޔުނިޓްތަކުގެ ދާއިމީ ލިސްޓް އިޢުލާންކުރުމުގެ މަސައްކަތްކުރި މުވައްޒަފާ އެ ލިސްޓް ހަވާލުކޮށްފައިވަނީ އިބްރާހީމް ނަޡީމްކަން އެނގެން އޮންނައިރު، އާންމުކޮށް ހައުސިންގ ޔުނިޓްތަކާ ގުޅޭ ފައިނަލް ލިސްޓްތައް އެޕްރޫވްކުރަނީ އިބްރާހީމް ނަޡީމްކަން މި މައްސަލައިގެ ތަޙްޤީޤަށް ލިބިފައިވާ މައުލޫމާތުން ހާމަވެއެވެ. މީގެއިތުރުން، ހއ.ދިއްދޫ އަށް ނިސްބަތްވާ ވަކި ފަރާތްތަކަކަށް ހައުސިންގ ޔުނިޓްތައް ހޯދައިދިނުމަށް އަމިއްލަ ފަރާތަކުން އެދުމުން އެކަމަށް އިބްރާހީމް ނަޡީމް އެއްބަސްވެފައިވާކަން މި މައްސަލައިގެ ތަޙްޤީޤަށް އެނގިފައިވެއެވެ. އަދި އެ ފަރާތްތަކަކީ ލިބިފައިވާ ޕޮއިންޓްތަކަށް ބަލާއިރު ހައުސިންގ ޔުނިޓްތައް ލިބެންޖެހޭ ފަރާތްތަކެއް ނޫންނަމަވެސް، އެ ފަރާތްތައް ދާއިމީ ލިސްޓްގައި ހިމަނައި، ހައުސިންގ ޔުނިޓްތައް ހަވާލުކޮށްފައިވަނީ އިބްރާހީމް ނަޡީމްގެ މަޤާމުގެ ނުފޫޒުގެ ބޭނުންކޮށްގެންކަން ތަޙްޤީޤަށް އެނގެން އޮވެއެވެ.''
އޭސީސީން ބުނެފައި ވެއެވެ.
ނަޡީމަކީ ދިއްދޫ ހައުސިންގ ޔުނިޓްތައް ދޫކުރި އިރު ހައުސިންގ ޑިޕާޓްމަންޓްގެ ސިޔާސީގޮތުން އިސްވެރިޔާކަމަށްވެފައި، ހައުސިންގ ޔުނިޓްތައް ދޫކުރުމުގައި ނިންމުން ނިންމޭފަދަ މަޤާމެއްގައި ހުރި މީހެއްކަން ފާހަގަކޮށް އޭސީސީން ބުނީ، މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ޕޮއިންޓް ދީފައިވާ ގޮތް ބަދަލުކޮށް ހައުސިން ޔުނިޓްތައް ލިބެން ނުޖެހޭ ފަރާތްތަކަކަށް ހައުސިން ޔުނިޓްތައް ދީފައިވަނީ އިބްރާހީމް ނަޡީމް އޭނާގެ މަޤާމުގެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް ވަކި ބަޔަކަށް ފައިދާ ހޯދައިދިނުމަށްކަން ޝައްކެއްނެތް މިންވަރަށް ތަޙްޤީޤަށް ސާބިތުކުރެވޭ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!