ރާއްޖެއަށް އެކިގޮތް ގޮތުން ގިނަ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޗައިނާ ސަރުކާރުން ރާއްޖެއަށް 100،000 ޑޯޒް ކޯވިޑް ވެކްސިން ހަދިޔާ ކުރަން ނިންމައިފިއެވެ.
ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ޖަންގް ލިޖޮންގް މިއަދު ވިދާޅުވީ އެ ގައުމުގެ ސަރުކާރުން ދިވެހި ރައްޔިތުންނަށް 100،000 ޑޯޒްގެ ވެކްސިން ހަދިޔާ ކުރަން ނިންމާފައިވާ ކަމަށެވެ.
އެ ވެކްސިން ޝިފްމަންޓް ވަރަށް އަވަހަށް ރާއްޖެއަށް ގެނެވޭނެ ކަަމަށް ވެސް ސަފީރު ވަނީ ވިދާޅުވެފަ އެވެ.
އަމިއްލަ ފަރާތަކުން ރާއްޖެއަށް ހަދިޔާކުރި ޗައިނާގެ ކުންފުންޏަކުން އުފެއްދި ކޯވިޑް-19 އިގެ 5،000 ޑޯޒް ވެކްސިން މިހާރުވެސް ރާއްޖޭގައި ހުރިއިރު، ޗައިނާ ސަރުކާރުގެ ހިއްސާ އޮންނަ ޗައިނާގެ ނޭޝަނަލް ފާމަސޫޓިކަލް ގްރޫޕް (ސިނޯފާމް) އިން އުފެއްދި ވެކްސިން ޗަައިނާގެ 23 މިލިއަނަށްވުރެ ގިނަ މީހުންނަށް ވަނީ ދީފައެވެ. މި ވެކްސިން ކޯވިޑް ވައިރަހާ ދެކޮޅަށް މަސައްކަތް ކުރާކަން ވަނީ ޔަގީން ވެސް ކުރެވިފައެވެ.
ރާއްޖޭގައި ކޯވިޑް-19 ވެކްސިން ޖަހަން ފަށާފައި ވަނީ މި މަހުގެ އެއްވަނަ ދުވަހު އެވެ. ރާއްޖޭގައި މިހާތަނަށް ޖަހަމުން ދަނީ އިންޑިއާއިން ހަދިޔާ ކުރި ވެކްސިނެވެ. އެއީ އޮކްސްފޯޑް-އެސްޓްރާޒެކެނާ ކޮވިޝީލް ވެކްސިންގެ 100،000 ޑޯޒް އެވެ.
ޗައިނާ ސަރުކާރުން ރާއްޖެއަށް 100،000 ޑޯޒް ވެކްސިން ހަދިޔާ ކުރަން ނިންމިއިރު، ދިވެހިރައްޔިތުންގެ އަސާސީ ޚިދުމަތްތައް ކަށަވަރު ކޮށްދިނުމަށް ޗައިނާއިން އަބަދުވެސް އެހީތެރިވެ ދިނުމުގައި ދެމި އޮންނާނެކަމަށް ވެސް ސަފީރު ޖަންގް ލިޖޮންގް ގެންދަވަނީ ވިދާޅު ވަމުންނެވެ.
ޗައިނާއިން ރާއްޖޭގައި މިހާރުވެސް 4 ޕްރޮޖެކްޓެއް ހިންގަމުން އެބަދެއެވެ. އޭގެ ތެރޭގައި ސިނަމާލެ ބްރިޖްގެ މެއިންޓަނަންސްގެ މަސައްކަތާއި، ހިޔާ ހައުސިންގް ޔުނިޓްތަކުގެ މަސައްކަތްތަކުގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް އަޕްގްރޭޑްކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.
މީގެ އިތުރުން ޗައިނާ-އެއިޑް މަޝްރޫޢޫގެ ދަށުން 5 ރަށެއްގައި ސާފު ބޯފެން ފޯރުކޮށްދޭ ނިޒާމު ޤާއިމުކުރުމުގެ އެއްބަސްވުމުގައި 10 އޯގަސްޓް 2020 ވަނަ ދުވަހު ވަނީ ސޮއިކޮށްފައެވެ. މައިކްރޯ-ގްރިޑް ސީވޯޓަރ ޑީސެލިނޭޝަން މަޝްރޫޢުތަކުގެ، މި އެއްބަސްވުމުގެ ދަށުން ސާފު ބޯފެން ފޯރުކޮށްދޭ ނިޒާމު ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ، ހއ. ކެލާގެ އިތުރުން ކ. ކާށިދޫ، ޅ. އޮޅުވެލިފުށި، ރ. އަލިފުށި އަދި ގއ. ދާންދޫ ގައެވެ. އެ މަޝްރޫޢުތަކަށް 11.8 މިލިއަން ޑޮލަރު ޗައިނާއިން ޚަރަދު ކުރެއެވެ.
