އިޓާލިއަން ސީރިއާ އޭގައި އޭސީ މިލާނާއި، ތާވަލުގެ ފުލުގައި އޮތް ކޮރޮޓޯނެ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު މިލާނުން ކާމިޔާބު ކޮށްފިއެވެ.
އާދީއްތަ ދުވަހުގެ ރޭ މިލާނުގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ 4-0 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.
މި މެޗުގައި މިލާނުން ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފައިވަނީ 30 ވަނަ މިނެޓުގައެވެ. ރަފޭލް ލެއާއޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ މިލާނަށް ކުޅެމުން އަންނަ އުމުރުން 39 އަހަރުގެ ސްވިޑަން ފޯވާޑް ޒަލްޓަން އިބްރަހިމޮވިޗެވެ. މިއީ އިބްރަހިމޮވިޗް ކެރިއާގައި ކުލަބް ލެވެލްގައި އޭނާ ކާމިޔާބު ކުރި 500 ވަނަ ލަނޑެވެ. މި މެޗުގައި މިލާނުން ޖެހި ދެވަނަ ލަނޑު މެޗުގެ 64 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ ވެސް އިބްރަހިމޮވިޗެވެ.
އިބްރަހިމޮވިޗެގެ ކެރިއާގައި ޖުމްލަ ނުވަ ކުލަބަކަށް ވަނީ ކުޅެފައެވެ. އެ ކުލަބުތަކަށް އިބްރަހިމޮވިޗް ކާމިޔާބު ކޮށްދީފައިވާ ލަނޑުގެ ތަފްސީލަށް ބަލައިލާއިރު ޕީއެސްޖީއަށް 156 ލަނޑު، އޭސީ މިލާނަށް 82 ލަނޑު، އިންޓަ މިލާނަށް 66 ލަނޑު، އެލްއޭ ގެލެކްސީއަށް 53 ލަނޑު، އަޔެކްސްއަށް 48 ލަނޑު، މެންޗެސްޓާ ޔުނައިޓެޑަށް 29 ލަނޑު، ޔުވެންޓަސްއަށް 26 ލަނޑު، ބާސެލޯނާއަށް 22 ލަނޑު އަދި މަލްމޯއަށް 18 ލަނޑު ވަނީ ކާމިޔާބު ކޮށްދީފައެވެ.
މިލާނުން ކާމިޔާބުކުރި އަނެއް ދެ ލަނޑު ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމަށް ކުޅެމުން އަންނަ ކޮރޭޝިއާގެ ފޯވާޑް ރެބިޗެވެ.
މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު މިލާނަށް ވަނީ ޕޮއިންޓް ތާވަލުގެ އެއްވަނާގައި އިންޓަ މިލާނުގެ މައްޗަށް ދެ ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. މިލާނު މިވަގުތު އެއްވަނާގައި އޮތީ އެ ޓީމް ލީގުގައި ކުޅުނު 21 މެޗުން 49 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނާގައި އިންޓަ މިލާން އޮތީ 21 މެޗުން 47 ޕޮއިންޓް ހޯދައިގެންނެވެ. މި މެޗުން ބަލިވި ކޮރޮޓޯނެ އޮތީ ޕޮއިންޓް ތާވަލުގެ ފުލުގައެވެ. އެ ޓީމަށް ލިބިފައިވަނީ 21 މެޗުން 12 ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!