މިއަހަރުގެ ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް 99 ހާހަށް ވުރެގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ އެއްވަނަ ދުވަހުން ފެށިގެން ފެބްރުއަރީމަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 99، 397 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. ދުވާލެއްގެ މައްޗަށް ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު މިހާރު އުޅެނީ 2923 ގައެވެ.

Ad
rt

އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިއާއިންނެވެ. އެގައުމުން 22،365 ފަތުރުވެރިން ޒިޔާރަތްކުރިއިރު މިއީ މި މުއްދަތުގައި ޒިޔާރަތްކުރި ފަތުރުވެރިންގެ 22.5 އިންސައްތައެެވެ. ޒިޔާރާތްކުރި ފަތުރުވެރިންގެ 21.1 އިންސައްތައް ހިއްސާކުރަނީ އިންޑިއާއިންނެވެ. އެގޮތުން އެގައުމުން 20،933 ފަތުރުވެރިން ޒިޔަރާތްކޮށްފައިވެއެވެ. ތިންވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރީ7.8 އިންސައްތަ ހިއްސާ ކުރާ ޔޫކްރެއިން އިންނެވެ. އެ ގައުމުން ވަނީ7،709 ފަތުރުވެރިން ޒިޔާރަތް ކޮށްފައެވެ.

މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ދަތުރުކޮށްފައިވަނީ އެމިރޭޓްސް އިންނެވެ. އެއެއާލައިނުން 20،741 ފަތުރުވެރިން ގެނެސްފައިވާއިރު ރާއްޖެއަށް 252 ދަތުރުކޮށްފައިވެއެވެ.

މިމަހުގެ 4 ވަނަ ދުވަހުގެ ގެ ނިޔަލަށް ރާއްޖެގައި ފަތުރުވެރިންނަށް ޚިދުމަތްދޭ 624 ތަނެއް ހުޅުވާފައިވާއިރު، މީގެތެރޭގައި ހިމެނެނީ، 145 ރިސޯޓާއި، 11 ހޮޓެލްއާއި، 135 ސަފާރީގެ އިތުރުން 333 ގެސްޓްހައުސްއެވެ. މިއީ 43،656 ބެޑް ކެޕޭސިޓީއެވެ. ބެޑް ކެޕޭސިޓީ އެންމެ ގިނައީ ރިސޯޓްތަކުގައެވެ. އެގޮތުން ރިސޯޓްތަކުގެ ބެޑް ކެޕޭސިޓީއަކީ 33،372 އެވެ.

ޓޫރިޒަމް މިނިސްޓްރީއިން އާންމު ކުރި މައުލޫމާތަށް ބަލާއިރު، މި އަހަރުގެ ޖެނުއަރީމަހު ރާއްޖެ ޒިޔާރަތްކުރި 92،103 ފަތުރުވެރިންގެ ތެރެއިން ކޯވިޑަށް ޕޮޒިޓިވްވަނީ 0.08 އިންސައްތަ ފަތުރުވެރިންނެެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ރާއްޖެ ޒިޔާރަތް ކޮށްފައިވަނީ 555،399 ފަތުރުވެރިންނެވެ.