މާލޭގައި ޒުވާނުންނަށް ފަސޭހަކަމާއެކު މިޔުޒިކް އަޑުއަހާލައި، އެކުވެރިންނާއި ބައްދަލުކޮށްލާ، ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހީސަމާސާކޮށް މަޖާކޮށްލާ އެއްވެ ތިބެވޭނޭ މަރުކަޒެއް ގާއިމުކޮށްދޭން ސަރުކާރަށް ގޮވައިލާ ގަަރާރު މާދަމާގެ މަޖިލިސް ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.
މާދަމާ އޮންނަ ރައްޔިތުންގެ މަޖިލިސްގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 2 ވަނަ ޖަލްސާއަށް އެ ޖެންޑާކުރި މި ގަަރާރަކީ، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވި ގަރާރެކެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ވެސް ހުންނެވި މެންބަރު ޙަސަން މި ގަރާރު މަޖިލިސްއަށް ހުށަހެޅުއްވީ މަޖިލިސްގެ ފުރަތަމަ ދައުރުގެ ތެރޭގައެވެ.
މި ގަރާރުގެ ތައާރުފްގައި ބުނެފައި ވަނީ، މާލެއަށް ދިމާވެފައިވާ ހުރިހާ މައްސަލަތަކަށް ސަރުކާރުން ހައްލު ހޯދަމުންދާއިރު އެފަދަ މަރުކަޒެއް ގާއިމް ކުރުމަކީ ޒުވާނުންގެ މިޔުޒިކްގެ ފަންނު އިތުރަށް ތަރައްގީކުރުމާއި އެފަދަ ވަސީލަތްތައް އިތުރަށް ތަރައްގީ ކުރުމުގެ މުހިންމުކަން ގޮވާލާ ހުށަހަޅާ ގަރާރެއް ކަމަށެވެ.
މާލެއަށް ދިމާވެފައިވާ މައްސަލަތަކަކީ އެ މައްސަލަތަކުން އަރައިގަތުމަށް ވަރަށް ބޮޑަށް ދަތިވެފައިވާ މައްސަލަތަކެއް ކަމަށް ބުނެފައިވާ އެ ގަރާރުގައި ހަސަންވަނީ މާލޭގެ ތޮއްޖެހުމާއި ބޯހިޔާވަހިކަމުގެ ދަތިކަމާއި މަގުތަކުގެ ކާރޫބާރޫ ބޮޑުކަމާއި ވަޒީފާގެ ފުރުސަތުތައް ނެތްކަން ފާހަގަ ކުރަށްވާފައެވެ.
ސަރުކާރުން އެކަންކަމަށް ހައްލު ހޯދަމުންދާއިރުވެސް، ހާސްކަމުގެ ތެރޭގައި މާލޭގައި އުޅެން ޖެހިފައިވާ ޒުވާނުންނަށް އެ ހާސްކަމުން މިންޖުކުރެވޭނެ މަރުކަޒެއް ބޭނުންވެފައިވާކަން އެ ގަރާރުގައި ބުނެފައިވެ އެވެ. އަދި ޒުވާނުންނާއި ރައްޓެހިންނާއި އެކުވެރިންނާއެކު ހީނ، ސަމާސާކޮށް، މަޖާކޮށްލެވޭ ފަދަ މާހައުލެއް މިޔުޒިކް އަޑުއަހާލައި، ވަގުތު ހޭދަކޮށްލެވޭނެ މަރުކަޒަކަށް ވަނީ އިންތިހަށް ބޭނުންވެފައި ކަމަށް އެ ގަރާރުގައި އިތުރަށް ބަޔާންކޮށްފަ ވެއެވެ.
އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ޒުވާނުންނާއި، ކުޅިވަރާއިބެހޭ ވުޒާރާގެ ވަޒީރުކަން ކުރެއްވި ޙަސަންގެ މި ގަރާރުގެ އިތުރުން، އިތުރު ކަމެއް މާދަމާގެ ޖަލްސާގެ އިބްތިދާއީ ބަހުސްގެ ބައިގައި އެޖެންޑާކޮށްފައެއް ނުވެއެވެ.
މި އަހަރަށް މަޖިލިސް ހުޅުވާފައި ވަނީ މި ފެބްރުއަރީ މަހުގެ 4ވީ ބުރާސްފަތި ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!