އިޓާލިއަން ކަޕްގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި އިންޓަރ މިލާނާއި ޔުވެންޓަސް ބައްދަލުކުރި މެޗުގައި ރޮނާލްޑޯ ކާމިޔާބު ކުރި ދެ ލަނޑުން ފަހަތުން އަރައި ޔުވެންޓަސް މޮޅުވެއްޖެއެވެ.
އަންގާރަ ދުވހިގެ ރޭ އިންޓަގެ ދަނޑުގައި ކުޅުނު މި މެޗު ޔުވެންޓަސް ކާމިޔާބު ކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ.
ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ އިންޓަ މިލާނުނެނެވެ. މެޗުގެ ނުވަވަނަ މިނެޓުގައި ބަރެއްލާ ޔުވެންޓަސްގެ އޭރިއާގެ ތެރެއަށް ހުރަސްކޮށްދިން ބޯޅަ އެއްފަހަރުން ޖަހައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލނޑު ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމަށް ކުޅެމުން އަންނަ އާޖެންޓީނާގެ އިތުބާރު ފޯވާޑް މާޓިނޭޒްއެވެ.
ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުވެންޓަސްއިން ވަނީ ދެ ލަނޑު ޖަހާފައެވެ. ކުއަޑާޑޯއަށް އިންޓަގެ ޑިފެންޑަރ ޔަންގް ކުރި ފައުލަކާއި ގުޅިގެން ރެފްރީ ވިއޭއާރު ބެލުމަށްފަހު ދިން ޕެނަލްޓީއަކުން ފުރަތަމަ ލަނޑު ކާމިޔާބުކޮށް ކޮށްދީފައިވަނީ އެ ޓީމްގެ ތަރި ރޮނާލްޑޯއެވެ.
މެޗުން ޔުވެންޓަސް މޮޅުވި ލަނޑު އިންޓަގެ ޑިފެންޑުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ ފުރަތަމަ ލަނޑު ވެސް ކާމިޔާބު ކޮށްދިން ރޮނާލްޑޯއެވެ.
ލީގުގައި މި ދެ ޓީމް ބައްދަލުކުރި މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވަނީ އިންޓަ މިލާނުންނެވެ. ޔުވެންޓަސްއިން އިޓާލިއަންކަޕް 13 ފަހަރު ކާމިޔާބު ކޮށްފައިވާއިރު، މި ދެ ޓީމް ކުޅޭ ދެވަނަ ލެގުގެ މެޗު އޮންނާނީ 9 ފެބްރުއަރީގައި ޔުވެންޓަސްގެ ދަނޑުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!