ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކުރެވިގެން ކުރިއަށް ގެންދާ ޖަމިއްޔާ އެއްކަމުގައިވާ 'ސޭވް އަވަރ ވޭވްސް މޯލްޑިވްސް' އާއި "ސޭވް ދަ ވޭވްސް"ގެ ނަމުގައި ހިންގަމުން އަންނަ ބައިނަލްއަގުވާމީ ޖަމިއްޔާއަކުން ދިވެހި ސާފަރުންގެ ހައްގުގައި ނިކުމެެއްޖެއެވެ.

އެ ޖަމިއްޔާއިން ވަނީ ބައިނަލްއަގުވާމީ ޕާޓްނަރުންނާ ގުޅިގެން ރާއްޖޭގެ ރާޅުތައް ސަލާމަތް ކުރުމަށް ޕެޓިޝަނެއް ވެސް އިއުލާންކޮށްފައެވެ. މިއީ، ތިމާވެއްޓަށް ނުރައްކާވާ (އަދި ނުރަނގަޅު އަސަރު ކުރާ) ފަދަ 'ކޯސްޓަލް ޑެވެލޮޕްމަންޓް ޕްރޮޖެކްޓް' (ތޮށިލުމާ، ބިންހިއްކުމާ، ބަނދަރުހެދުން އަދި ފަޅުފުންކުރުން) ތަކުން ރާއްޖޭގެ ޤުދުރަތީ ރާޅާ އަޅާ މަންޒިލްތައް ޙިމާޔްތްކުރުމުގެ ޕެޓިޝަނެއްކަމަށް "ސޭވް ދަ ވޭވްސް" އިން ބުނެފައިވެއެވެ.

Ad
rt

މި ކެމްޕޭނަކީ ރާއްޖޭގެ އެކިއެކި ރާޅާއެޅުން ތެރިންނާއި، ބޭރުގެ އެކި ބައިވެރިން ހިމެނޭހެން 'ސޭވް ދަ ވޭވް ކޯލިޝަން' އެކުވެ، ރަސްމީކޮށް މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި ފަށާ ކެމްޕޭނެއްކަމަށް އެފަރާތުން ބުނެފައިވެއެވެ.

ސޭވް ދަ ވޭވްސް އިން ބުނިގޮތުގައިރާއްޖެއަކީ ޒަމާނުއްސުރެ ތަފާތު ވައްތަރުގެ ރީތި ރާޅުތައް ނަގާ ގައުމެކެވެ. އެހެންނަމަވެސް ތަރައްގީގެ ނަމުގައި ހިންގާ ޕްރޮޖެކްޓުތަކުގެ ސަބަބުން އެ ރާޅުތައް ނެތިގެން ގޮސްދާނެ ކަމުގެ ބިރު މިހާރު އެބައޮތް ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ. އެ ޖަމިއްޔާއިން އިއުލާން ކުރި ޕެޓިޝަނުގައި ވެސް ވަނީ މިފަދަ ޕްރޮޖެކްޓުތައް ރާޅުތަކަށް ގެއްލުން ނުވާގޮތަށް ހެދުމަށް ދިވެހި ސަރުކާރަށް ގޮވާލައިފައެވެ.

އަޅުގަނޑުމެންގެ ދިވެހި ބައިވެރިން ދެކޭ ގޮތުގައި މިހާތަނަށް 20 (ވިހި) 'ސާރފް ބްރޭކް' އަކަށް (ރާޅާ އަޅާ މަންޒިލެއް) ވަނީ މިފަދަ ޕްރޮޖެކްޓް ތަކުގެ އަސަރުކޮށް، އޭގެ ތެރެއިން ބައެއް ތަންތަން އެކައްހަލާކުވެ އަދި ނެތި ދިއުމުގެ ބިރު ހީވެފައެވެ.

މި ޕެޓިޝަންގައި ބުނެފައިވެއެވެ.

އެގޮތުން (ކ.ކުޑަވލިނގިލީ ފަރުގައި އޮންނަ) 'ޗިކަންސް' (ރާޅާއަޅާ މަންޒިލް މަޝްހޫރުވެފައި އޮތް ނަން) އަކީ ރާއްޖޭގައި އޮތް، ބޭރުގެ ފަތުރުވެރިންގެ މެދުގަ އާއި ރާއްޖޭގެ ރާޅާއެޅުންތެރިންގެ މެދުގައި މަޤްބޫލް ރާޅާ އަޅާ މަންޒިލެކެވެ. ނަމަވެސް އެރަށުގައި (ކުޑަވިލިންގިލީގައި) ހަދާފައިވާ 'ސީވޯލް' (ތޮށިލުން) ގެ ސަބަބުން މިރާޅަކީ މިހާރު ވަރަށް ބޮޑަށް ނެތި ދިއުމުގެ ބިރު ހީވެފައިވާ، އަދި ކުރީގެ މަޤްބޫލްކަން ނެތެމުންދާ ކަމަށް ބުނެއެވެ.

