މިޔަންމާގެ ބަޢާވާތަށްފަހު ސޯޝަލް މީޑިއާގެ ވަސީލަތްތައް އެ ގައުމުގައި ބްލޮކް ކުރަން ފަށައިފި އެވެ.

އެ ގައުމުގެ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަނުން އިއްޔެ ވަނީ ހުރިހާ މޯބައިލް އޮޕަރޭޓަރުންނަށާއި އިންޓަނެޓް ހިދުމަތްދޭ ތަންތަނަށް ޓްވިޓާ އާއި އިންސްޓަގްރާމް ބްލޮކް ކުރުމަށް އަންގައިފައެވެ. މިދިޔަ ބުރާސްފަތި ދުވަހު އެ މިނިސްޓްރީން ވަނީ ފޭސްބުކްވެސް ބްލޮކް ކޮށްފައެވެ.

Ad
rt

މި އެންގުމާއެކު ޓްވިޓާއިން ވަނީ އެ ކުންފުނީގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ކުންފުނިން ބޭރުގެ މީޑިއާތަކަށް ބުނެފައިވާގޮތުގައި މިއީ ރައްޔިތުންގެ އަޑު ބޭރުގެ ގައުމުތަކަށް އިއްވިޔަ ނުދިނުމަށް އެޅި ފިޔަވަޅެއް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އަދި މިއީ އިންސާނީ ހައްގުތަކާ ޚިލާފުވުން ކަމަށާއި ކޮންމެ މީހަކަށްވެސް އެމީހެއްގެ ވާހަކަ އެހެންމީހުންނާ ހިއްސާ ކުރުމުގެ ހައްގު ލިބިގެންވާކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން ދައުލަތްތަކުން މިގޮތަށް ސޯޝަލް މީޑިއާގެ ވަސީލަތްތައް ހުއްޓުވުމާ ދެކޮޅަށް އަބަދުވެސް އަޑުއުފުލާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ފޭސްބުކް އާއި އިންސްޓަގްރާމް ހިންގަމުން އަންނަ ފޭސްބުކް ކުންފުނިން ވަނީ ވީހާވެސް އަވަހަށް އެ ޚިދުމަތްތައް ރައްޔިތުންނަށް ލިބޭގޮތް ހަދައި، އާއިލީ މީހުންނާއި ރައްޓެހިންނާ އޮންނަ ގުޅުން ބަދަހި ކުރުމުގެ ފުރުސަތު ދިނުމަށް ގޮވާލައިފައެވެ.

މިއަންމާގެ މަދަނީ ލީޑަރު އަން ސަން ސޫކީ އިސްވެ އުފައްދާފައިވާ ސަރުކާރު، އެ ގައުމުގެ ސިފައިންގެ ބަޣާވާތަކުން ވައްޓާލައި އޭނާ ހައްޔަރުކޮށްފައިވަނީ މި މަހުގެ އެއްވަނަ ދުވަހުއެވެ. އެ ގައުމުގެ އަސްކަރީ ޓީވީން އިއުލާންކޮށްފައިވާ ގޮތުގައި މިޔަންމާގައި މިހާރު ވަނީ އެއް އަހަރު ދުވަހުގެ މުއްދަތަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ. އަދި ބާރުތަކާ ސިފައިން ވަނީ ހަވާލުވެފަ އެވެ. ސިފައިން ބުނެފައި ވަނީ ގައުމުގެ މިހާރުގެ ވެރިއަކީ ސިފައިންގެ ވެރިޔާ މިން އައުންގް ލައިން ކަމަށެވެ.