ދިވެހިރާއްޖޭގެ ޤައުމިއްޔަތުގެ އެންމެ ވަރުގަދަ އަސާސަކީ، މާތްވެގެންވާ އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާ ކަމަށް ރައީސުލް ޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވާ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން ރައީސް ޞާލިޙް ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމިއްޔަތުގެ އެންމެ ވަރުގަދަ އަސާސަކީ، މާތްވެގެންވާ އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާ ކަމަށެވެ. އަދި ދިވެހިންގެ ހިތްތަކުގައި މާތްﷲގެ އެއްކައުވަންތަކަމުގެ ޢަޤީދާ އަށަގެންނެވުމަށާއި، އިސްލާމް ދީނުގެ ރިވެތި އުޞޫލުތައް ނެގެހެއްޓުމަށް، މިދިޔަ އަހަރުގެ ތެރޭގައިވެސް، ސަރުކާރުން ވަރަށް މުހިންމު މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
''އޭގެ ތެރެއިންވެސް އެންމެ މުހިންމު އެއް ކަމެއްގެ ގޮތުގައި، އަޅުގަނޑު ފާހަގަކުރާނީ، ހަރުކަށި ފިކުރުގެ އޮއިވަރުން ދިވެހި ރައްޔިތުން ސަލާމަތްކުރުމަށް ކުރެވުނު މުހިންމު މަސައްކަތްތައް. އިސްލާމް ދީނުގެ މަތިވެރި އިޖްތިމާޢީ އުޞޫލަކީ، ކުޑަކުދިންނަށް އަޅައިލުމާއި، އެކަކު އަނެކަކަށް އެހީތެރިވެ އެކުވެރިކަމުގައި އުޅުން ކަމަށްވާއިރު، ދީނުގެ ނަމުގައި، ކުޑަކުދިންނާއި އަންހެނުންނަށް ޖިންސީ އަދި ޖިސްމާނީ ގޯނާކޮށް، ޙައްޤުތަކުން މަޙްރޫމްކޮށް، މުޖްތަމަޢު ބައިބައިކުރުމަށް، އެއްވެސް ބަޔަކަށް މިފަސްގަނޑުގައި އެއްވެސް ފުރުޞަތެއް ނުދެވޭނެ.''
ރައީސް ވިދާޅުވިއެވެ.
އަނިޔާ ލިބޭ ކޮންމެ މީހަކު އަނިޔާއިން ދުރުކޮށް، ރައްކާތެރި އަމާން ދިރިއުޅުމަކަށް މަގުފަހިކޮށްދިނުމަކީ، ހެޔޮވެރިކަމުގެ އެންމެ މުހިންމު އަސާސް ކަމަށް ޤަބޫލުކުރަށްވާ ކަމަށާއި، މި ސަރުކާރު ރައްޔިތުންނަށް ޚިދުމަތްކުރުމާ ޙަވާލުވިއިރު، ދައުލަތުގެ ބެލުމުގެ ދަށުން، ވިލިމާލޭ ކުޑަކުދިންގެ ހިޔާގަޔާއި ހުޅުމާލޭ ފިޔަވަތީގައި، ވަރަށް ނިކަމެތި ޙާލަތެއްގައި ދިރިއުޅެމުން ދިޔަ ކުދިންތަކެއް ތިބި ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، އެކުދިން ބެލެހެއްޓުމާ ހަވާލުވެ ތިބި މުވައްޒަފުންގެ ފަރާތުން، ބައެއް ކުދިންނަށް، ޖިސްމާނީ އަދި ނަފްސާނީ އަނިޔާތައްވެސް ލިބިފައި އެބަހުރި ކަމަށެވެ. އަދި އެމައްސަލަތައް މިހާރު މިއަންނަނީ ތަޙުޤީޤުކޮށް ބަލަމުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
''އެފަދަ ކުދިންނަށް އިޖުތިމާޢީ އަދި ޢާއިލީ ގުޅުމުގެ ތެރެއިން ބޮޑުވުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ މަސައްކަތް، މިދިޔަ އަހަރު އަޅުގަނޑުމެން ވާނީ ފަށާފައި. އެ ގޮތުން ބ. އޭދަފުއްޓާއި ށ. ފުނަދޫ އަދި ފުވައްލުމަކުގައި ޤާއިމުކުރި އަމާން ވެއްޓަށް 51 ކުއްޖަކު މިހާރު ވާނީ ބަދަލުކޮށްފައި. މިބަދަލުގެ ސަބަބުން، އިޖްތިމާޢީ އަދި ޢާއިލީ ގުޅުމުގެ ތެރެއިން ބޮޑުވުމުގެ ފުރުޞަތު އެކުދިންނަށް ލިބިގެންދާނެ.''
ރައީސް ވިދާޅުވިއެވެ.
ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި ކުދިންނަށް ބޭނުންވާ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ލިބިދިނުމަށްޓަކައި، ޑިސްއެބިލިޓީ މެނޭޖްމަންޓް އެންޑް ރިހިބިލިޓޭޝަން ސެންޓަރ ޤާއިމްކުރުމުގެ މަސައްކަތް މިއަހަރު ސަރުކާރުން ފަށާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން އެކުދިންނަށް ބޭނުންވާ ތެރަޕީއާއި ފަރުވާ ލިބޭނެ ވަސީލަތްތަކާއެކު، ހުޅުމާލޭ ހޮސްޕިޓަލްގައި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރެއް ޤާއިމްކުރުމުގެ މަސައްކަތް ކުރަށްވަމުންދާ ކަމަށާއި، ފަޚުރުވެރިކަމާއެކު، ދިރިއުޅެވޭނެ މާޙައުލެއް ޤާއިމްކުރުމަށްޓަކައި، މުޅިން އަލަށް އެލްޑަރލީ ވިލެޖެއް، އައްޑު އަތޮޅުގައި ޤާއިމްކުރުމުގެ މަސައްކަތްވެސް މިއަހަރު ފެށޭނެ ކަމަށް ވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!