އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނހިރު ދުވަހު ހަވީރު އެސްޓަން ވިލާއާއި އާސެނަލް ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާއަކުން އެސްޓަން ވިލާއިން ކާމިޔާބު ކޮށްފިއެވެ.

މިއީ މި ސީޒަންގައި އާސެނަލް ބަލިވި ދިހަވަނަ މެޗެވެ. އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް އާސެނަލް ބަލިވެފައިވާއިރު އަންނަ ސީޒަންގައި ޔޫރަޕްގެ މުބާރާތެއްގައި ވާދަކުރުމުގެ ފުރުޞަތު ހޯދުމަށް އެ ޓީމުން ކުރަމުން އަންނަ މަސައްކަތަށް ވަނީ އިތުރު ހުރަސްތަކާއި ކުރިމަތިވެފައެވެ.

Ad
rt

މި މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީ އާސެނަލްއިން ނެވެ. އެ ޓީމުން 63 އިންސައްތަ ބޯލް ޕޮޒިޝަން ހިފެހެއްޓިއިރު، އެސްޓަން ވިލާގެ ގޯލަށް އަމާޒުކޮށް ޖުމްލަ 9 ހަމަލާއެއް ވަނީ ފޮނުވާލާފައެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ ފުރަތަމަ މިނެޓުގެތެރޭގައި ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމަށް ކުޅެމުން އަންނަ އިނގިރޭސި ފޯވާޑް އޮލީ ވަޓްކިންސްއެވެ. މި ލަނޑު އެސްޓަން ވިލާއިން ކާމިޔާބު ކޮށްފައިވަނީ އާސެނަލްގެ ޑިފެންޑަރ ސެޑްރިކްއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެންނެވެ. އޮލީ ވަޓްކިންސް އެސްޓަން ވިލާގައި މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަނަން އިރު މިއީ އޭނާ މި ސީޒަންގައި ވިލާއަށް ކާމިޔާބު ކޮށްދިން 10 ވަނަ ލަނޑެވެ.

ބައިކޮޅަށް ވަތް ލަނޑާއި އެކު އާސެނަލް އިން ވަނީ ޓީމް ކުރިއަށް ޖައްސައި ލަނޑެއް ޖެހުމަށް ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ. މިގޮތުން އެ ޓީމުން ވަނީ ރަނގަޅު ފުރުޞަތު ތަކެއް ވެސް ތަނަވަސް ކޮށްފައެވެ. މިގޮތުން މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް މެޗުގެ ނިމެން ކައިރިވެފައި ވަނިކޮށް އެންމެ ރަނގަޅު ފުރުޞަތެއް ލިބިގެން ގޮސްފައިވަނީ ދާދި ފަހުން ރެއާލް މެޑްރިޑުން ލޯން އެއްބަސް ވުމެއްގެ ދަށުން އާސެނަލްއާއި ގުޅުނު ނޯވޭގެ ޒުވާން މިޑްފީލްޑަރ އޮޑެގާޑަށެވެ. އެނާ އޭރިއާގެ ތެރޭގައި ހުރި ފޮނުވާލި ބާރު ހަމަލާ ގޮސްފައިވަނީ ހުރަސް ދަނޑި މަތިން ބޭރަށެވެ.

މި މެޗުން މޮޅުވި އެސްޓަން ވިލާ އެ ޓީމުން ލީގުގައި ކުޅުނު 21 މެޗުން ލިބުނު 35 ޕޮއިންޓާއިއެކު މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ 8 ވަނާގައެވެ. އާސެނަލް މިވަގުތު ޕޮއިންޓް ތާވަލުގެ 10 ވަނާގައި އޮތީ، އެ ޓީމު ލީގުގައި ކުޅުނު 23 މެޗުން ލިބުނު 31 ޕޮއިންޓާއި އެކުގައެވެ.