ކޯވިޑާއި ގުޅިގެން ވެސް ޗައިނާއިން އަންނަނީ ރާއްޖެއަށް އެހީތެރި ވަނުންނެވެ. މިގޮތުން ޗައިނާގެ ބެއިޖީން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)ގެ ފަރާތުން ހުޅުމާލޭގައި ހުރި ދެ ބުރި އިމާރާތެއް ރެނޮވޭޓް ކުރުމުގެ މަސައްކަތް ކޮށްފައިވާއިރު، ބީޔޫސީޖީން 40 މަސައްކަތްތެރީންގެ ޓާސްކް ފޯހެއް އެކުލަވާލައިގެން އެ އިމާރާތުގައި 327 އެނދުގެ ކަރަންޓީން ފެސިލިޓީއެއް ގާއިމު ކުރުމުގެ މަސައްކަތް ވަނީ ކޮށްދީފައެވެ.
ޗައިނާގެ ޓެލްހައު އިންޓަނޭޝަނަލް އިންޖިނިއަރިންގް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އިން ރާއްޖެއަށް ދެލައްކަ ފޭސް މާސްކް ހަދިޔާ ކޮށްފައި ވާއިރު، ޗައިނާ މެޝިނަރީ އިންޖިއަނަރިންގް ކޯޕަރޭޝަނުންވެސް ވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފްރޮންޓް ލައިންގައި މަސައްކަތް ކުރާ މުއައްޒަފުންނަށް ޕާސަނަލް ޕްރޮޓެކްޓިވް އިކިއުޕްމެންޓް، ޕީޕީއީ ހަދިޔާކޮށްފައެވެ. އަދި އެ ޤައުމުގެ ޝަންހާއީ ކޮންސްޓްރަކްޝަން ގްރޫޕުން ވަނީ 20 ހާސް މެޑިކަލް މާސްކް، 10 ހާސް މެޑިކަލް ގްލަވްސް އަދި 500 ޕީޕީއީ ރާއްޖޭއަށް ހަދިޔާކޮށްފައެވެ.
ޗައިނާގެ، ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީމެކް) އިންވެސް ވަނީ ސަރުކާރަށާއި، އަދި އޭޑީކޭ ހޮސްޕިޓަލުގައި ފްރޮންޓް ލައިންގައި މަސައްކަތް ކުރާ މުއައްޒަފުންނަށް ޕާސަނަލް ޕްރޮޓެކްޓިވް އިކިއުޕްމެންޓް (ޕީޕީއީ) ، ފޭސް މާސްކު އަދި ގޮގުލްސް ހަދިޔާކޮށްފައެވެ.
ޗައިނާއިން ވަނީ ދިވެހި ސަރުކާރުގެ އެދުމުގެ މަތިން ޗައިނާ ސަރުކާރުން ފޯރުކޮށް ދޭ އެހީތެރިކަމުގެ ތެރެއިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން 800 މީހުންގެ ކަރަންޓީނު ފެސިލިޓީއެއް ގާއިމުކޮށް ދީފައެވެ. އަދި އެ ޤައުމުން ވަނީ ޗައިނާއަށް ދައްކަންޖެހޭ ދަރަނި އަދާ ކުރުމުގެ މުއްދަތު ފަސްކޮށްދިން 77 ގައުމު ތެރޭގައި ރާއްޖެ ހިމަނާފައެވެ.
ކޯވިޑް-19 ގެ ޙާލަތުން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ޗައިނާ ސަރުކާރުން ފޯރުކޮށްދިން އިތުރު ސިއްޙީ އެހީތެރިކަމުގެ ގޮތުގައި މިދިޔަ އަހަރުގެ ޖޫންމަހުގެ 11 ވަނަ ދުވަހު ވަނީ ސިއްޙީ ސާމާނުގެ އެހީތެރިކަން ފޯރުކޮށް ދީފައެވެ. މީގެ ތެރޭގައި ހިމެނެނީ 5،000 މެޑިކަލް ފޭސް މާސްކާއި 50،000 ސާޖިކަލް މާސްކްގެ އިތުރުން 5،000 ޕީޕީއީ ކިޓާއި 5،000 މެޑިކަލް ގޮގްލްސްއެވެ.
މިދިޔަ އަހަރު މެއި 2 ވަނަ ދުވަހުވެސް ޗައިނާއިން ވަނީ ރާއްޖެއަށް ތަކެތި ގެނެސް ހަދިޔާ ކޮށްފައެވެ. އެދުވަހު ހަދިޔާ ކުރި ތަކެތީގެ ތެރޭގައި 10،000 ޓެސްޓިންގ ކިޓް އަދި ސާމްޕަލް ސްޓިކް، 209،080 ޑިސްޕޯސެބަލް މާސްކް، 11،500 އެން 95 މާސްކް، 350 މެޑިކަލް ޕްރޮޓެކްޓިވް ސޫޓް އަދި 10 ވެންޓިލޭޓަރުވެސް ހިމެނެއެވެ.
ޗައިނާ ސަރުކާރުގެ އެހީތެރިކަމާއިއެކު ރާއްޖޭގެ މައި ދޮރާށި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގައި ދުވާލަކު 1000 މީހުން ޓެސްޓުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަށްވަމުންދާ ކަމަށް ލޮކްޑައުނަށްފަހު އަލުން ބޯޑަރު ހުޅުވާލިކަން ޢިއުލާން ކުރެއްވި، ނޫސްވެރިންގެ ބައްދަލުވުމުގައި 23 ޖޫން 2020 ވަނަ ދުވަހު ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!