މިއަހަރުގެ ތެރޭގައި ރާއްޖެއިން ފަލަސްޠީނަށް ނޮން ރެސިޑެންސް ސަފީރެއް ޢައްޔަންކުރެއްވުމަށް ގަސްތުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިއްވެވި ރިޔާސީ ބަޔާނުގައި ވިދާޅުވީ ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ދަށުން ފުރަތަމަ ފަހަރަށް ފަލަސްޠީނަށް ދިވެހި ސަފީރަކު ޢައްޔަންކުރައްވަން ނިންމަވާފައިވާކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ގޮތުގައި ޚާރިޖީ ދާއިރާއިން ރާއްޖޭގެ އެންމެ އިސް ސިޔާސަތަކީ، ދިވެހިރާއްޖެއާއި ދިވެހީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން ކަމަށާއި ކޮންމެ ކަމެއްގައިވެސް ރާއްޖޭގެ އެންމެ މަތީ މަޞްލަޙަތު ޙިމާޔަތްކުރުންކަމަށެވެ. އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް، ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓައި، ތިމާވެއްޓަށް އަންނަ ބަދަލުތަކުން ރާއްޖެ ރައްކާތެރިކުރުމަކީވެސް ރާއްޖޭގެ ޚާރިޖީ ގުޅުންތައް އެމައްޗަށް ބިނާވެފައިވާ ވަރަށް މުހިންމު އަސާސެއްކަމަށް ރައީސް ވިދާޅުވިއެވެ.
"ޚާރިޖީ ދާއިރާއިން މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ، އެކި ޤައުމުތަކާއި ރާއްޖެއާ ދެމެދު ހީނަރުވެފައިއޮތް ގުޅުންތައް އަލުން ބަދަހިކޮށް އާލާކުރުން. ކޮވިޑް-19 ގެ ދަތި ހާލަތުގައިވެސް، ރަޙުމަތްތެރި ޤައުމުތަކުންނާއި ބައިނަލްއަޤުވާމީ ޖަމާޢަތްތަކުން ފޯރުކޮށްދިން ދީލަތި އެހީތެރިކަމަކީ ޚާރިޖީ ގުޅުން މިހާރު ބަދަހިވެފައިވާ މިންވަރު ދައްކުވައިދޭ އަލިގަދަ ހެއްކެއް.ރާއްޖޭގެ ޚާރިޖީ ގުޅުން އިތުރަށް ވަރުގަދަކުރުމުގެގޮތުން އިތުރު ޤައުމުތަކަށް ނޮން ރެސިޑެންސް ސަފީރުން ކަނޑައެޅުމަށް މިއަންނަނީ މަސައްކަތްކުރަމުން.މިގޮތުން ފުރަތަމަ ފަހަރަށް ފަލަސްޠީނަށް ނޮން ރެސިޑެންސް ސަފީރެއް މިއަހަރުގެތެރޭގައި ޢައްޔަންކުރުމަށް އަޅުގަނޑު ގަސްތުކުރަން." ރައީސް ވިދާޅުވިއެވެ.
ފަލަސްޠީނުގެ މިނިވަންކަމަށް ވަކާލާތުކުރުމާއި، އެޤައުމުގެ ހައްޤުތައް ކަށަވަރުކުރުމަށް ގޮވާލައި ފެށުނީއްސުރެ ރާއްޖެއިން އަންނަނީ ބައިނަލްއަޤުވާމީ ދުނިޔޭގައި ވާކާލާތުކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!