އިނގިރޭސި ޕްރިމިއަ ލީގުގައި ޓޮޓެންހަމްއާއި ވެސްޓްބްރޯމް ބައްދަލުކުރި މެޗު ޓޮޓެންހަމްއިން ކާމިޔާބު ކޮށްފިއެވެ.

އެންމެ ފަހުން ލީގުގައި ޓޮޓެންހަމް ކުޅުނު ތިން މެޗުން ވެސް އެ ޓީމް ބަލިވެފައިވާއިރު، އާދީއްތަ ދުވަހު ހަވީރު ވެސްޓްބްރޯމް އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވެ ޓޮޓެންހަމްއިން ވަނީ ބަލިވުމުގެ ސިލްސިލާ ނިމުމަކަށް ގެނެސްފައެވެ.

Ad
rt

މި މަހުގެ ފުރަތަމަ ދުވަހު ބްރައިޓަން އަތުން ޓޮޓެންހަމް ބަލިވި މެޗުގައި ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާއަކާއި ގުޅިގެން، ހުކުރު ދުވަހުގެ ރޭ ޗެލްސީއަތުން ބަލިވި މެޗުގައި ޓޮޓެންހަމްގެ އިތުބާރު ފޯވާޑް ހެރީ ކޭން ކުޅެފައި ނުވެއެވެ. އެ ދެ މެޗުގައި ވެސް ޓޮޓެންހަމް އަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވެއެވެ.

މި މެޗުގައި ވެސްޓްބްރޯމްއާއި ދެކޮޅަށް ޓޮޓެންހަމްއިން ނެރުނު ފުރަތަމަ އެގާރާގައި ހިމެނިގެން ކޭން ކުޅެފައިވާއިރު، މެޗުގައި ޓޮޓެންހަމްއިން ކާމިޔާބު ކުރި ފުރަތަމަ ލަނޑު މެޗުގެ 54 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ ކޭންއެވެ. މި ލަނޑު ކޭން ކާމިޔާބު ކޮށްފައިވަނީ އެ ޓީމްގެ ޑެންމާކް މިޑްފީލްޑަރ ހޫބާރގް ތަނަވަސް ކޮށްދިން ފުރުޞަތެއްގައެވެ. މި ލަނޑާއިއެކު ލީގުގައި ކޭން ކާމިޔާބުކުރި ލަނޑުގެ އަދަދު ވަނީ 13 އަށް އަރާފައެވެ.

މި މެޗުގައި ޓޮޓެންހަމް އިން ކާމިޔާބު ކުރި ދެވަނަ ލަނޑު 58 ވަނަ މިނެޓުގައި ލޫކަސް މޯރާގެ އެހީތެރިކަމާއިއެކު ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމަށް ކުޅެމުން އަންނަ ކޮރެއާ ފޯވާޑް ސޮން ހުއެން-މިން އެވެ. މިއީ ލީގުގައި ސޮން ކާމިޔާބުކުރި 12 ވަނަ ލަނޑެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ޓޮޓެންހަމް ވަނީ ޕޮއިންޓް ތާވަލުގެ ހަތްވަނަ އަށް ކުރިއަށް ޖެހިލާފައެވެ. ޓޮޓެންހަމްއަށް ލީގުގައި ކުޅުނު 22 މެޗުން ލިބިފައިވަނީ 36 ޕޮއިންޓެވެ. މި މެޗުން ބަލިވި ވެސްޓްބްރޯމް މިވަގުތު އޮތީ އެ ޓީމް ލީގުގައި ކުޅުނު 23 މެޗުން ލިބުނު 12 ޕޮއިންޓާއިއެކު ތާވަލުގެ 19 ވަނާގައެވެ.