މީގެއިތުރުންވެސް، ރާއްޖޭގެ އެކިކަންކޮޅު ތަކުގައިވާ ފަރު ފަރަށް ނަގާ ރީތި ރާޅުތައް ވަނީ މިކަހަލަ 'އިންފްރާ ސްޓަރަކްޗާ ޕްރޮޖެކްޓް' ތަކުގެ ނޭދެވޭ އަސަރުކޮށް، އެފަރުތަކުގައި ހިމެނޭ މަސްމަހާ މެހީގެ ދިރުމާ، މުރަކަތަކާއި (އެހެނިހެން 'އިކޯސިސްޓަމް' ތައް) އަދި މިތަން ތަނަށް ބަރޯސާވާ މުޖުތަމައުގައި ހިމެނޭ ފަރުދުންނަށް މީގެ ނޭދެވޭ އަސަރު (ސީދާ ގޮތުންނާއި ނުސީދާގޮތުން) ދަނީ ކުރަމުންނެވެ. މިހެންކަމުން 'ސޭވް ދަ ވޭވްސް' (ކޯލިޝަން) އިން ސަރުކާރާއި، ސަރުކާރުގެ އިދާރާތަކާއި، އަދި މިކަމުގައި ޝާމިލްވާ އެހެނިހެން ފަރާތްތަކަށް ގޮވާލަނީ މިފަދަ ޕްރޮޖެކްޓް ތަކުގެ ނެދެވޭ އަސަރު މިންޖުކޮށް، ދުނިޔޭގައި ދެވަނައެއް ނެތްފަދަ ރާއްޖޭގައިވާ ޤުދުރަތީ ރާޅާ އަޅާ މަންޒިލް ތަކާއި، އެރާޅުތައް ނަގާ ފަރުތަކުގައި ހިމެނޭ ޤުދުރަތީ ދިރުން ހިމެނޭހެން (ސާފް އެކޯސިސްޓަމް) ހިމާޔަތްކޮށްދިނުމަށެވެ.

ރާއްޖޭގެ ރާޅުތައް ހިމާޔަތް ކުރުމަށް، ތިބޭފުޅާގެ އަޑު އުފުލާ އަދި އަޑު އިއްވުމަށް މި ޕެޓިޝަންގައި ސޮއިކުރައްވާ!

އެޖަމިއްޔާއިން އެދިފައިވެއެވެ.

އެ ޖަމިއްޔާއިން މައުލޫމާތު ދޭގޮތުގައި މިފަދަ ޕްރޮޖެކްޓުތައް ހިންގައިގެން މިހާތަނަށް ރީތި ރާޅު ނަގާ 20 ސަރަހައްދެއް ވަނީ ނެތިގޮސްފައެވެ. މިއީ ރާއްޖެއަށް އަންނަ ފަތުރުވެރިންނަށާއި ސާފަރުންނަށް އަދި ތިމާވެއްޓަށްވެސް ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމަަށް ސޭވް ދަ ވޭވްސް އިން ވަނީ ފާހަގަކޮށްފައެވެ.

ރާއްޖޭގައި އެންމެ ގިނައިން ފެންނަ ރާޅުގެ ބާވަތްތަކުގެ ތެރޭގައި "ޗިކެން" އާއި "ކޯކްސް" ހިމެނެއެވެ. ޗިކެން ރާޅަކީ މަދު ގައުމެއްގައި ނޫނީ ނުފެންނަ ރާޅެކެވެ. އެހެންނަމަވެސް މިހާރު ރާއްޖޭންވެސް މި ރާޅު އޭގެ އެންމެ ފުރިހަމަ ޒާތުގައި ނުފެންނަ ކަމަށް ސޭވް ދަ ވޭވްސް އިން ވަނީ ބުނެފައެވެ.

ރާއްޖޭގައި ސޭވް ދަ ވޭވްސްގެ މިނިވަން ޖަމިއްޔާއެއްވެސް އޮވެއެވެ. "ސޭވް އަވަރ ވޭވްސް މޯލްޑިވްސް"ގެ ނަމުގައި ހިންގާ މި ޖަމިއްޔާއަކީި ރާއްޖޭގެ ރާޅުތައް ހިމާޔަތް ކުރުމަށް އަޑު އުފުލާ ޖަމިއްޔާއެކެވެ.